ސިފައިންގެ ޓްރޭނިންއެއް ހެދުމަށް ލ. ކައްދުއަށް ގޮސް ތިއްބައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 59 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި މައުލޫމާތަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ރާއްޖެއިން ޖުމުލަ 86 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ބޭރުން ޕޮޒިޓިވްވި 29 މީހަކު ހިމެނެއެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކައްދޫއިން ޕޮޒިޓިވްވި 24 މީހުން ހިމެނޭ ކަމަށާއި ދެން ހިމެނެނީ ށ. ށ. ފޯކައިދޫން ޕޮޒިޓިވްވި މީހަކާއި ހއ. ދިއްދޫން ޕޮޒިޓިވްވި ހަތަރު މީހުން ކަމަށެވެ.

ކައްދޫގައި ޓްރޭނިންގައި ތިބި ސިފައިންގެ ތެރެއިން ބަޔަކު ފުރަތަމަ ކޮވިޑް 19އަށް ޕޮޒިޓިވްވީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެދުވަހު ޕޮޒިޓިވްވީ 25 މީހެކެވެ.

ކައްދޫގެ އިތުރުން ސިފައިންގެ ތަމްރީނުތައް ކުރިއަށްގެންދާ ގިރިފުށިން ވެސް މީގެ ކުރިން ގިނަ އަދަދެއްގެ ސިފައިން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.