(05 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
އިރުކޮޅެއްގެފަހުން އޭނާ ފުރޮޅިވަޑައިގެންފައި އަލިފާން އަންދާ ތަނުގައި ރޯކޮށްފައިހުރި އަލިފާނާ ދިމާޔަށް ބައްލަވާން އޮންނަވަނިކޮށް ޒަރުބަޚުތު މަޑުމަޑުން އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. އާދުމާން ކުއްލިޔަކަށް އެނބުރިވަޑައިގެން ބައްލަވައިލެއްވުމަށްފަހު ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ.
ޒަރުބަޚުތު އާދުމާނުގެ އަރިހުގައި އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ހީކުރީ ކަލާ އަވަހާރަފުޅު ލައްޕަވައިފާނެ ކަމުގައެވެ."
"އަޅުގަނޑު މިއޮންނަނީ ކަލާގެ އިންތިޒާރުގައެވެ. އޭނާ ވަޑައެއް ނުގަންނަވާނެތޯއެވެ؟"
"ކާކުތޯއެވެ. حسّان ތޯއެވެ. އޭނާ އެހެން ކޮޓަރިޔަކަށް ވަޑައިގެންފިއެވެ."
އާދުމާން އިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު ވިދާޅުވިއެވެ. "އަޅުގަނޑު ކަލާގެ އަރިހުން ވަރަށްގިނަ ވާހަކަ އަހަން ބޭނުމެވެ. ކަލާ ވަޑައިނުގެންނެވިނަމަ އަޅުގަނޑުގެ ގާތަށް މިރެޔަކު ނިންޖެއް ނައީހެވެ. އަޅުގަނޑު ކިސްރާގެ އަރިހުގައި މަދާއިނުން ފިލިއިރު ކަލާގެމަތީން ވަރަށްބޮޑަށް ހަނދާންވިއެވެ. އެކަމަކު އެޙާލަތުގައި އަޅުގަނޑުގެ ފުރާނަޔާ ކުޅެގެންވެސް އަޅުގަނޑަށް ކޮށްދެވޭނެ އެއްވެސްކަމެއް ނެތެވެ."
ޒަރުބަޚުތު އާދުމާނަށް ތަސައްލީ ދެއްވަމުން ވިދާޅުވިއެވެ. "އަޅުގަނޑުގެ އެއްވެސް ޝަކުވާއެއްނެތެވެ. ކަލާގެ ބަދަލުގައި އަޅުގަނޑު ހުރިކަމުގައި ވީނަމަވެސް ކަންތައްކުރެވުނީހީ ތިޔަގޮތަށެވެ."
"އެއްސުވާލެއް ތަކުރާރުކޮށް އަޅުގަނޑުގެ ދޫމައްޗަށް އާދެއެވެ. ނަމަވެސް އަޅުގަނޑަށް އެސުވާލު ކުރުމުގެ ހިތްވަރެއް ނުލިބެއެވެ."
"ކަލާ ސުވާލުކުރައްވަން ބޭނުންފުޅުވަނީ އަޅުގަނޑުގެ ކޮއްކޮއާ ބެހޭގޮތުން ދޮގެއްތޯއެވެ؟"
"އާދޭހެވެ! ކަލާ ފެނުމާއެކު އަޅުގަނޑުގެ ހިތުގައި މޮޅިވެރިކަމާއި ލަދުވެތިކަން ނުއުފެދުނުނަމަ އަޅުގަނޑުގެ އެންމެފުރަތަމަ ސުވާލަކަށްވީހީ އެސުވާލެވެ. އަޅުގަނޑު ހީކުރީ ކަލާ އަޅުގަނޑާ އެސުވާލު ކުރައްވާނެ ކަމުގައެވެ. އަޅުގަނޑަށް އެސުވާލުކުރާން ނުޖެހޭނެ ކަމުގައެވެ. ކަލާ އަޅުގަނޑު މިކޮޓަރިޔަށް ގެންނެވިއިރު މިކޮޓަރީގައި ކަލާގެ ކޮމާންޑަރ އިންނެވިއެވެ. އޭނާގެ ކުރިފުޅުމަތީގައި ކަލާގެ ކޮއްކޮގެ ނަންފުޅު ބޭނުންކުރާކަށެއް އަޅުގަނޑަކަށް ނުކެރުނެވެ. ކޮންމެއަކަސް އަޅުގަނޑަށް އޭނާއަކީ ދުރުހިލޭ މީހެކެވެ."
ޒަރުބަޚުތު ހިނިފުޅު ވަޑުވައިލެއްވިއެވެ. "އާދުމާނެވެ! އެ ދުރުހިލޭ މީހާއަކީ ماه بانو ގެ ފިރިކަލުންނެވެ. މިހާރު ކަލާގެ ހިތްޕުޅުގައި އެއްވެސް ބުރައެއް އޮވެގެން ނުވާނެއެވެ."
"އޭނާގެ ވާހަކައިން ހީވަނީ އީރާނީއެއް ހެންނެވެ."
"ނޫނެކެވެ! އޭނާއަކީ ޢިރާޤުގެ ޢަރަބި ޚާންދާނެއްގެ ބޭފުޅެކެވެ. ކިސްރާގެ ސިފައިންގެ މީހެއްގެ ހައިސިއްޔަތުން އޭނާ ވަނީ ރޫމީންނާ ހަނގުރާމަ ކުރައްވައިފައެވެ. ނަމަވެސް އެރަސްކަމެއް ޙިމާޔަތް ކުރައްވަން އޭނާ ފުރާނަފުޅު އަތްތިލަފުޅުމައްޗަށް ލައްވައިގެން ހަނގުރާމަކުރެއްވި ރަސްކަމަށް އޭނާޔަށް އެރުވުނު ބަދަލަކީ އަނިޔާ ލިބިވަޑައިގެންނެވުމުގެ އިޙުސާސާއި އާރެއް ބާރެއް ނެތްކަމުގެ ކަރުނައެވެ. އަނިޔާއާއި ވަހުޝީކަމުގެ އަނދިރިކަން އޭނާ ކޮއްޕައި ފޮނުވައިލީ ބަހުރައިނާ ދިމާޔަށެވެ. އޭރު އޭނާ ހުންނެވީ ގިނިކަންޏާއެވެ. އެކަމަކު އޭނާ އެނބުރި ވަޑައިގެންނެވީ ޙައްޤު ދީނުގެ އަހުލުވެރީންގެ ޤާފިލާއަކާ އެކުގައެވެ. އެ ޤާފިލާ ދަތުރުކުރި މަގުތަކުގައިވަނީ އިންސާނީ މަތިވެރިކަމުގެ ބައްތިތައް ދިއްލިފައެވެ. އެ ޤާފިލާއިން ވަނީ އަޅުންނާއި ސާހިބުންގެ ދުނިޔޭގައި އިންސާނިއްޔަތުގެ ދިދަތައް އުފުލައިލައިފައެވެ.
އާދުމާން ވިދާޅުވިއެވެ. "ކަލާގެ ޙަޔާތްޕުޅުގެ މިސުރާބު ބަދަލުކޮށްލި މީހެއްގެ ޙަޔާތުގެ ވާހަކަޔަކީ އަޅުގަނޑު ޝައުޤުވެރިކަން ކުޑަ ވާހަކަޔަކަށް ނުވާނެއެވެ. އެކަމަކު ކަލާ އަޅުގަނޑުގެ ގާތަކު يـاسمـين ގެ ވާހަކައެއް ވިދާޅެއް ނުވަމުއެވެ."
"يـاسمـين ވަނީ އަޅުގަނޑުގެ ޙަޔާތުގެ ބައިވެރިޔަކަށްވެފައެވެ. މަޢާފު ކުރައްވާށެވެ. އަދިވެސް އަޅުގަނޑަކަށް ކަލާގެ އާއިލާގެ ހާލުކޮޅުގެ ވާހަކަ އަހައެއް ނުލެވެއެވެ."
"އަޅުގަނޑުމެން ކިސްރާގެ އަރިހުގައި ދިޔައީ ހުލުވާނަށެވެ. އަޅުގަނޑަށް ޖަލޫލާއަށް ދާންޖެހުނީ ކުޑަކުޑަ ދެއަންހެން ކޮއްކޮއިންނާއި ފިރިހެން ކޮއްކޮއަކު އަޅުގަނޑުގެ މާބެގެ އަރިހުގައި ބައިތިއްބައިފައެވެ. އަޅުގަނޑު ޖަލޫލާއިން އައީ ހަނގުރާމައިގައި ޒަޚަމުވެގެންނެވެ. ހުލުވާނަށްދާ މަގުމަތީގައި އަވަށެއްގައި ދަނޑުވެރިޔެއްގެ ގޭގައި އަޅުގަނޑު ހަތަރުދުވަސް ވަންދެން ފިލައިހުރީމެވެ. އެދުވަސްވަރު މުސްލިމުން ހުލުވާނު ހިފައިފިއެވެ. އެކަމާހުރެ އަޅުގަނޑަކަށް އެރަށަކަށް ނުދެވުނެވެ. މިހާރު އެކުދީންވީ ކޮންތަނެއްގައި ކޮންހާލެއްގައި ކަމެއް ނޭނގެއެވެ. އަޅުގަނޑު އިންނާން އުޅުނު ކުއްޖާގެ މައިންބަފައިން މަދާއިން ދޫކޮށްލާކަށެއް އެއްބަހެއް ނުވިއެވެ. އަޅުގަނޑުގެ ހުރިހައި އުންމީދެއް އަޅުގަނޑު ގުޅުވީ ޝަހެންޝާހުގެ ފަތަޙަ އާއެވެ. އެކަމަކު މިހާރު އަޅުގަނޑު ދެކޭގޮތުގައި އީރާނުގައި ސާސާނީންގެ ދިދަ ވަނީ އަބަދަށްޓަކައި އެކޮޅުކޮޅުން ޖެހިފައެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "ކަލާގެ ގާތްތިމާގެފުޅު ބޭފުޅުން ހުލުވާނުގައި ނުވަތަ މަދާއިނުގައި ތިއްބެވިކަމުގައިވާނަމަ ކަލާއަށް ވަރަށް އަވަހަށް އެބޭފުޅުންނާ ބައްދަލުވެވަޑައިގެންނެވޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަމެވެ. ކަލާ ވަޑައިގެންނެވީ ކިސްރާގެ އަރިހުގައިކަން އަޅުގަނޑަށް އެނގިފައި އޮތްނަމަ ކަލާއާ އިސްތިޤުބާލު ކުރެއްވުމަށްޓަކައި އެބޭފުޅުން މި ކިއްލާގައި ތިއްބެވުމަކީވެސް އެކަށީގެންނުވާ ކަމެއްނޫނެވެ."
"އާދުމާނުގެ ހިތްޕުޅުގައި އުންމީދު އާވުމާއެކު ވިދާޅުވިއެވެ. "އެބޭފުޅުން އަޅުންނަށާއި ބާނދީންނަށް ނެހެދޭކަން ކަލާޔަށް ޔަގީންފުޅުތޯއެވެ؟"
"އާދޭހެވެ! ފަތަޙަކުރެވޭ ރަށްރަށުގެ އަހުލުވެރީންގެ ޖާނާއި މާލާއި ޢިއްޒަތް ރައްކާތެރިކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް މަސްއޫލިއްޔަތެވެ."
"އަޅުގަނޑަށް ހުލުވާނަށް ނުވަތަ މަދާއިނަށްދާން ހުއްދަ ލިބޭނެކަންވެސް ކަލާއަށް ޔަގީންފުޅުތޯއެވެ؟"
"އާދޭހެވެ!"
"ކޮންއިރަކުތޯއެވެ؟"
"ކަލާ ބޭނުންފުޅު ކޮންމެއިރަކު ވަޑައިގެންނެވިދާނެއެވެ. އާދުމާނެވެ! އީރާނަކީ ކަލާގެ ވަޒަނެވެ. ކަލާ މިބަދަލުވެފައިވާ ދުނިޔެ އަޅުގަނޑާއި حسّان ގެ ނަޒަރުން ބައްލަވައިލެއްވުމުން އެނގިވަޑައިގަންނަވަނީ އީރާނު ފިޔަވައި ޝާމުކަރައާއި މިސުރަކީވެސް ކަލާގެ ވަޒަންކަމެވެ. އިސްލާމްދީން މިދުނިޔެއަށް އައިސް މިދުނިޔެއިން ނައްތައިލީ ހަމައެކަނި ސާހިބުންނާއި އަޅުންގެ ތަފާތެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ޤަބީލާތަކާއި ނަސްލުތަކުގެ މެދުގައިވާ ނަފުރަތުގެ ފާރުތައްވެސް ވަނީ ތަޅައިލައިފައެވެ. އާދުމާނެވެ. ޙަޔާތުގެ ކޮންމެ އާމަންޒިލެއްގައި ފިޔަވަޅު އަޅާއިރު އަޅުގަނޑު ކަލާއަށް އިންތިޒާރު ކުރީމެވެ. މަދާއިނު ފަތަޙަވި ދުވަހު ކަލާއަށް މަދާއިނުގައި މަޑުކުރެއްވުނު ނަމައެވެ. އެހެންނަމަ ކަލާވެސް ފިލަމުން ނެތެމުންދާ އަނދިރިކަމާއެކު ދުވެވަޑައިގެންނެވިޔަނުދީ އަޅުގަނޑަށް ހުއްޓުވުނީހެވެ. ވެއްޓެމުންދާ ފާރުތަކުގައި ކޮނޑުފުޅު ވިއްދެވުން މަނާކުރެވުނީހެވެ. ދެން އަވަހާރަފުޅު ލައްޕަވާށެވެ. އަޅުގަނޑުމެން މާދަމާ ހަތަރުދަމު ވާހަކަ ދައްކާނީއެވެ."
"ނޫނެކެވެ. ދެނެއް އަޅުގަނޑުގެ ގާތަކަށް މިރެޔަކު ނިންޖެއް ނާންނާނެއެވެ. އަޅުގަނޑު ބޭނުމީ ކަލާގެ ވާހަކަފުޅު އަޑުއަހާށެވެ. އެކަންތައްތަކެއްގެ ސަބަބުން އަޅުގަނޑުމެން ދެމީހުންގެ ޙަޔާތުގެ މަގު އެކަކު އަނެކަކާ ތަފާތުވި ހުރިހައި ކަންތައްތަކެއް އެނގޭން އަޅުގަނޑު ބޭނުމެވެ. حسّان ގެ ވާހަކަވެސް އަޅުގަނޑު އަޑުއަހަން ބޭނުމެވެ. ޢަރަބިކަރައިގެ ސަހަރާތަކުގެ އަހުލުވެރީންނަށް ރޫމީންނާއި އީރާނީންގެ ޝަހެންޝާހިއްޔަތާ ދެކޮޅަށް ތެދުވުމުގެ ކެރުމާއި ހިތްވަރާއި ފަންވަރު ލިބުނީ ކޮން މުޢުޖިޒާއެއްގެ ސަބަބުންކަންވެސް އެނގޭން އަޅުގަނޑު ބޭނުމެވެ. ތިޔަބޭފުޅުން ސާހިބުންނާއި އަޅުންގެ މެދުގައި ތަފާތެއް އޮންނާކަށެއް ރުހިވަޑައެއް ނުގަންނަވަމުއެވެ. ތިޔަބޭފުޅުންގެ މަޤުޞަދަކީ ފަތަޙަ ކުރެއްވޭ ޤައުމުތަކުގެ މީހުންގެ ޖާނާއި މާލާއި ޢިއްޒަތާއި އަބުރު ޙިމާޔަތް ކުރެއްވުމެވެ. އެހެންކަމުގައިވާނަމަ ހަނގުރާމައިގެ މައިދާނުގައި ތިޔަބޭފުޅުންގެ ލޭފޮދު އޮހޮރައިލެއްވުމުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ ލައްޒަތަކީ ކޮބައިތޯއެވެ؟"
ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "އަޅުގަނޑާއި حسّان ގެ ވާހަކައަކީ ބިރުވެރި އަނދިރިކަމުގެ ތެރޭގައި ގަނަތެޅުމަށްފަހު އަލިކަން ފެނުނު އެތަކެއްހާސް އިންސާނުންގެ ވާހަކައެވެ. އަޅުގަނޑަށް ޔަގީނެވެ. ކަލާގެ ހުރިހައި ސުވާލުތަކަކަށް އެވާހަކައިން ޖަވާބު ލިބިވަޑައިގަންނަވާނެއެވެ."
އާދުމާން ނުހަނު ޝައުޤުވެރިކަމާއެކު ޒަރުބަޚުތާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. ޒަރުބަޚުތު ކުޑައިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު އޭނާގެ ވާހަކަފުޅު ފައްޓަވައިފިއެވެ.
+ + + + +
އޭގެ އަނެއްދުވަހު އާދުމާން ހޭފުޅުލެއްވިއިރު ޒަރުބަޚުތުގެ އެނދުހުރީ ހުހަށެވެ. އޭނާ އިރުކޮޅެއްވަންދެން ހަރަކާތެއްނެތި ހިމޭނުން އޮންނެވިއެވެ. އިރުކޮޅަކުން އޭނާއަށް އިވިވަޑައިގެންނެވީ މީހަކު ދޮރާ ދިމާޔަށް ހިނގައިފައި އަންނަ އަޑެވެ. އޭނާ ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. އިރުކޮޅަކުން އެކޮޓަރިޔަށް ވެދެވަޑައިގެންނެވީ حسّان އެވެ. އޭނާ ކުޑަދޮރު ހުޅުއްވައިލެއްވުމަށްފަހު އާދުމާނުގެ އަރިހުގައި އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ބައްލަވާށެވެ! އުޑުމަތި ސާފުވެއްޖެއެވެ. އަވިދޭންވެސް ފަށައިފިއެވެ."
އާދުމާން ވިދާޅުވިއެވެ. "ހީވާގޮތުން އަޅުގަނޑަށް ވަރަށްގިނައިރު ނިދިއްޖެއެވެ."
"އަޅުގަނޑު ފަތިހުވެސް އައީމެވެ. އެކަމަކު ކަލާ ހޭފުޅުލައްވުވަން ނުފެނުނީއެވެ. ޒަރުބަޚުތު ވިދާޅުވިގޮތުގައި ކަލާ ރޭގައި އަވަހާރަފުޅު ލެއްޕެވީ ވަރަށް ލަހުންނެވެ."
"ފަތިސްވުމާއެކު އަޅުގަނޑުގެ އެކުވެރީންގެ ޚަބަރުބަލާން ޖެހޭނެއެވެ. އެބޭފުޅުން އަޅުގަނޑަށް އިންތިޒާރު ކުރައްވާނެއެވެ."
حسّان ވިދާޅުވިއެވެ. "ކަލާ އެބޭފުޅުންނާމެދު ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. ޒަރުބަޚުތު ވަޑައިގެންނެވީ އެބޭފުޅުންގެ އަރިހަށެވެ. އޭނާ ވަރަށް އަވަހަށް އެބޭފުޅުން ގޮވައިގެން މިތަނަށް ވަޑައިގެންފާނެއެވެ."
حسّان އާއި އާދުމާނާ ދެބޭފުޅުން އިރުކޮޅެއްވަންދެން ހަނުހިމޭނުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވާން ތިއްބެވިއެވެ. އެންމެފަހުން އާދުމާނު ވިދާޅުވިއެވެ. "އަޖައިބުވާފަދަ ކަމެކެވެ. އިއްޔެއާ ހަމަޔަށްވެސް ކަލާއަކީ އަޅުގަނޑަށް މުޅީން ދުރުހިލޭ ބޭފުޅަކީމުއެވެ. އެކަމަކު މިއަދު އަޅުގަނޑަށް ހީވަނީ އެތައް އަހަރެއްގެ ކުރީއްސުރެ އަޅުގަނޑު ކަލާ ދަންނަހެންނެވެ. ޒަރުބަޚުތު ވަނީ އަޅުގަނޑުގެ ލޯމަތީން ހުރިހައި ފަރުދާތަކެއް ނަންގަވައި ދެއްވައިފައެވެ. ނަމަވެސް އަދިވެސް އެއް ސުވާލެއް އަޅުގަނޑުގެ ސިކުނޑީގައި އެނބުރެމުން އެބަދެއެވެ. ޒަރުބަޚުތު ރޭގައި ވަނީ ޢަރަބީންނާއި އީރާނީންނާ ދެމެދު ހިނގައިފައިވާ ބޮޑެތި މަޢުރިކާތަކާމެދު އޭނާގެ އިޙުސާސުތައް އަޅުގަނޑަށް ބަޔާންކޮށްދެއްވައިފައެވެ. އެވާހަކަފުޅުތަކާ ގުޅިގެން އަޅުގަނޑުގެ ސިކުނޑީގައި ސުވާލެއް އެބައެނބުރެއެވެ. ސަހަރާތަކުގެ އަހުލުވެރީން އެބޭކަލެއްގެ ޒަޢާމަތުގައި ޒަމާނުގެ ތާރީޚުގެ އޮއިވަރު ބަދަލުކޮށްލި މަތިވެރި ވެރިޔާގެ ޚިޔާލީ ތަސްވީރުތަކެއް އެނބުރެމުން އެބަދެއެވެ. އަޅުގަނޑު ބޭނުންވީ عمـر بــن الخطّاب އާ ބެހޭގޮތުން ސުވާލު ކޮށްލާށެވެ. ނަމަވެސް ޒަރުބަޚުތުގެ އަރިހަށް އަވަހާރަފުޅު އަތުވެއްޖެއެވެ."
حسّان ޖަވާބު ދެއްވިއެވެ. "އަޅުގަނޑުމެން އެކަލޭގެފާނާ މުޚާޠަބުކުރަނީ أميـرالمؤمنـين ގެ ނަންފުޅުންނެވެ. އެކަމަކު އެކަލޭގެފާނަކީ ޤައިސަރާއި ކިސްރާއަށް އެބޭފުޅުންގެ ރައްޔިތުންގެ މައްޗަށް ލިބިވަޑައިގެންފައިވާފަދަ އިޚުތިޔާރުތަކެއް އަޅުގަނޑުމެންގެ މައްޗަށް ލިބިވަޑައިގެންފައިވާ ވެރިޔެއް ނޫނެވެ. ޢަޖަމީންގެ ރަސްރަސްކަލުންގެ ކޮންމެ އަމުރުފުޅަކީ އެބޭފުޅުންގެ ރައްޔިތުންގެ ކުރިމަތީގައި ޤާނޫނެއްގެ ދަރަޖަ ލިބިފައިވާ އަމުރުފުޅެކެވެ. އެކަމަކު فـاروق الأعظـم އަށް އިސްލާމީ އިންތަކުގެ ބޭރަކުން އަޅުގަނޑުމެންގެ މައްޗަކަށް އެއްވެސް އަމުރުފުޅެއް ނުކުރެއްވޭނެއެވެ."
"އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެއްވެސް މުސްލިމަކަށް ކަލޭގެފާނުގެ މިވެނި އަމުރުފުޅެއް އިސްލާމީ ޤާނޫނާ އެއްގޮތޭ އެވެނި ޙުކުމްފުޅެއް އިސްލާމީ ޤާނޫނާ ޚިލާފޭ ބުނެވިދާނެތޯއެވެ؟"
"އިސްލާމީ ޤާނޫނާ ފުށުއަރާ ގޮތަކަށް އެކަލޭގެފާނު އެއްވެސް އަމުރުފުޅެއް ކުރައްވައިފާނެކަމަކަށް މުސްލިމަކަށް ޚިޔާލެއްވެސް ނުކުރެވޭނެއެވެ. އެހެންކަމާއެކުވެސް އެކަލޭގެފާނު އެފަދަ އަމުރުފުޅެއް ކުރައްވައިފިނަމަ އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަމާ އިޢުތިރާޟުކޮށް މޮށެހެދުމަކީ ރަށްފުށުގެ ބަދަވީއަކަށްވެސް ޙައްޤު ލިބިގެންވާ ކަމެކެވެ. އަޅުގަނޑުވަނީ އާއްމުންގެ ކުރިމަތީގައި މީހުން އެކަލޭގެފާނުގެ ވާހަކަފުޅަށް އިޢުތިރާޟުކުރުމުން އެކަލޭގެފާނު އެބައިމީހުންނަށް ޖަވާބުދާރީ ވެވަޑައިގެންނެވިތަން ދެކެފައިވާ އެތައްބަޔަކާ ބައްދަލުވެފައެވެ."
އާދުމާނު ވިދާޅުވިއެވެ. "އެކަލޭގެފާނު ވަނީ ޤައިސަރާއި ކިސްރާގެ ބޮޑާފުޅުކަން ވެއްޔާ މޮޑުއްވައިފައިކަން އަޅުގަނޑުވެސް ގަބޫލުކުރަމެވެ. އެކަލޭގެފާނުގެ ބާރުފުޅާއި ހައިބަތު އަޅުގަނޑަށްވެސް އަންދާޒާ ކުރެވެއެވެ. އަޅުގަނޑު ގަބޫލުކުރަމެވެ. ދުނިޔެ ދުށް އެއްވެސް ފާތިޙަކަށް އެކަލޭގެފާނާ ވަރުންއެޅޭ ކަމަކަށެއް ދަޢުވާއެއް ނުކުރެވޭނެއެވެ. އެކަމަކު އަޅުގަނޑުގެ ސުވާލަކީ އެއްވެސް ޢަރައްބަކަށް ޚާއްޞަކޮށް އެއްވެސް މުސްލިމަކަށް އެކަލޭގެފާނާ ދިމާޔަށް ބަލައިލައި އެކަލޭގެފާނާ ވާހަކަ ދައްކައި އުޅެން ކެރިދާނެތޯއެވެ؟"
حسّان ހިނިފުޅު ވަޑުވައިލެއްވިއެވެ. "ކަލާ އީރާނީއެއްގެ ހައިސިއްޔަތުން ވިސްނައި ވަޑައިގަންނަވާނަމަ عمـر بــن الخطّاب ގެ އެތައްކަމެއް ކަލާއަށް ވިސްނިވަޑައެއް ނުގަންނަވާނެއެވެ. ކަލާ ވަނީ ކިސްރާގެ ކޮއިލާއި ގަނޑުވަރުތައް ދެކެވަޑައިގެންފައެވެ. ކަލާ ވަނީ އިންސާނުންގެ މައްޗަށް ކަލުންކަމުގައި ވެވަޑައިގަތުމުގެ ދަޢުވާކުރައްވާ ވެރީންގެ ތާޖާއި ތަޚުތު ދެކެވަޑައިގެންފައެވެ. ކަލާއަށް އަބަދުވެސް ރަސްރަސްކަލުން ފެނިވަޑައިގެންފައިވާނީ ޖަވާހިރުން ޖަރީކޮށްފައިވާ ޖުއްބާކޮޅުތައް ތުރުކުރައްވައިގެން ތިއްބަވަނިކޮށެވެ. ނަމަވެސް ކަލާއަށް ކޮންމެވެސް ދުވަހަކުން މަދީނާއަށް ވަޑައިގެންނެވުމުގެ ނަސީބު ލިބިވަޑައިގެންފިނަމަ ފެނިވަޑައިގަންނަވާނީ އެބޭކަލެއްގެ އުއިފަލަ ފޮތީގެ ގަމީސްކޮޅުގައި ވީދިގެން ފޮތިއަޅައިފައިވާ ވެރިޔެކެވެ. އެކަލޭގެފާނު ހިކި ރޮށީގެ ކޯވަރެއް އަނގަފުޅަށް ލައްވާއިރުވެސް އެކަލޭގެފާނުގެ ރައްޔިތުންގެ ތެރެއިން މީހަކު ހައިހޫނުކަމުގައި ހުރެދާނެތީ ފިކުރުފުޅު ބޮޑުވެއެވެ. ހަތިޔާރުއެޅި ފާރަވެރިޔަކު ނެތި އެކަލޭގެފާނު ބޭރަށް ނުކުމެވަޑައިގަންނަވައެވެ. މަދީނާގެ ރަށްބޭރުގެ ގަސްތަކުގެ ހިޔަލުގައި ހިތްޕުޅު ހަމަޖެހިވަޑައިގެން އޮންނަވައި އަވަހާރަފުޅު ލައްޕަވައެވެ. އެކަލޭގެފާނު އަރާމުކުރައްވާކަށެއް ގަނޑުވަރެއް ނާޅުއްވައެވެ. ރައްކާތެރިވެވަޑައިގަންނަވާނެ ކިއްލާއެއް ބިނައެއް ނުކުރައްވައެވެ. އެކަލޭގެފާނުގެ ވެރިކަން ދިފާޢުކުރެއްވުމަށްޓަކައި ޖާސޫސުން ބޭނުން ކަމަކަށެއް އިޙުސާސެއް ނުކުރައްވައެވެ. މަދީނާގެ އެންމެ ނިކަމެތި ދެރަ ފަގީރުންވެސް ދެކޭނީ އެކަލޭގެފާނަކީ އެބައިމީހުންގެ ތެރެއިން އެކަކު ކަމުގައެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު