ޓީޓީ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ކުރީގެ މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ)ގެ މައްސަލަ ބެލުމަށް ފަހު ނަސޭހަތްތެރިވެ މާފަށް އެދެން އަންގައިފިއެވެ.
ޓީޓީ އެސޯސިއޭޝަނުން އަލިބެގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަން ފެށީ މިދިޔަ މަހުގެ ތެރޭގައެވެ. ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި މިހާރުގެ ކޯޗު އަލިބެ މިދިޔަ އިންތިހާބުގެ ކުރިން އެސޯސިއޭޝަންގެ އިންތިހާބު ހުއްޓުވައިދިނުމަށް ސިވިލް ކޯޓަށް މައްސަލައެއްވެސް ވައްދާފައިވާ އިރު، އެ އިންތިހާބު ކޯޓާ ހަމައަށް ދިޔުމުން ރާއްޖޭގެ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހިދާނެކަމުގެ އިންޒާރުވެސް ދުނިޔޭގެ މައި އިދާރާ، ވޯލްޑް ޓީޓީ ފެޑަރޭޝަނުން ވަނީ ދީފައެވެ.
އިންތިހާބު ހުއްޓުވުމަށް އަލިބެ އޭރު ކޯޓަށް ވެއްދި މައްސަލަ މިހާރު އަނބުރާ ނަގާފައިވާ އިރު، އަލިބެގެ ސަސްޕެންޝަނާ ގުޅޭގޮތުން ޓީޓީ އެސޯސިއޭޝަންގެ ރައީސް، އަލީ ރަޝީދު (އައްޔަ) "ވަން"އަށް ވިދާޅުވީ އަލިބެގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި މައްސަލައިގައި ވަކި އެއްޗެއް އަންގަން ޖެހޭ ހިސާބުން އަލިބެއަށް ވެސް ތަފްސީލުތައް ދޭނެ ކަމަށެވެ.
އެ މައްސަލައިގެ ތަފްސީލާއެކު އަލިބެއަށް ޓީޓީ އެސޯސިއޭޝަނުން ސިޓީއެއް ފޮނުވާފައި ވެއެވެ. އެގޮތުން ހިންގާ ކޮމިޓީ މެންބަރެއްގެ ގޮތުގައި ހުރެ ސްޕޯޓްސް ކައުންސިލާއި ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނިންމުންތަކަށް އިހުތިރާމް ކުރުމެއް ނެތި، އެ އެސޯސިއޭޝަނާ ގުޅޭ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅުމާއި، ކުޅިވަރުގެ ކަމެއްގައި ކޯޓަށް ދިއުމަކީ އޮލިމްޕިކް ޗާޓަރާ ވެސް ހިލާފުކަމެއް ކަމަށް ސްޕޯޓްސް ކައުންސިލުން އަންގާފައިވަނިކޮށް، އެނިންމުމަށް ވެސް އިހުތިރާމް ނުކުރުން ހިމެނެއެވެ. އޭގެ އިތުރުން އެސޯސިއޭޝަނާ ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ދެއްކުންވެސް ހިމެނެއެވެ.
ޓީޓީ އެސޯސިއޭޝަނުން ފޮނުވި ސިޓީގެ ޖަވާބުގައި އަލިބެ ވަނީ އަންގާރަ ދުވަހު ސިޓީއެއް ފޮނުވައިފައެވެ. އަލިބެގެ ސިޓީގައި އެދިފައިވަނީ ބެލި މައްސަލައިގައި މާފަށް އެދުމުގެ ކުރިން ކޮންމެހެން ސާފުވާން ޖެހޭ ކަންކަން ހުރި ކަމަށާއި، އެ ކަންކަން ސާފުކޮށްދީ، މައްސަލައިގެ އިތުރު ތަފްސީލު ދޭން އެދޭ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު