ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގާޒީ އިބްރާހީމް އަލީގެ މައްޗަށް އެ ކޮމިޝަނުން ތަހުގީގުކުރި މައްސަލައަކާ ގުޅިގެން އޭނާގެ މައްޗަށް ސާބިތުވި ކަންތައްތަކަކީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ 142 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1، 1.5، 3.1، 3.2، 6.1، 6.2، 6.4، 6.5 ވަނަ ނަންބަރާ ކަނޑައެޅިގެން ހިލާފަށް އޭނާ ކޮށްފައިވާ އަމަލުތަކެއް ކަމަށެވެ.

"މި އަމަލުތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކަމަށް ވާތީ ޖޭއެސްސީގެ ގާނޫނުގެ 1-32 (ހ)ގެ ހަތަރު ވަނަ ނަންބަރުގެ ދަށުން، ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުން ވަނީ ނިންމާފައި،" ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ގާޒީ އިބްރާހީމް އަލީގެ މައްޗަށް ޖޭއެސްސީން ތަހުގީގުކޮށްފައިވާ މައްސަލައަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ޝަރީއަތް ނިމެންދެން މައްސަލައިގައި ތުހުމަތުކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކުރުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުވާ ލިބޭ ފަރާތްތަކުގެ އެދުމުގެ މަތިން އެ ހުރިހާ ފަރާތްތަކެއް ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓުގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމަށް ގޮތް ނިންމި އުސޫލުތައް ގޯސް ކަމަށާއި ޕީޖީ އޮފީހުން އެމީހުންގެ ބަންދާ ގުޅޭގޮތުން މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެދެފިނަމަ، އެމީހުންގެ ބަންދު މުރާޖައާކޮށް އެ މައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަންވާނެ ކަމަށް ހައިކޯޓުން ނިންމި ނިންމުންތަކާ އެއްގޮތަށް އަމަލުކުރުން އިބްރާހީމް އަލީ ގަސްތުގައި ލަސްކޮށްފައިވާ މައްސަލައެވެ.

މީގެ އިތުރުން އެ މައްސަލައިގައި ހިމެނޭ ތ. ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްސަލައިގައި، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުން ބާތިލުކޮށް ނިންމި ނިންމުމުގައި އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދި ޕީޖީގެ ފަރާތުން ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، އެ ކޯޓަށް އެ މައްސަލަ ހުށަހަޅާ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި މޫސާ އިބްރާހީމްގެ ބަންދާ މެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންޖެހޭނެއެވެ.

ޕީޖީ އޮފީހުން ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައި މުހުލަތުގައި ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހެޅި ނަމަވެސް، ގާޒީ އިބްރާހީމް އަލީ ގަސްތުގައި، ހައިކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުނުކޮށް އެ މައްސަލަ ލަސްކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޕީޖީ އޮފީހުން ތަކުރާރުކޮށް ފޮނުވަމުން ދިޔަ ސިޓީތަކަށް އަޅާލުމެއްނެތި، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަންދާ މެދު ގޮތެއް ނިންމުން ގަސްތުގައި ދިގުދަންމާފައިވާކަމާއި އެންމެ ފަހުން ގާޒީ އިބްރާހީމް އަލީ އެ މައްސަލައިގައި އަޑުއެހުމެއް ބޭއްވީ ހައިކޯޓުން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ގާޒީ އިބްރާހީމް އަލީގެ ބަސްމަގު ހުރިގޮތުން ދައުވާ ލިބޭ މީހުންނަށް ހިތްވަރު ލިބޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވޭ ކަމަށާއި އެ މީހުން ބަންދު ކުރަނީ ފަނޑިޔާރު ބޭނުންވެގެން ނޫންކަމާއި މަތީމަރުހަލާގެ ކޯޓަކުން އެގޮތަށް އަމުރުކޮށްފައިވާތީ މަޖުބޫރީ ހާލަތެއްގައިކަން ދޭހަވާ ފަދަ މޭރުމަކުން ހައިކޯޓުގެ ހުކުމުގެ ހުރުމަތަށް އަސަރުކުރާ ގޮތަށް އިބްރާހިމް އަލީގެ ބަސްމަގު ބައްޓަންކޮށްފައިވާކަން ވެސް ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

"އިސްވެ ދެންނެވުނު މައްސަލައިގައި، ބާވަތަށާއި ހުށަހެޅިފައިވާ ހެއްކަށާއި ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖޭއެސްސީގެ ގާނޫނު ނަންބަރު 10/2010 ގެ 25 ވަނަ މާއްދާގެ (ނ) އާ ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، އެ މައްސަލަ ބެލި ތަހުގީގް ކޮމިޓީގެ ހުށަހެޅުމާ އެއްގޮތަށް ގާޒީ އިބްރާހިމް އަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ވެސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައި،" ޖޭއެސްސީން ބުންޏެވެ.

ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމިއިރު އަދިވެސް އޭނާގެ ސުލޫކާ ގުލޭ އިތުރު ތިން މައްސަލައެއް ދަނީ ޖޭއެސްސީން ބަލަމުންނެވެ.