ކޮވިޑް ހުއްޓުވާނީ އަހަރެން

ސްކޫލްތައް ހުޅުވިއިރު އަހަރެމެން ތައްޔާރުތަ؟

"ކްލާހަށް ދަރިވަރުން ގެނެސްގެން ކިޔަވައިދިނީމާ ދަރިވަރުންނަށް އެތައް އެޑްވާންޑޭޖްތަކެއް އެބަ ލިބޭ،" މާލެ ސަރަހައްދުގެ ސްކޫލްތައް އަލުން ހުޅުވުމާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވައިދޭ ގަޑި އިތުރު ކުރުމާ ބެހޭ މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އޮންލައިން ކްލާސްތަކުން ނުލިބޭ އެތައް ކަމެއް ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ލިބެ އެވެ. އޭނާ ވިދާޅުވީ، ސްކޫލްތައް ބަންދުކޮށްފައި ހުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ހާއްސަކޮށް، އެންމެ ބޮޑު ކަންބޮޑުވުމަކީ، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެކަމުގެ އަސަރު ދަރިވަރުންގެ ކިޔެވުމާއި އެހެނިހެން ކަންކަމަށް ވެސް ކުރަމުން ދިއުމެވެ. އެގޮތުން، ދަރިވަރުންގެ ކިޔެވުމަށް ކޮށްފައިވާ އަސަރު ދެނެގަތުމަށް ކުރަމުން އަންނަ ދިރާސާ އިން މިހާރު ވެސް އެނގިފައިވާ ގޮތުގައި ދަސްކުރުމުގެ ބާރު ވަނީ ދަށަށް ދާން ފަށާފަ އެވެ.

ސްކޫލްތައް ހުޅުވައިގެން ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެ މާހައުލެއް އުފެއްދުމުގެ މުހިއްމުކަން މިނިސްޓަރުގެ އެ ވާހަކަ އިން އެނގެ އެވެ. ދެވަނަ ފަހަރަށް ބަންދުކުރުމަށް ފަހު މާލޭގެ ސްކޫލްތަކުގެ މަތީ ގްރޭޑްތަކަށް އަލުން ކިޔަވައިދޭން ފަށާފައިވާއިރު، މިއީ ވިސްނާލުން މުހިއްމު ނުކުތާއެކެވެ. ކޮވިޑް-19 ފެތުރޭތީ ސްކޫލްތައް ބަންދުކުރުމަށް ފަހު މާލޭގެ ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ކިޔެވުން ފުރަތަމަ ފެށި މަޑުމަޑުން ގްރޭޑްތައް އިތުރުކުރަމުން ގެންދިއުމުގެ ޕްލޭނަކާ އެކުގަ އެވެ. އެކަމަކު، އެގޮތަށް ކަންތައް ނުވީ އޮގަސްޓް މަހު ރާއްޖޭގައި ކޮވިޑް ފެތުރުން ގާތްގަނޑަކަށް ކޮންޓްރޯލުން ނެއްޓިގެން ދިއުމުންނެވެ.

ފަސް އެނބުރި ބަލާލައި، އެ ފަހަރު އެ ގޮތަށް ކަންތައް ދިމާވާން މެދުވެރިވި ސަބަބުތަކާ މެދު ވިސްނައި ފިކުރު ހިންގާލުން މުހިއްމެވެ. އަލުން ސްކޫލްތައް ހުޅުވައި ގްރޭޑަކަށް ފަހު ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ގެންދިއުމަށްޓަކައި ފަހި މާހައުލެއް އުފެއްދުމަށެވެ. ދަރިވަރުންގެ ކިޔެވުމާއި ވިސްނުމުގެ ގާބިލުކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށެވެ.

މިދިޔަ އޮގަސްޓް މަހު ރާއްޖޭގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލުން ނެއްޓިގެން ދިޔައީ އަހަރެމެންގެ އުޅުން ބެހެއްޓުނު ގޮތުންނެވެ. ގްރޫޕް ހައިގެން މަސްދަތުރުތަކާއި ޕިކްނިކްތައް ދާން ފެށުމުންނެވެ. ޕާޓީކަށް މީހުން ތަންތަނަށް ޖަމާވާން ފެށުމުންނެވެ. ކެފޭ ރެސްޓޯރެންޓްތަކަށާއި ޓޭކަވޭ ހިދުމަތް ދޭ ތަންތަން ފުރިބާރުވެ، އެ އެ ތަންތަނުގައި ގިނަ އަދަދެއްގެ ބަޔަކު ވަގުތު ހޭދަކުރަން ފެށުމުންނެވެ. ބޭރުގައި އުޅޭއިރު ބަހައްޓަން ޖެހޭ ގައިދުރުކަން ނުބެހެއްޓޭ ގޮތަށް އެއްވުންތައް ބާއްވަން ފެށުމުންނެވެ. ރާއްޖެ އިން ފުރަތަމަ ކޮވިޑް ފެނުނު ދުވަސްވަރު އެ ބަލި ކޮންޓްރޯލްކުރަން އެންމެން ދިން ސަމާލުކަން މަޑުމަޑުން ގެއްލިގެން ގޮސް، ކޮވިޑްގެ މަތިން އަހަރެމެން ހަނދާން ނައްތާލުމުންނެވެ.

އަނެއްކާ ވެސް ސްކޫލްތައް ހުޅުވާލިއިރު އަހަރެމެން މި ތިބީ އެ ކަމަށް ތައްޔާރަށްތޯ އަމިއްލަ އަށް ވަޒަންކޮށްލަން އެބަ ޖެހެ އެވެ. ކޮވިޑުން ރައްކާތެރިވުމަށްޓަކައި ބަހައްޓަން ޖެހޭ ހަމަތައް ހިފެހެއްޓޭ މިންވަރު ވަޒަންކޮށްލަން އެބަ ޖެހެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ކަންބޮޑުވުމާ އެކު ބުނެފައި ވަނީ، ބަލި ފެތުރުމަށް މަގުފަހިވާ ކަންތައްތައް މުޖުތަމައުގެ ތެރެއިން ވަރަށް ބޮޑަށް ފެންނަމުން ދާ ކަމަށެވެ. އެގޮތުން، އާއްމު ހިދުމަތް ދޭ ތަންތަނުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަމުން ދޭތޯ ނުވަތަ ނުދޭތޯ ބެލުމަށްޓަކައި ކުރިއަށް ގެންދާ އިންސްޕެކްޝަންގެ ހަތަރު ވަނަ ބުރުގައި ފެނުނު ކަންތައްތަކުގެ ތަފްސީލް ދެއްވަމުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައި ވަނީ، އިންސްޕެކްޓްކޮށްފައިވާކަން ދައްކައި އޮޅުވައިލުމަށް އަމިއްލަ އަށް ސްޓިކާ ޖަހާފައިވާ ބައެއް ތަންތަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ރަނގަޅުކަމަށް ފާހަގަކުރެވޭ، އަޅުގަނޑުމެންގެ ގައިޑްލައިންތަކާ އެއްގޮތަށް ހުރި ކަމަށް ފާހަކުރެވޭ ތަންތަނަށް ދޭ ސްޓިކާ އަމިއްލަ އަށް އެ ބޭފުޅުން ތައްޔާރުކުރައްވައިގެން އިންސްޕެކްޓް ނުކުރަނީސް ތަތްކޮށްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ދެން ފާހަގަކުރެވިފައި ވަނީ، ޑރ. ނަޒްލާ ވިދާޅުވެފައިވާ ގޮތުގައި، ހަމައެކަނި އިންސްޕެކްޓްކުރާ ގަޑީގައި ކަންތައްތައް ރަނގަޅަށް ބަހައްޓާފައި އެހެން ވަގުތުތަކުގައި ރައްކާތެރިކަމުގެ އުސޫލުތަކަށް އަމަލު ނުކުރާ މައްސަލަ އެވެ.

މި ދެ ކަމުން ވެސް ދޭހަވަނީ އެއް ކަމެކެވެ. އެއީ މިފަދަ ހައްސާސް ކަމެއްގައި ވެސް އަމިއްލަ ނަފުސަށް ތެދުވެރި ނޫން ބަޔަކު މުޖުތަމައުގައި އެބަތިބި ކަމެވެ. މިއީ މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި ވެސް އަހަރެމެންގެ ވިސްނުމާއި އަމަލުތައް ގޮސްފައިވާ ހިސާބެވެ!

ސްކޫލްތައް ހުޅުވަން އަހަރެމެން ތައްޔާރުތޯ ކުރާ ސުވާލާ މި ކަންތައްތަކާ ގުޅެނީ ކިހިނެތްހޭ ހިތަށް އަރައިފާނެ އެވެ. އެކަމަކު، މިއީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ކަންތައްކަން ރަނގަޅަށް ވިސްނާލައިފި ނަމަ އެނގޭނެ އެވެ. ސްކޫލްތަކުގެ ދަރިވަރުން ވެސް ދިރިއުޅެނީ މި ކުޑަކުޑަ މުޖުތަމައުގެ ތެރޭގަ އެވެ. ހިނގަނީ އެއް މަގުތަކަކުންނެވެ. ދަނީ އެއް ތަންތަނަށެވެ. އެ ދަރިވަރުންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ވެސް ހިމެނޭނީ އުސޫލުތަކަށް އަމަލު ނުކުރާ ފިހާރަތަކާއި ކެފޭތަކަށް ޒިޔާރަތްކުރަން ތިބި ރައްޔިތުންގެ ތެރޭގަ އެވެ. މީގެ މާނަ އަކީ، ގޭތެރެ އިން ދަރިވަރުންނަށް ކޮވިޑް ޖެހުމުގެ މަގު ފަހިވުމެވެ. ބޭރުގައި އުޅޭ އުޅުމުގެ ތެރޭގައި ވެސް އެ ކުދިންގެ ހަށިގަނޑަށް ވައިރަސްގެ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މާލޭގެ ސްކޫލްތައް ފުރަތަމަ ފަހަރު ހުޅުވިއިރު ވެސް ސްކޫލްތަކުގައި ވަރުގަދަ ސަމާލަތީ ފިޔަވަޅުތަކެއް އެޅި ކަމަށެވެ. އެ ފަހަރުގެ ތަޖުރިބާ އަކީ ސްކޫލްތަކުގެ ތެރެއިން ކޮވިޑް ފެތުރިގެން ނުދިއުމެވެ.

ޑރ. ނަޒްލާ ވެސް ވިދާޅުވި ގޮތުގައި، އޭރުގައި ދަރިވަރުންނާއި ޓީޗަރުންނަށް ސްކޫލްތެރެއިން ވައިރަސް އެރުމުގެ ކޭސްތަކެއް ފާހަގަވެފައެއް ނެތެވެ.

"އަޅުގަނޑުމެންނަށް ހަމަ މަދު ކޭސްއެއް، ކޮމިއުނިޓީ ތެރޭގައި ބަލި އުޅޭތީ، ފެނުނު ކޮންމެވެސް ވަރަކަށް ކުދިން އަދި ޓީޗަރުން ވެސް ޕޮޒިޓިވި ތަން. އެކަމަކު، އެއީ ސްކޫލްތެރެ އިން ޓްރާންސްމިޓްވެގެންނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ކުރިން ސްކޫލްތައް ހުޅުވިއިރު ކޮވިޑަށް ޕޮޒިޓިވްވި ޓީޗަރުންނާއި ދަރިވަރުންގެ ވެސް ކޮންޓެކްޓުންގެ ކެޓަގަރީ އަށް ފެތޭ ބަޔަކު ސްކޫލްތަކުގައި ނެތެވެ. މީގެ މާނަ އަކީ، ސްކޫލްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަ އަށް ތަންފީޒުވެފައި އޮތުމެވެ.

ސްކޫލްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ވަނުމުގެ ކުރިން ހުން ބެލުމާއި އަތް ސެނިޓައިޒްކުރުންހިމެނެ އެވެ. ކްލާސްތަކުގެ ތެރޭގައި ދަރިވަރުން އިށީނދެ ތިބޭ އެރޭންޖްމަންޓާއި ޓީޗަރުން ކިޔަވައިދިނުމުގައި ކްލާސް ތެރޭގައި އަމަލުކުރާ ގޮތްތައް ވެސް ހުރީ ގައިދުރުކަމަށް މަގުފަހިވާނެ ގޮތަށެވެ. އެހާ ފަރުވާތެރިވެގެން ދަރިވަރުން ސްކޫލްތަކަށް ގެންދާއިރު ގޭތެރޭގެ މާހައުލާއި ބޭރުތެރެ ވެސް އެގޮތަށް ތައްޔާރުވާން ޖެހެ އެވެ. ދަރިވަރުންނާ މުއާމަލާތްކުރަންޖެހޭ އެންމެން ވެސް ފަރުވާތެރިވެ، ރައްކާތެރިކަން އިސްކުރަން ޖެހެ އެވެ.

އެހެން ނޫނީ ސްކޫލަށް ގެންދާ ގްރޭޑްތައް އިތުރުކުރުމުގެ ބަލުގައި ސްކޫލްތައް އަނެއްކާ ވެސް ބަންދުކުރަން ޖެހިދާނެ އެވެ. އެއީ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އަހަރެމެންގެ ޅަ ޖީލުގެ ކުރިމަގަށް އެޅޭނެ ބޮޑު ހުރަހެކެވެ. އެކަން އެ ގޮތަށް ވިޔަ ނުދިނުމުގެ ހުރިހާ ބާރެއް އޮތީ ހަމަ އަހަރެމެންގެ އަތްމަތީގަ އެވެ!

އެޑިޓަރުގެ ނޯޓު: މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.