ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް އެބަދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނީން ބުނީ މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ ޕްރޮޖެކްޓު ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ

އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން ގުރައިދޫގައި 16،533 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް، 22 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް، 370 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް އަދި 370 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 46.01 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގް މިނިސްޓްރީއާއެކު އެމްޓީސީސީން ސޮއިކޮށްފައިވަނީ 01 އޮކްޓޯބަރ 2019 ގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.