ފުޓުބޯޅަ ފަދަ ކޮންޓެކްޓް ސްޕޯޓްސްއެއް ފަށައިގަންނަން ހުއްދަ ދިނުމަކީ ރިސްކް ބޮޑު ކަމެއް ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެ އިދާރާއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ލުއިތައް ދިނުމުގައި މައިގަނޑުކޮށް ބަލާ ދެ ކަމެއް އެބައޮތް ކަމަށާއި، އެ ދެކަމަށް ވަރަށް ބޮޑަށް ބަލައިގެން ނޫނީ އިތުރު ލުއިތައް ދޭން ވިސްނާފައި ނުވާ ކަމަށެވެ.

"ލުއި ދިނުމުގައި ބަލަނީ މަޑުމަޑުން ލުއި ދެވޭތޯ. ލުއި ދޭއިރު ބަލަނީ މައިގަނޑު ދެ ކަމަކަށް. އެއީ ރިސްކް ލެވެލް އާއި ދިރިއުޅުމުގެ ޒަރޫރީ ބޭނުމަށް އެކަމުން ކުރާ އަސަރުތަކަށް. ހާއްސަކޮށް ހަމަ އެކަމުން އޮންނަ ރިސްކް ލެވެލްއަށް. މިވަގުތު އަޅުގަނޑުމެންގެ ޓީމަށް ލުއި ދޭން ފެނުނު މިންވަރަކީ ރޭގަނޑު އަށަކާއި ދިހައަކާ ދެމެދުގައި އޮތް ވެހިކަލް ދުއްވުން މަނާވެފައި އޮތް އޮތުން،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ ކޮންޓެކްޓް ސްޕޯޓްސްއަކީ ވައިރަސް ވަރަށް އަވަހަށް ފެތުރިދާނެ ކަންކަން ކަމަށާއި، އެކަންކަމަށް ހުއްދަ ދިނުމަކީ ރިސްކް ބޮޑު ކަމެއް ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ކޭސްތައް ދަށްވާ އަދަދަށް ބަލާފަ ފިޔަވަޅުތަކަށް ލުއި ދެމުންދާނީ. ކޮންޓެކްޓް ސްޕޯޓްސް ކުޅޭއިރު މާސްކެއް ނޭޅޭނެ، ދުރުމިނެއް ނުބެހެއްޓޭނެ. އޭގެ އިތުރަށް އެފަދަ ކަންކަމުގައި އުޅޭއިރު ބާރަށް ނޭވާލުމާ ކަންކަންވެސް ދާނެ. އެހެންވީމަ ވައިރަސް ހުރި މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ވަރަށް ބޮޑު ޗާންސެއް އޮތް ކަންކަން މި ކަންކަމަކީ. އެހެންވީމަ ރިސްކް ހައި ކަމެއް އެއީ. އަދި އިތުރަށް ބަލަން ޖެހޭ ކަމެއްކަން ފާހަގަ ކޮށްލަން،" ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް 19އާއި ގުޅިގެން ނިމިދިޔަ ސީޒަންގެ އެފްއޭކަޕްގެ ތެރެއިން ސީޒަން ވަނީ ކެންސަލް ކޮށްލާފައެވެ. އޭގެ ފަހުން އޭއެފްސީ ކަޕަށް ތައްޔާރުވަމުންދިޔަ މާޒިޔާއަށް ފަރިތަކުރުންތަކަށް ފުރުސަތު ދިން ނަމަވެސް، އޭއެފްސީ ކަޕް ކެންސަލްވުމުން މާޒިޔާއިން ވަނީ ފަރިތަކުރުންތައް ހުއްޓާލައިފައެވެ. ގައުމީ ޓީމުން ކުޅެން އޮތް މެޗުތައްވެސް އިތުރަށް ފަސްވެފައިވާއިރު، އެ މެޗުތަކަށް ކުރި ފަރިތަކުރުންތައްވެސް ޖެހުނީ މެދުކަނޑާލާށެވެ.

މިހާރު ކްލަބުތަކުން އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ އަންނަ ޑިސެމްބަރު މަހަށް ތާވާލުކޮށްފައިވާ ލީގު ފެށުމަށް ކްލަބުތަކުން ތައްޔާރުވާން ވަގުތު ކުޑަތަންވަމުން ދިޔުމެވެ. ގިނަ ދުވަސްތަކެއް ވަންދެން މެޗުތައް ނުކުޅެ ތިބެން ޖެހުމުން ކްލަބުތަކަށް ކުޅޭ ކުޅުންތެރިންނާއި ކޯޗުންނަށްވެސް މުސާރަ ނުދެވި، ފުޓުބޯޅަ އާއިލާއަށް ނިސްބަތްވާ ގިނަ ބަޔަކަށް މާލީ ދަތިތައްވެސް ކުރިމަތިވަމުން އެބަދެއެވެ.

ކްލަބުތަކާއި އެކަޑެމީތަކުގެވެސް ފަރިތަކުރުންތައް ނުފެށި ލަސްތަކެއް ވަމުންދާތީ ކޯޗުންގެ ކަންބޮޑުވުންތައް ސަރުކާރުގެ އެންމެ މަތީ ފަރާތްތަކާވެސް މިހާރު ހިއްސާކޮށްފައިވާއިރު، ރާއްޖޭގެ ކްލަބުތަކާއި އެފްއޭއެމްއިން ވަނީ ފަރިތަކުރުންތަކަށް ހުއްދަ ދޭން އެދިފައެވެ. އެފްއޭއެމްއިން އާ އާންމު ހާލަތުގައި ފަރިތަކުރުންތަކާއި، ލީގުގެ ކަންކަން ގެންދާނެ ގޮތްތަކާއެކު ފުލުހުންނާ މަޝްވަރާވެސް ކޮށްފައި ވެއެވެ. އަދި އެފްއޭއެމްއިން ހާމަ ކޮށްފައިވާ ގޮތުގައި ކްލަބުތަކަށް ފަރިތަކުރުންތައް ފެށޭނެ ގޮތެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެއެވެ.