ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ފުލުހަކު ކޮވިޑް 19އަށް ޕޮޒިޓިވްވުމާ ގުޅިގެން މިއަދު ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގި ސާމްޕަލްތަކުން ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.
މިއަދު ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގައި ހދ. އަތޮޅުން 23 މީހެއްގެ ސާމްޕަލެއް ނަގާފައިވެއެވެ. އެއީ ކުޅުދުއްފުށިން ނެގި ދިހަ ސާމްޕަލަކާއި ކުރިނބީން ނެގި 13 ސާމްޕަލެކެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި ދެމީހުންނަކީ ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިގެން ސާމްޕަލް ނެގުނު ދެ ފުލުހުންނެވެ. އެ ދެ ފުލުހުންނަކީ ވެސް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ދެ ފުލުހުންނެވެ.
ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާގެ ކޭސްއާ ގުޅިގެން ހދ. އަދި ހއ. އޮތަޅުގެ ދިހަ ރަށެއްގައި 150 މީހުން ވަނީ އެކަހެރިކޮށްފައެވެ. އޭގެ ތެރޭގައި 84 ފުލުހަކާއި އާންމުންގެ 66 މީހަކު ހިމެނެއެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ހދ. ކުރިނބީ އަދި ށ. ފުނަދޫ ރޭގެ ވަގުތެއްގައި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަކަށްފަހު މިއަދު އެ ހުރިހާ ރަށެއްވެސް ވަނީ އާންމު ހާލަތަށް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު