އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރުގެ ސިއްހީ ހާލަތު ހުރިގޮތުން އަދިވެސް ހުންނެވީ ގޭގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ހަތް ދައުވާ ސާބިތުވެފައިވާތީ، ރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވަނީ އޭނާ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.

ކަރެކްޝަންސް އިން "ވަން" އަށް މައުލޫމާތުދެމުން ބުނީ ސިއްހީ ހާލަތު ހުރި ގޮތުން މިދިޔަ ހޮނިހިރު ދުވަހު އަދީބު ގެއަށް ބަދަލު ކުރި ގޮތަށް އަދިވެސް ހުންނެވީ ގޭގައި ކަމަށެވެ. އަދި އޭނާ ޖަލަށް ބަދަލު ކުރާނީ ބަލި ހާލަތު ރަނގަޅުވުމުން ކަމަށާއި ވަކި ތާރީހެއް އަދި ނޭނގޭ ކަމަށް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެވެ.

އެ ދައުވާތައް ސާބިތުވެފައިވާތީ އަދީބަށް ހުކުމްކޮށްފައިވަނީ އަދީބާއި ދައުލަތާ ދެމެދު 25 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ލިބޭ ހުކުމުގެ މުއްދަތުގެ ލުއިތަކާއެކުއެވެ. އެ އިއުތިރާފުގެ އެއްބަސްވުމުގައި އެއްބަސްވެފައި ވަނީ ހިޔާނާތުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާ އާއި ކޮރަޕްޝަންގެ ތިން ދައުވާ އާއި މަނީ ލޯންޑަރިންގެ ދެ ދައުވާއެއް އުފުލުމަށެވެ.

  • ފުރަތަމަ ދައުވާ: ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
  • ހުކުމް: ހަތަރު އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށް
  • ދެވަނަ ދައުވާ: ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
  • ހުކުމް: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް ޖަލަށް ލުމަށް
  • ތިން ވަނަ ދައުވާ: މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
  • ހުކުމް: ހަ މަސް ދުވަހަށް ޖަލަށް ލުމަށް
  • ހަތަރު ވަނަ ދައުވާ: ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
  • ހުކުމް: ތިން މަސް ދުވަހަށް ޖަލަށް ލުމަށް
  • ފަސް ވަނަ ދައުވާ: މަނީލޯންޑަރިންގެ ކުށުގެ ދައުވާ
  • ހުކުމް: ފަސް އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުމާއި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން
  • ހަ ވަނަ ދައުވާ: މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ
  • ހުކުމް: އެއް މަހާއި 15 ދުވަހަށް ޖަލަށް ލުން
  • ހަތް ވަނަ ދައުވާ: މަނީލޯންޑަރިންގެ ކުށުގެ ދައުވާ
  • ހުކުމް: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން

ގާޒީ ވަނީ އަދީބަށް އިއްވި ހުކުމްތަކުގެ ތެރެއިން ޖޫރިމަނާތައް އެއް މަސް ދުވަސް ތެރޭގައި މީރާ އަށް ދައްކައި ހަލާސް ކުރުމަށް ވެސް އަމުރުކޮށްފައެވެ.