މިދިޔަ ދެ ދުވަހެއްގެ ތެރޭގައި އާސެނަލްގެ މެސްކޮޓު ގުނަސަރަސްގެ ވާހަކައިން މުޅި މީސް މީޑިއާ ފުރާލިއެވެ. އެމިރޭޓްސް ސްޓޭޑިއަމްގެ މަގުބޫލު މެސްކޮޓުގެ މުސާރައަށް ހިނގާ ހަރަދު ބޮޑު ކަމަށްބުނެ، އާސެނަލްއިން މެސްކޮޓްގެ ވަޒީފާގައި މަސައްކަތް ކުރާ ޖެރީ ކޫ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމާއެކު ގުނަސަރަސްގެ ވާހަކަ މީޑިއާގައި ދެކެވެން ފެށިއެވެ. އެ މެސްކޮޓަކީ އާސެނަލްގައި 27 އަހަރު ހޭދަކޮށްފައިވާ މެސްކޮޓަކަށްވާ އިރު، އެހެން ކްލަބުތަކުން ވަނީ އާސެނަލްގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

ފުޓުބޯޅަ ދަނޑުތަކުގެ މެސްކޮޓަކީ އަބަދުވެސް ވަރަށް ބޮޑު ޝަރަފެއް ދެވިގެންދާ އެއްޗަަކަށްވާ އިރު، މެސްކޮޓާ މެދު އާސެނަލްއިން އަމަލުކުރި ގޮތުން ގިނަ ކުޅުންތެރިންވެސް ވަނީ އާސެނަލްއާ ދެކޮޅަށް އަޑު އުފުލައިފައެވެ. ކޮވިޑް 19 އާ ގުޅިގެން އާސެނަލްއިން ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އެކަމުގައި އެންމެ ބޮޑު ފާޑުކިޔުމަކަށް އައި ވާހަކައަކީ ކްލަބުގައި އެންމެ ބޮޑު މުސާރައެއް ނަގައިގެން މެޗުތަކުގައި ނުފެންނަ މެސުޓް އޮޒިލްއަށްވުރެ މެސްކޮޓް ކްލަބުގައި މަޑުކުރުވުން މުހިއްމު ކަމަށް ދެކެވުނު ވާހަކައެވެ.

އެ ވާހަކަތަކަށް މިފަހަރު އޮޒިލް ރައްދު ދިނީ ތަފާތު ގޮތަކަށެވެ. އިންސާނިއްޔަތުގެ ވިސްނުން އިސްކޮށް، މެސްކޮޓް އާސެނަލްގައި މަޑުކުރުވީ އޮޒިލް އަމިއްލައަށް މުސާރަ ދޭ ގޮތަށެވެ. އޮޒިލް ބުނެފައިވަނީ އޭނާ އާސެނަލްގައި ހުރިހާ ދުވަހަކު މެސްކޮޓްގެ ވަޒީފާގައި މަސައްކަތް ކުރާ ޖެރީ ކްލަބުގެ ވަޒީފާގައި ބަހައްޓާނެ ކަމަށެވެ.

"އާސެނަލްގެ ވަފާތެރި މެސްކޮޓް ގުނަސަރަސްގެ ވަޒީފާ އަދާކުރަމުންދާ ޖެރީ ކޫ، ސަޕޯޓަރުން ނުވަންނަ ކަމަށްބުނެ ވަޒީފާއިން ވަކި ކުރަން އާސެނަލްއިން ނިންމުމުން ވަރަށް ބޮޑަށް ހިތާމަކުރިން. އެއީ 27 އަހަރުގެ އަގުހުރި ހިދުމަތެއް ކްލަބަށް ކޮށްދީފައިވާ ފަރާތެއް. އަހަރެން މި ހުށަހެޅީ އަހަރެން އަމިއްލައަށް މެސްކޮޓްގެ ހުރިހާ މުސާރައެއް ދޭން. އަހަރެން އާސެނަލްގައި ހުރިހާ ދުވަހަކު އެކަން ކޮށްދޭނަން،" އޮޒިލް ބުނެފައިވެއެވެ.

ލޮކްޑައުންއަށްފަހު އާސެނަލްއިން ކުޅުނު އެއްވެސް މެޗެއްގައި އަދި އޮޒިލް ކުޅެފައެއް ނުވެއެވެ. މި ސީޒަންގެ ނިޔަލަށް އޭނާގެ ކޮންޓްރެކް ހަމަވާ އިރު، ބެލެވޭ ގޮތުގައި ސީޒަން ނިންމާލުމަށްފަހު އޮޒިލް އާސެނަލް ދޫކޮށްލާނެއެވެ.

ޖެރީ "ޑައިނަސޯ މެސްކޮޓް" ގައި އާސެނަލަށް ދަނޑަށް ނުކުތީ 1993 ވަނަ އަހަރުއެވެ. އެއީ ކްލަބުގެ ތާރީހީ ކޯޗު އާސެން ވެންގާ ކްލަބާ ގުޅުނުތާ ދެ އަހަރު ތެރޭގައެވެ. އާސެނަލްގެ ރަން ޒަމާނުގައިވެސް ގުނަސަރަސް ދަނޑު ކައިރީގައި ހަރަކާތްތެރިވެފައިވެއެވެ. އެގޮތުން ގުނަސަރަަސް ވަނީ އާސެނަލްއާއެކު ތިން ޕްރިމިއާ ލީގު އުފުލާލުމުގައި ބައިވެރިވެފައެވެ. ގުނަސަރަސްގެ މުސާރަ އާސެނަލްއިން ހާމަކޮށްފައެއް ނުވެއެވެ.