އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް، އެކުއްޖާއާއެކު ޖިންސީ ގުޅުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އެކި ދުވަސްމަތިން 14 އަހަރުގެ އަންހެން ކުއްޖަކު ގުރޫމްކޮށް، ޖިންސީ އަމަލު ހިންގުމަށް އެ ކުއްޖާއަށް ހިތްވަރުދީ، އެކުއްޖާއާއެކު ޖިންސީ ގުޅުން ހިންގަން އުޅުނު ކަމަށް ބުނެ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަނަށް މިދިޔަ ބުދަ ދުވަހު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 35 އަހަރުގެ މީހަކު އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން ކުޑަ ކުއްޖަކު ގްރޫމް ކުރުމަކީ ޖިންސީ އަމަލެއް އެ ކުއްޖާއާ މެދު ހިންގުމަށްޓަކައި އެ ކުއްޖާއަށް ފައިސާ ނުވަތަ އެނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.