ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލުގެ ސަބަބުން ނޫސްވެރިނަށާއި މީޑިއާތަކަށް ނުރައްކަލެއް ނޯންނާނެ ކަމަށް އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހުން ބުނެފި އެވެ.

މިދިޔަ ސަރުކާރުގައި ވެސް އަބުރު ރައްކާތެރިކޮށް ދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ. ބޮޑަށް މީޑިއާ ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ހުށަހެޅި އެ ބިލާމެދު މީޑިއާތަކުން ދެކޮޅު ހަދަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރީ އޮގަސްޓް 8، 2016 ގައެވެ.

އޭރު އެ ގާނޫނުގައި އަބުރާ ބެހުން ކަނޑައަޅާފައި އޮތީ ޖިނާއީ ކުށެއްގެ ގޮތުގަ އެވެ. އަދި ގާނޫނުގެ ދަށުން ލިބިދޭ ބާރުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އޭރު އޮތް ސަރުކާރާ ދެކޮޅަށް ހަބަރާއި މައުލޫމާތު ގެނެސްދިން ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެކަމާ ގުޅިގެން މީޑިއާތަކުން ތަކުރާރުކޮށް އަޑު އުފުލައި، ކަންބޮޑުވުން ފާޅުކުރި އެވެ.

ނަމަވެސް ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެން ވައުދާ އެއްގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން، އެ ގާނޫނު ވަނީ އުވާލައިފަ އެވެ. ނަމަވެސް މި ސަރުކާރުން އަނެއްކާވެސް އަބުރުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމުމުން އެކަމާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މީޑިއާތަކުގެ މެދުގައިވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އެއީ އެ ބިލުގައި ހިމެނޭނެ ކަންކަމާ މެދު އޮތް ކަންބޮޑުވުމެކެވެ.

އޭޖީ އޮފީހުގެ މީޑިއާ ޑިރެކްޓަރު ހުސައިން ހަސަން މިއަދު "ވަން" އަށް ވިދާޅުވީ، ކުރީގެ ބިލާއި ހިލާފަށް މި ބިލު ފަރުމާ ކުރެވޭނީ ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށްގެން ނޫން ކަމަށެވެ. އަދި އެ ބިލުގެ ސަބަބުން ނޫސްވެރިންނަށް އެއްވެސް ނުރައްކަލެއް އަދި ބިރެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބިލުގެ މައިގަނޑު މަގުސަދަކީ ނަމާއި އަބުރު ރައްކާތެރިކުރުން. އެގޮތުން މި ބިލުގައި ކުރިން ގާނޫނުގައި އޮތް ގޮތަށް ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރެވޭނެ މާއްދާތަކެއް ނުހުންނާނެ. އެހެންކަމުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް އެ ބިލު ބައްޓަމެއް ނުކުރާނެ،" ހުސެއިން ވިދާޅުވި އެވެ.

ހުސެއިން އެ ބިލަކީ އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގައި ހިމެނޭ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނެގުމުގެ ގަވައިދަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ސަރުކާރުން ހުށަހަޅާ ބިލެއް ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ އެ ގަވާއިދުގައި ބުނާ ގޮތަށް އަބުރާބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުން ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރީ ސަރުކާރުން ފާސްކުރި އަބުރުގެ ގާނޫނުގައި ވަކި މުއައްސަސާއަކަށް ބާރުތައް ދީފައި އޮތް ނަމަވެސް، މިހާރު މި ހުށަހަޅާ ބިލުގައި އަބުރުގެ ބަދަލު ނަގައިދިނުމަށް ވަކި މުއައްސަސާއަކަށް ބާރުތައް ނުދޭނެ ކަމަށާއި އެހެން ނަމަވެސް، އަމިއްލަ ފަރުދުން ޝަރުއީ ކޯޓަށް ގޮސް، އަބުރާ ބެހުމުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް 28 ބިލެއް ހުށަހަޅަން ސަރުކާރުން ނިންމާފައިވާއިރު، އޭގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ބިލެއް ވެސް ހިމެނެ އެވެ.