ގައުމީ ފެންވަރުގައި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް އަންހެނުންގެ ބައިވެރިވާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރާނެ ގައުމީ ވޯކިން ގުރޫޕެއް އުފައްދައިފި އެވެ.
މިއީ މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭންގެ ދަށުން މިއަހަރު ހާސިލުކުރަން ކަނޑައަޅާފައިވަ ކަމެކެވެ. އެގޮތުން އެ އެކްޝަން ޕްލޭންގައި ވަނީ މަދުވެގެން 30 ޕަސެންޓް އަންހެނުން ހިމެނޭ ގޮތަށް ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން ކުރިއެރުވުމަށް މަސައްކަތް ކުރާނެ ގައުމީ އެކްޝަން ގުރޫޕެއް އުފައްދަން ޖެހޭނެ ކަމަށެވެ.
ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެކްޝަން ގުރޫޕް އިފްތިތާހުކޮށްދެއްވީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގައުމެއްގެ އާބާދީގައި ހިމެނޭ އަންހެނުންނަށް ފުރުސަތު ގެއްލޭ ގޮތަށް ނުވަތަ ފުރުސަތު ނޯންނާނެ ގޮތަށް ގައުމެއް ތަރައްގީ ވެގެން ނުދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އާބާދީއަށް ބެލި ނަމަވެސް ގާތްގަނޑަކަށް 50 ޕަސެންޓަކީ އަންހެނުންނަށްވާ އިރު، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބައިވެރިވާ މިންވަރު ބޭނުންވާވަރާ ގާތަށް ވެސް ގެނެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން މިންތީގެ ހަމަހަމަކަމަށް ބަލާއިރު ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ދާއިރާއިން ތައުލީމުގެ ފުރުސަތުތަކާއި ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކަކީ ކޮބައިތޯ ބަލައި، ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު އުފެއްދި އެކްޝަން ގުރޫޕުގެ ބޭނުމަކީ ސައިންސާއި ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރު ކުރުމަށާއި ދާއިރާ އާއި ސިޔާސަތުތައް ބައްޓަން ކުރުމުގައި އަންހެނުންގެ ހިއްސާ އާއި ބައިވެރިވުން އިތުރުކުރުމަށާއި ދާއިރާއާ ގުޅޭ ކަންތައްތަކުގައި މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ކަންކަން ފުރިހަމަ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މި ދާއިރާގައި އަންހެނުން އިތުރުކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ އެރުވުމެވެ.
ވޯކިން ގްރޫޕުގައި ހިމެނެނީ ހަތް މެންބަރުންނެވެ. އެ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިން ދާއިރާ ތަމްސީލުކުރުމަށް އާންމުކޮށް އިއުލާންކޮށްގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބިގެން ހޮވިފައިވާ ތިން މެންބަރުންނެވެ.
ދެން ހިމެނެނީ ވޯކިން ގުރޫޕް އުފެއްދުމުގެ މަސައްކަތުގައި ހިމެނޭ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި ޗީފް ޓެކްނޮލޮޖީ އޮފީސް (ސީޓީއޯ) އަދި ވިމެން އިން ޓެކް ޖަމިއްޔާ އިން މެންބަރެކެވެ.
- އިންޖިނިއަރިންގެ ދާއިރާއަށް: ސ. ހިތަދޫ/ ސޯމާ، އަސްރާރު
- ޓެކްނޮލޮޖީގެ ދާއިރާއަށް: ގ. ދާސްތާން، ހަފްސަތު ހަލީމް
- ސައިންސްގެ ދާއިރާއަށް: މއ. ދަނަސް، ފާތިމަތު ނިސްތަރަން
- ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން: ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޝަހީދާ
- ޖެންޑާ މިނިސްޓްރީން: އެސިސްޓަންޓް ޑިރެކްޓަރު: މަހްފޫޒާ ވަހީދު
- ސީޓީއޯ އިން: ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ފޮ އައިޓީ، ޝަޒްނާ އަލީ
- ވިމެން އިން ޓެކުން: އައިމިނަތު ފިރުޝާނާ
ޚަބަރު
ޚަބަރު
ޚަބަރު