(ސައުރަތިރީސްވަނަ ބައި)

ޔުނާގެ ފަރާތުން އައި ފަހު މެސެޖު ފެނިފައި ޒިހާނަށް ވެސް ހިނިތުންވެލެވުނީ ޔުނާއާ ދާދި އެއްގޮތަކަށެވެ. އެ 'ހިތަކީ' ޔުނާގެ ފަރާތުން އޭނާއަށް ލިބުނު އެފަދަ ފުރަތަމަ މެސެޖެވެ. ހަގީގަތުގައި އޭނާ ލޯބިވާކަމަށް ބުނެ މެސެޖެއް ފޮނުވީ ވަކި ޖަވާބަކަށް އުއްމީދު ކުރުމެއް ނެތިއެވެ. އޭނާ ޔުނާ ގާތު ވައުދުވީ ފަދައިން ޔުނާއަށް ވަގުތު ދޭން ނިންމައިގެން ހުރީތީވެއެވެ. މިއަދު ޔުނާގެ ފަރާތުން މިއަދު ޖަވާބު އެ އައި ގޮތުންނާއި ރޭ ޔުނާ އޭނާގެ ގައިގައި ބައްދާލައިގެން ވާހަކަ ދެއްކި ގޮތުން އޭނާ އިންތިޒާރު މާ ދިގެއް ނުވާނެހެން ޒިހާނަށް ހީވާން ފެށިއެވެ.

އެ ހީވި ހީވުމާއެކީ އޭނާ އެވަގުތު އެތަނެއްގެ ކައިރީގައި ހުރި މާ ފިހާރައަކަށް ވަންނަން ޒިހާން ދިމާކުރިއެވެ. ހަމަ އެވަގުތު އޭނާގެ ފަހަތުން އައި މީހަކު އައިސް އޭނާގެ ކޮނޑުގައި އަތް އަޅައިލުމުން ޒިހާނަށް ފިޔަވަޅުތައް މަޑު ޖައްސާލަމުން ފަހަތް ބަލައިލެވުނެވެ.

ޒިހާންގެ ފަހަތުގައި ހުއްޓި ހުރީ އޮރެންޖް ކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި ޒިހާނާ ދާދި އެއް އިސްކޮޅެއްގެ ޒުވާނެކެވެ. ކަނދުރައާ ހަމައަށް އޮތް އިސްތަށިގަނޑުގައި ގަދަ މުށިކުލައެއް ޖެއްސިފައިވީއިރު އަޅި ކުލައިގެ ލެންސެއް ލެއްވިފައިވި އެ ޒުވާނާގެ ސޫރައަކީ ޒިހާނަށް ބީރައްޓެހި ސޫރައެކެވެ. ޒުވާނާ އޭނައާ ހިނިތުންވެލުމުން ހައިރާންކަން އެކުލެވިފައިވި ގޮތަކަށް ހިނިތުންވެލެވުނީ އެހެންވެއެވެ.

"ހަމަ ޒިހާންއޭދޯ މިއީ؟ ފަހަތުން ފެނިފައި ހީވެގެން ކޮނޑުގައި މި އަތް އެޅީ. ކޮން ދުވަހަކު މިކޮޅަށް އައީ؟" ޒުވާނާ ހަމަ އެ ހިނިތުންވުމުގައި ހުރެ ސުވާލުކުރިއެވެ.

"ތިއީ އަހަރެން ދަންނަ މީހެއްތަ؟" ޒިހާން އޭނާގެ ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރަމުން އެހިއެވެ.

"އުނހު..... ޒިހާނަށް ނޭނގި ހިނގައިދާނެ. އެކަމަކު އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ޒިހާން..." ޒުވާނާ އެ ފަހު ޖުމްލަ ބުނެލިއިރު އޭނާގެ ކަތުރުކަށިގަނޑަށް ބާރުވެ އެ ލޯމަތިން ނުރުހުންތެރިކަން ފާޅުވިކަން ޒިހާނަށް ރަނގަޅަށް ފާހަގަވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި ޒުވާނާ އަނެއްކާވެސް ހިނިތުންވުން ފުރިހަމަ ކުރިއެވެ.

"ހިނގާދޯ މިތާ ކައިރީގައި ހުރި ކެފޭއަކަށް ޖައްސާލަން؟ އޭރުން ދެމީހުންނަށް ކުޑަކޮށް ތަޢާރަފުވެ ވާހަކަ ދެއްކިދާނެއެއްނު؟" ޒުވާނާ މަގުގެ އަނެއް ފަރާތަށް އިޝާރާތް ކުރަމުން ބުނެލިއެވެ. ޒިހާން ހިނިތުންވުމަކާއެކީ ބޯޖަހާލަމުން އެއްބަސްވީ އެ ޒުވާނާ ދެނެގަންނަން ބޭނުންވި މިންވަރުންނެވެ. އަދި އެ ޒުވާނާގެ މަގުސަދުވެސް އޭނާއަށް ފަހުމުވުން މުހިއްމު ކަމަށް އޭނާ ދެކުނީތީވެއެވެ.

ކެފޭގެ ތެރެއަށް ވަދެގެން ގޮސް ޒިހާން އެ ޒުވާނާއާ އެކީގައި މޭޒެއްގެ ދޮށުގައި އިށީނެވެ. ޒުވާނާ އޭނާ ބޭނުންވާ އެއްޗެއްސަށް އޯޑަރު ދެމުން ޒިހާން ގާތު އެއްޗެއް ބޭނުންތޯ އަހައިލީ ތިމަންނަ ފައިސާ ދައްކާނަމޭ ބުނަމުންނެވެ. އެހެނަސް ޒިހާން ރަނގަޅަށް ސައިބޮއިގެން ހުރީތީ އެވަގުތު އެއްޗެއް ބޭނުމެއް ނުވުމުން އެކަމަށް އިންކާރު ކުރިއެވެ. ވެއިޓަރު އޯޑަރު ނެގުމަށްފަހު ދިޔުމާއެކުހެން އެ ޒުވާނާ ވާހަކަ ދެއްކިއެވެ.

"ސޯ..... ޒިހާން ތީ ސިފައިންގެ މީހެއްދޯ؟ ކިހިނެއް ކަންތައް ކުރިއަށް ދަނީ؟" ޒުވާނާ އެހިއެވެ.

"ކިހިނެއް އަހަންނާ ބެހޭގޮތުން ތިހާވަރަށް އެނގެނީ؟" ޒިހާނަށް ތަކުރާރުކޮށް އެއްޒާތެއްގެ ސުވާލެއް ކުރެވުނެވެ.

"ކިހިނެއް ނޭނގި ދާނީ؟ މީގެ ތިން އަހަރު ކުރިން މާލޭ ކަނޑުން ދަތުރުކުރަމުން ދިޔަ ބޯޓެއްގެ ތެރެއިން އެންމެ އިސްކޮށް އުޅުނީ ކޯޕްރަލް ޒިހާންއާ ސާޖެންޓް ޔަޒްދާން ވިއްޔާ.... އެ އޮޕަރޭޝަންގެ ތެރެއިން ކަނޑަށް ވައްޓާލެވުނު 49 އަހަރުގެ އަންހެނަކާއި 11 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ދިޔައީދޯ؟ އެންމެން އެ ވާހަކަ ހަނދާން ނައްތާލިއިރު ވެސް އަހަންނަށް ހަނދާން ނައްތާ ނުލެވުނު ވާހަކައެއް އެއީ...." ޒުވާނާ އެހެން ބުނެލިއިރު އެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. އެ އިވިގެން ދިޔަ ވާހަކައިންނާއި ޒުވާނާއަށް ވީގޮތުން ޒިހާންގެ ނިތުން ރޫތައް ފިލައިގެން ދިޔައެވެ.

**

ޔުނާގެ ކުރިމަތީގައި އިން ހަމީދު އޭނާ ހިފި ތަށި ނަގައި އެ ތަށިން ކޯވަރެއް ދަމަމުން އަނެއްކާވެސް ސޯފާއަށް ލެނގިލިއެވެ.

"އާގަމަވެއްޖެދޯ، މިއީ ތިކުއްޖާގެ ބަފައިބެކަން އެނގުނީމަ؟ ހެހެ.... އަހަރެން ހައިރާނެއް ނުވޭ އިނގޭ... އެހެންތާ ވާނީވެސް ގަބޫލުކުރަން ދަތި ސިފަތައް ގިނަ މީހަކާ ދިމާވީމަ.... ޒިހާން ކޮބައިތަ؟" ހަމީދު ހެވިފައި އިނދެ ވާހަކަ ދެއްކިއެވެ.

ހަމީދުގެ އެ ފަހު ސުވާލުން ޔުނާގެ ބުމަ ގޮށްޖެހުނެވެ. ޔުނާގެ ހަނދާނަށް އައީ ޒިހާންގެ ނޭވާ ކުރުވެގެން ދިޔަ ދުވަސްތަކެވެ. ޒިހާންގެ އެ ހާލަތުގެ ފަހަތުގައި ވަނީ ޒިހާންގެ ބައްޕަ ކަމަށް ޒައިނާ ބުނެލި ދުވަހެވެ. ވީއިރު....

"ޒިހާނަށް ޖެއްސި ހާލަތެއް ޖެއްސުމަށްފަހު ތި ސުވާލުކުރަން ކެރެނީ ކިހިނެއް؟" ޔުނާ ހިތުތެރޭގައި އުތުރި އަރަމުން ދިޔަ ނަފުރަތާ އެކީ ސުވާލުކުރިއެވެ. ހަމަ އެހިނދު ހަމީދު އަނެއްކާވެސް ދެން ހުރި ހަށިފާރަވެރިޔާއަށް އިޝާރާތް ކުރިއެވެ. އެއާއެކު އެމީހާ ސޯފާގެ ވަށައިގެން ހިނގާފައި ގޮސް މޭޒުމަތީގައި އޮތް ޔުނާގެ ފޯނު ނެގިއެވެ. ޔުނާއަށް ތެޅިގަނެވެން އުޅެނިކޮށް ހަމީދު ވާހަކަ ދެއްކިއެވެ.

"މި ދެކެވެން އުޅެނީ ރެކޯޑުވާންޖެހޭ ވާހަކައެއް ނޫން ކަންނޭނގެދޯ؟ އޭތި ނަގާލެވުނީމަ އަހަރެން ވެސް ޖަވާބު ދޭނަން. އަހަރެން ވެސް ވަކި ގަސްދުގައެއް ނޫނޭ ޒިހާނަށް އަނިޔާކުރީ. ޒިހާން އަހަންނަށް މަޖުބޫރު ކުރުވީ އަނިޔާ ކުރަން. މަގޭ ހުރި ހަމައެކަނި ފިރިހެން ދަރިފުޅާއި މަގޭ މިޒާޖު ތަފާތުވީމަ މަވެސް ހާދަ ހިތާމައެއް ކުރަމޭ. މަ ބޭނުންވަނީ ލާރި..... ލާރިއާއެކީ މި ދިރިއުޅުމުގެ މަޖާ ނަގަން މަ ބޭނުންވަނީ. އެކަމަކު ޒިހާންގެ މަންމައާ ހެދި ޒިހާން މަ ކުރާ ކަންތަކާ ދެކޮޅު ހެދީ. ކުޑައިރު ފުލުހުންނަށް ގުޅާފައި އަމިއްލަ ބައްޕަ ރިޕޯޓު ކުރީއޭ! ދެން މަ ކިހާ ރުޅިއެއް އަންނާނޭ؟ އަދި އެހާ ހިސާބުން ހުއްޓާލީއެއް ވެސް ނޫނޭ. އަމިއްލަ ފައިމައްޗަށް ތެދުވެ ސިފައިންގެއަށް ވަދެގެން ބޮޑު އޮޕަރޭޝަނެއް ހިންގީ އަމިއްލަ ބައްޕަ ހައްޔަރުކުރަން!!!" ހަމީދު ހިސާބެއްގެ ރުޅިވެރިކަމާއެކީ ކިޔައިދިން ވާހަކައިން ޔުނާގެ ގައިން ހީބިހި ނެގިއެވެ.

**

"ތީނަ ދަންނަ ދެމައިންތަ އެއީ؟" ޒިހާނަށް އަހައިލެވުނެވެ. އެއާއެކު ޒުވާނާ އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.

"ފަހަރެއްގަ އެނގިވެސްދާނެދޯ؟ އަހަރެން މިއީ މާލޭ މީހެއްވިއްޔާ! ކުޑަކޮށް އިމޯޝަނަލްވޭ އެކަހަލަ ވާހަކަތައް އިވުނީމަ. ހެހެ.... ދެން އެ ވާހަކަ ބާއްވާފައި މި ވާހަކަ ބުނެބަލަ! ކޮބާ ޒިހާންގެ ވައިފް ޔުނާ؟ ޔުނާ އެއީ އަހަންނާ އެކީގައި ކިޔެވި ކުއްޖެކޭ.... ސޯ ހޮޓް ޝީ އިޒް ދޯ؟" އެ ޒުވާނާ ހެވިފައި ހުރެ މިފަހަރު ވާހަކަ އަނބުރާލި ގޮތުން އިސާހިތަކު ޒިހާން ދެންމެ ދެކެވުނު ވާހަކައިގެ މަތިން ހަނދާން ނެތޭ ގޮތްވިއެވެ. ޔުނާއާ ބެހޭގޮތުން އެހެން ފިރިހެނެއްގެ ދުލުން އިވުނު ޖުމްލައިން އޭނަގެ ކަތުރުކަށިގަނޑަށް ބާރުވެ މޭޒުމަތީގައި ބޭއްވިފައި އޮތް އަތް ގޮށްމުށްކެވުނެވެ.

**

"ދެން ޔުނާ ވެސް ބުނެބަލަ ނަފްސާނީ ގޮތުން އަހަންނަށް ކިހާ އަސަރެއް ކުރާނެ އެގޮތަށް ކަންތައްވީމަ؟ ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ކުރީމަ މީހާއަށް ގޯސް ކަންތައް ކުރެވޭނެކަން ޔުނާއަށް ވެސް އެނގެއެއްނު؟" ޙަމީދު ނުހަނު ދެރަވާ ކަމަށް ހެދެމުން ވާހަކަ ދެއްކިއެވެ.

"ތި ސުވާލު މީގެ މަސްތަކެއް ކުރިން އަޅުގަނޑާ ކުރެވުނު ނަމަ އަޅުގަނޑު ތި ވާހަކައާ އެއްބަސްވީމުސް. ޒިހާނާ ބައްދަލުވި ފަހުން އަޅުގަނޑުގެ މުޅި ނަޒަރިއްޔާތު ބަދަލުވެގެން ގޮއްސި. ދިމާވާ ކަންތައްތަކެއްގެ ސަބަބުން ގޯސް ކަންތަކެއް ކުރެވެންޏާ އެންމެ ގޯސް މީހަކަށް ވާންޖެހެނީ ޒިހާން. އެމީހެއްގެ ނޭދެވޭ އިހުސާސްތަކެއްގެ ސަބަބުން މުޅި ދުނިޔެއަށް ރުޅިވާން ވަކި ނުޖެހޭނެކަން ޒިހާން އެހެރީ ސާބިތުކޮށްދީފައި. ޒިހާންގެ ހިތުގައި ހުރި އީމާންތެރިކަމެއްގެ ސަބަބުން އެހެން އެވީ... ހުރިހާ ހާލަތެއްގައި ވެސް ﷲ އަށް ޝުކުރުވެރިވާ އަޅަކު ހަމަގައިމުވެސް ދިމާވާ ކަންތަކެއްގެ ސަބަބުން އެހެން މީހުންނަށް އަނިޔާއެއް ނުކުރާނެ..." ޔުނާއަށް ބުނެވުނެވެ. އޭނާއަށް ވާހަކަ ދެކެވެމުން ދިޔަ ގޮތާ މެދު ހުދު އޭނައަށް ވެސް އިނދެވުނީ ހައިރާންވެފައެވެ. އެހެނަސް އޭނާއަށް ދެކެވެމުން އެދަނީ ޒިހާން އޭނާ ގާތު ދެއްކި ވާހަކަތަކެއްކަން އެނގުންވީ ހިނދު އޭނާއަށް ޒިހާނާ މެދު ވިސްނޭ މިންވަރު އެނގުންވިއެވެ.

"އީމާންތެރިކަމޭ؟ ޔުނާ ވެސް އެ ވާހަކަތަކުގެ އަވައިގައި ޖެހުނީތަ؟ ގައިމު ނުލާހިކު މިނިވަން ހިޔާލެއް ގެންގުޅުނު ކުއްޖެއް ތިއީ މިކޮޅުގައި ޖިނާހާ އެކީ އުޅުނުއިރު...." ހަމީދު ބުންޏެވެ.

"ޖިނާހޭ؟!" ޔުނާއަށް ހައިރާންކަމާއެކީ އެ ނަން ކިޔައިލެވުނެވެ.

**

"އައްދެ! ރުޅި އައީތަ؟ އަސްލު ރުޅި އަންނަންވީ އަހަރެންދޯ؟ އަހަންނާ ރަނގަޅަށް ވަކި ނުވެ ހުއްޓައި ޒިހާން ވިއްޔާ ޔުނާއާ އިނީ. ރަނގަޅަށްވިއްޔާ އަދިވެސް ޔުނާ އަހަރެން މަތިން ހަނދާނެއް ނުނެތޭނެ. އަހަންނަށް ކިޔަނީ ޖިނާހު ވިއްޔާ!" ޖިނާހު އެއްބުމަ އަރުވާލަމުން އޭނަގެ ނަން ހާމަކުރިއެވެ. އެއާއެކު ޒިހާންގެ ރުޅިވެރިކަމުގެ އަލިފާން އިތުރަށް ހޫނުވުން ނޫންކަމެއް ނުވިއެވެ.

"ހަބަރުދާރު ޔުނާގެ ނަން ވެސް ތި ދުލުން ކިޔުނިއްޔާ! ލަދެއް ނުގަނޭތަ ޔުނާއަށް އެހާ ދެރަ ދީފަހުރެ ޔުނާގެ ވާހަކަ ދައްކަން؟!" ޒިހާނަށް ދަތްކުނޑިވިކަމުން ވާހަކަ ދެކެވުނެވެ.

"ޓު ބީ ފްރޭންކް ލަދެއް ނުގަނޭ. ކީއްވެ މަ ލަދުގަންނަންވީ؟ އެއީ މަށާއެކީ ހަތަރު އަހަރު ވަންދެން އުޅުނު ލޯބިވެރިޔާއޭ! އަސްލު ޔުނާ އަދިވެސް ލޯބިވާނީ އަހަރެން ދެކެ. ގަދަކަމުން ޔުނާ ޒިހާނާ އިނީ. ހަމައެކަނި ދޮންބެގެ އެދުން ފުރިހަމަ ކުރުމަށް. މަށަށް ޔަގީން ޔުނާ އަދި އަދާ ހަމައަށް ވެސް ހިތުން ރުހުމުން ޒިހާނާ ކައިރިވެފައި ވެސް ނުވާނެކަން. ޒިހާން ގަދަކަމުން އެކަން ކުރިއްޔާ ވެފައި ހުންނާނީ. އެއީ އެކަހަލަ ބޯ ހަރު އަންހެނެއް. ކިހާ ދުވަހެއް ވަންދެންބާ އެހެން އުޅެމުން މި ކައިވެނި ދެމި އޮންނާނީ؟" ޖިނާހު މަލާމާތުގެ ޒާތަށް ސުވާލުކުރިއެވެ. އެ ހިނދު އައިސްފައިވި ރުޅީގައި ޒިހާންގެ މުޅި ހަށިގަނޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ.

**

"އާނ ޖިނާހު! ދެން ކާކު؟ ޔުނާގެ ފުރަތަމަ ލޯބިވެރިޔާ! އަސްލު ތެދުތެދަށް ބުނަންޏާ މަގޭ ދަރިއަށްވުރެ ޔުނާއާއި ޖިނާހު މާ ބޮޑަށް ގުޅޭ! ޒިހާން ކަހަލަ ދީނަކާއިގެން އުޅޭ ފިނޑި މީހެއް ނޫން ޖިނާހަކީ. ޖިނާހު ކިހާ ލޯބިން ޔުނާ ގެންގުޅުނީ މިކޮޅުގައި. ޒިހާނަށް އެންމެ ކުޑަމިނުން ރައްޓެހިވާކަށް ވެސް ނުކެރުނު. މަންމަމެން ކައިރި ވާހަކަ ދައްކައިގެން ސީދާ ޔުނާއާ އިންނަން ނިންމީ ވެސް އަމިއްލައަށް އިސްނަގަން ނުކެރޭތީ! ރަނގަޅަށް ވިއްޔާ ކައިވެނީގެ ގުޅުން ހިންގަން ވެސް ޖެހިލުންވެފައި ޒިހާން ހުންނާނީ.... އެހެން ނޫނަސް ކިހާ ދުވަހެއް ވަންދެން ޖިނާހު ދެކެ ލޯބިވާއިރު ޔުނާއަށް ޒިހާނާއެކީ އުޅެވޭނީ؟" ހަމީދު ބުންޏެވެ. ހަމީދު ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަމުން ދިޔަ ޔުނާ އެތައް ފަހަރެއްގެ މަތިން އެ ވާހަކަ މެދުކަނޑާލަން ހިތަށް އެރިއެވެ. އެގޮތަށް ނެހެދުނު ކޮންމެ ފަހަރެއްގެ މަތިން އޭނާގެ ހިތުތެރޭގައި އުފެދެމުން ދިޔަ ރުޅިވެރިކަން ދެގުނަ ވަމުން ދިޔައެވެ. އެންމެ ފަހުން ހަމީދު ކޮށްލި ފަހު ސުވާލާއެކީ ޔުނާ ހުއްޓުން އަރާ ގޮތްވީ ކަމެއް އެނގުންވުމުންނެވެ. 'ޖިނާހުދެކެ ލޯބިވާއިރު' އޭ ބުނެލި ހިނދު އެއީ ތެދެއްތޯ އޭނާގެ ސިކުނޑި ސުވާލުކުރިއެވެ. ހަމަ އެހިނދު ޖިނާހުގެ ނަމުން ވެސް އޭނާގެ ހިތަށް އަސަރެއް ނުކުރުމުން ޔުނާއަށް ނޭނގުމެއްގެ ތެރެއިން ހީލެވުނެވެ. އެއާއެކު ޔުނާގެ ކުރިމަތީގައި އިން ހަމީދުގެ ދެ ބުމަ ކައިރިވިއެވެ.

"އަޅުގަނޑު ލޯބިވަނީ ކާކު ދެކެކަން އެންމެ ބޮޑަށް އެނގޭނީ އަޅުގަނޑަށް ކަންނޭނގެ ދޯ ބޭބެ...... ޒިހާނާ ބެހޭގޮތުން ބޭބެ ދެއްކި ވާހަކަތައް ވެސް އަހަންނަށް ގަބޫލުކުރެވޭ ގޮތެއް ނުވޭ. ޒިހާނަކީ ފިނޑިއެއް ނޫން. ފިނޑި މީހަކީ ޖިނާހު. ކައިވެންޏެއްގެ ގުޅުމަކަށް ދާން އިސްނަގަން ނުކެރުނީ ޖިނާހަށް. އަމިއްލަ ލޯބިވެރިޔާ ދެކެ ލޯބިވާކަން އަންގައިދޭން ނުޖެހޭހެން ހީވީ އަމިއްލަ އެދުން ބޮޑުވެ ކިބުރުވެރިވީ ޖިނާހަށް. ޒިހާން އަޅުގަނޑާ ރައްޓެހިނުވީ ޒިހާންގެ އަބުރުވެރިކަމުގެ ސަބަބުން. އަދި އަޅުގަނޑުގެ އިހުސާސްތަކާ މެދު ވެސް ވިސްނާލީތީއޭ އަޅުގަނޑު ބުނާނީ. ޖިނާހާ ވަކިވުމަށްފަހު އަޅުގަނޑު އެއްގޮތަކަށް ވެސް ބޭނުމެއްނުވި ޔަގީންކަމެއް ނެތް ގުޅުމަކަށް ދާކަށް. ހިތަށް ހަމަޖެހުމެއް ލިބޭ ފަދަ ސާބިތުކަމެއް އޮތް ގުޅުމެއް އަހަންނަށް ހޯދައިދިނީ ޒިހާން. ޒިހާން އަހަންނާ ދުރުގައި ހުރިއްޔާ ހުންނާނީ އަހަރެންގެ އިހުސާސްތަކަށް ރިއާޔަތް ކުރުމަށް. ޚުދު އަޅުގަނޑަކީ ވެސް އެހެން މީހުންގެ އިހުސާސްތަކަށް ރިއާޔަތްކޮށް އަޅުގަނޑު ލޯބިވާ މީހުން ދެކެ ލޯބިވާކަން އަންގައިދޭ ހިތްވާ މީހެއް.... ވީއިރު އަޅުގަނޑު ބޮޑަށް ގުޅެނީ ކާކާތޯ؟" ޔުނާ ހަމީދަށް ގޮންޖަހާލުމުގެ ގޮތުން އަހައިލިއެވެ. ޔުނާ ދެއްކި ވާހަކަތަކުން ހަމީދުގެ އަނގަ ސަކަރާތްވިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހަމީދު އިންދައި ޔުނާ ސޯފާއިން ތެދުވެލިއެވެ.

"މިއަދު އިންޓަވިއު ކުރެވޭނެހެން އަޅުގަނޑަށް ހިއެއް ނުވޭ. އެހެންވީމަ އަޅުގަނޑު ދެން ގޮސްލީ." ޔުނާ އެހެން ބުނެލީ އޭނަގެ ފޯނު ނެގި ހަށިފާރަވެރިޔާ ކައިރިއަށް ދަމުންނެވެ. ޔުނާ އަތް ދިއްކޮށްލުމުން އެ މީހާ ހަމީދަށް ބަލައިލިއެވެ. ހަމީދު ބޮލުގެ އިޝާރާތުން އިޒުނަދިނުމުން އެމީހާ ޔުނާގެ ފޯނު ޔުނާގެ އަތަށް ލައިދިނެވެ. ފޯނު އަތް ދަބަހުގެ ތެރެއަށް ލަމުން ދާން ހިނގައިގަތް ޔުނާ އަދިވެސް އެއްފަހަރު މަޑުކޮށްލަމުން ހަމީދަށް ފަސްއެނބުރި ބަލައިލިއެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ މިއަދު ދެކެވުނު ވާހަކަތަކަށްޓަކައި. މިއަދު އަޅުގަނޑަށް ޔަގީންވެއްޖެ އަޅުގަނޑު ލޯބިވާންވީ މީހުންނާއި ލޯބި ނުވާންވީ މީހުން...." ޔުނާ ބުނެލިއެވެ. އެއާއެކު ހަމީދުގެ ބުމަގޮށްޖެހުނެވެ. ޔުނާ އެއަށް ފަރުވާލެއް ނުދީ އެތަނުން ނިކުމެގެންދާން ފެށިއެވެ.

ޔުނާ އަވަސް ފިޔަވަޅުތަކެއްގައި އެ ގެއިން ނިކުމެގެން ދިޔަތަނާހެން ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ދުވެފައި ދިޔައެއްކަމަކު އެވަގުތު ބަނަވެފައިވި އުޑުން ވެހެމުން ދިޔަ ވާރޭގެ ސަބަބުން ކާރާއި ހަމައަށް ދެވުނުއިރު ޔުނާ މުޅިން ތެމިފައިވިއެވެ. ކާރަށް އަރައި ޔުނާ ކާރު ސްޓާޓް ކޮށްލަމުން ދުއްވާލީ އޭނާ ދެން ކަންތައް ކުރާނެ ގޮތަކާ މެދު ވިސްނަމުންނެވެ. އެ ވިސްނިވިސްނުމުގައި ޒިހާން މަތިން ހަނދާންވުމުން ވެސް ޔުނާއަށް ހިނިތުންވެލެވުނެވެ.

**

"ޔުނާ އަހަންނާ ދުރުގައި ހުރިއްޔާ ހުންނާނީ ތީނަ ޔުނާއަށް ހެދިގޮތުން. ލޯބިވާން ޔުނާ ޖެހިލުންވަނީ ތިކަހަލަ މީހުންގެ ސަބަބުން. މީހުންނަށް އިތުބާރުކުރަން ވެސް ޔުނާ ޖެހިލުންވަނީ ތީނަ ކަންތައް ކުރިގޮތުން. އަދި ޔުނާ ލައްވާ ކީއްކުރުވަން ކަލޭ އުޅުނީ. ޔުނާ ގާތު ބުރުގާ ނަގާލާށޭ ބުނެގެން ކޮންކަމެއް ސާބިތުކޮށްދޭން އުޅުނީ؟ އެ ބަލިކަށި އަންހެން ކުއްޖާގެ މައްޗަށް ތިމާގެ ބާރު އޮތްކަންތަ؟ ނޫނީ އެ އަންހެން ކުއްޖާ ރީތީ ހަމަ ތިމާ ބުނާ ގޮތަށް ހުރީމަކަން އަންގައިދޭންތަ؟! ތިކަހަލަ ފިނޑިއަކާ އަހަރެން ދިމާވީ މިއަދު ފުރަތަމަ ފަހަރަށް!" ޒިހާން ރުޅިވެރިކަމާއެކީ ބުނެލިއެވެ.

"އާނ އާނ.... މަށާ ދިމާލަށް އެއްޗެހި ކިޔާފައި ހިތް ފުރާލާ. ހަގީގަތް ބަދަލެއް ނުވާނެ ތިއަކުން. ހަގީގަތަކީ ކަލޭ މިއަދު ޔުނާއާ އިނދެގެން އުޅުނަސް ޔުނާ އަހަންނާއި ވަރަށް ގާތުން އުޅެފައިވާކަން. އަހަރެން މިއީ ކަލޭހެން އަންހެނުންނާ ދުރުދުރުން އުޅޭ މީހެއްނޫން. ޔުނާ ހޮޓްއޭ އަހަރެން ބުނީ ސަބަބަ...." ޖިނާހުގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާހެން ޒިހާން ޖިނާހުގެ ގިރުވާނުގައި ހިފައި ތެދުކުރުވަމުން އަމިއްލައަށް ވެސް ތެދުވެލިއެވެ. އެއަށްފަހު ދެވަނަ ވިސްނުމެއްނެތި ގޮށްމުއްކަވައި ޖިނާހުގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލިއެވެ. އެކަހަލަ ކަމަކަށް ތައްޔާރުވެގެން ނެތް ޖިނާހު ވެއްޓިގެން ގޮސް ބިންމަތީގައި ޖެހުނެވެ.

"ބުނިންދޯ ޔުނާގެ ނަންވެސް ތި ދުލުން ނުކިޔާށޭ! ޔުނާއާ ބެހޭގޮތުން ތިކަހަލަ ކިތަންމެ އެއްޗެއް ކިޔުނަސް އަހަރެން ގަބޫލެއް ނުކުރާނަން! ކަލޭ ޔުނާއާއެކީ ހަތަރު އަހަރު އުޅެފައި ހުރިއްޔާ ހަތް އަހަރު ވަންދެން އަހަންނަށް ޔުނާ ފެނިފައި ހުރީ. ޔުނާއަކީ އެފަދަ ހުތުރުކަމެއް ކުރާވަރަށްވުރެ އަހުލާގު ރަނގަޅު ކުއްޖެކަން އަހަންނަށް އެނގޭ!" ޒިހާން ސާބިތުކަމާއެކީ ބުނެލިއެވެ. އެހިނދު ބިންމަތީގައި އޮތް ޖިނާހު ތުންފަތް ކައިރިން ވެއްޓެން ފެށި ލޭ ފޮހެން ފެށިއިރު އިތުރަށް ރުޅި އައީ ޒިހާން އެ ބުނީ ތެދެއްކަން އެނގޭތީވެއެވެ. ހަތަރު އަހަރުވީއިރު ވެސް ޔުނާ އަތުގައި ހިފައިލުން ނޫން ގޮތަކަށް އޭނައާ ކައިރިވެފައެއް ނުވެއެވެ. އޭނަ އެކަމަށްޓަކައި އެތައް މަސައްކަތެއް ކުރުމުން ވެސްމެއެވެ.

ޒިހާން އިތުރު އެއްޗެކޭ ނުބުނެ ޖިނާހަށް ފަސްދީފައި ދާން ހިނގައިގަތީ ކެފޭ ތެރޭގައި ތިބި މީހުން އޭނާއަށް ދެމުން ދިޔަ ނަޒަރުތަކާ މެދު ވެސް އަޅާލުމެއް ނެތިއެވެ.

ކިތަންމެ މޫޑު ގޯސްވެފައިވިޔަސް ޒިހާން ކެފޭއިން ނިކުމެގެން ދިޔައީ އޭނާ އޭރު ވަންނަން އުޅުނު މާ ފިހާރައަށެވެ. ޔުނާ ގާތު އެ ވާހަކަ ބުނެވިފައިވުމުން ޔުނާ އެއަށް އުއްމީދުކޮށްގެން ހުންނާނެކަން ދަނެގެންނެވެ. އެ ފިހާރައިން މާތަކެއް ގަތުމަށްފަހު އެކި މާތަކުގެ ވަސްހުރި އުއްބައްތިތައް ވެސް ޒިހާން ގަތީ އެއީ ވެސް ޔުނާއަށް ކަމުދާ އެއްޗެއްކަން އެނގޭތީވެއެވެ.

ފައިމަގުގައި ގެއަށް ދިޔަ މަގުމަތީގައި އެ ހިސާބަށް ތުނިކޮށް ވާރޭ ވެހުމުން ޒިހާން ކޮންމެވެސް ވަރަކަށް ތެމުނެވެ. އެހެނަސް ޒިހާން އޭނާ ގަނެގެން ދިޔަ އެއްޗެއްސާއެކީ އެޕާޓްމެންޓަށް ވަދެ ހެދުން ބަދަލުކޮށްލިއެވެ. ގަނެގެން އައި ފިނިފެންމާ ބޮނޑިތައް ކޮޓަރީގެ އަރިމަތީ މޭޒުމަތީގައި ހުރި ވާސްގައި ޖަހާލުމަށްފަހު ޒިހާން އުއްބައްތިތައް ވެސް ރޯކުރަން އުޅުނެވެ. ޔުނާ ގެއަށް އައިސް އަރާމުކުރަން ވާއިރަށް ކޮޓަރީގައި އެ ވަސް ހުންނާނެ ހެންނެވެ. އެހެނަސް ޔުނާ ގެއަށް އަންނާނީ އަދި ފަހުންހެން ހީވީތީ ޔަގީންކޮށްލަން ޒިހާން ޔުނާއަށް ގުޅިއެވެ. ފަސް މިނެޓް ތެރޭގައި ޔުނާ އެޕާޓްމެންޓަށް ފޯރާނެ ވާހަކަ އިވިފައި ޒިހާނަށް ހައިރާންކަމެއް ލިބުނެވެ. ޔުނާއަށް އާދެވޭނީ ލަހުންކަމަށް އެދުވަހު ހެނދުނު ދިޔުމުގެ ކުރިން ބުނެފައިވީތީވެއެވެ. އެހެނަސް ޒިހާން އިތުރު ސުވާލެއް ކުރުމެއް ނެތި ފޯނު ބާއްވަމުން އުއްބައްތިތައް ރޯކުރަން ފެށިއެވެ.

އުޑުމަތި ބަނަވެ އަނެއްކާވެސް ވިއްސާރަވެގެން ދިޔުމުން ކޮޓަރި ތެރެއަށް ވެސް އަނދިރިކަން ވެރިވެފައިވިއެވެ. ދޮރުފޮތިތައް ކަހާލެވިފައިވިޔަސް ފުދޭ ވަރަކަށް އަނދިރިވުމުން ޒިހާން އެންމެ ފަހުން ދޮރުފޮތިތައް ދަމާލަމުން އިތުރު އުއްބައްތިތައް ރޯކުރަން ނިންމިއެވެ. ޔުނާ އަންނަންވާއިރަށް ކޮޓަރި އެގޮތަށް ހުރުމުން 'ސަޕްރައިޒް'އަކަށް ފުދޭނެކަމަށް ޒިހާނަށް ނިންމުނެވެ.

މުޅިންހެން އަނދިރިކަން ވެރިވެފައިވި ކޮޓަރީގައި ޒިހާން ފަހު އުއްބައްތި އަލިކޮށްލަމުން ފާރު ކައިރީގައި ހުރި ކަބަޑެއްގެ މަތީގައި ބެހެއްޓި ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ޒިހާން ބަލައިލިއިރު ތެމިފައި ހުރި ޔުނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަނީއެވެ.

"ހޭއި! ވާރޭގައި ޖެހުނީތަ؟ ކާރުގައި ނޫންތަ ތި އައީ؟" ޒިހާން ޔުނާގެ ކައިރިއަށް ދަމުން ސުވާލުކުރިއެވެ. ޒިހާން ގޮސް ޔުނާގެ ކުރިމަތީގައި މަޑުކޮށްލަމުން ޔުނާގެ މޫނުގައި އެއްއަތުން ހިފާލިއެވެ. ޔުނާ ޒިހާނަށް ބެލިއެއްކަމަކު ޒިހާން ކޮށްލި ސުވާލަށް ޖަވާބެއް ނުދިނެވެ.

"މުޅިން ސަކަރާތެއްނު؟ ޔުނާއަށް ސަޕްރައިޒެއް ދޭންވެގެން އުޅުނީ ޔުނާ އެންމެ ލައިކްވާ ކަހަލަ ކޭންޑްލް ގެނެސްގެން.... ހެހެ.... އެކަމަކު މިހާރު ޔުނާގެ ވެސް މޫޑެއް ނުހުންނާނެދޯ މިހެންވީމަ؟ ތުވާއްޔެއް އެބަ ގެންނަން އިނގޭ؟ އަވަހަށް ހެދުން ބަދަލުކޮށްލާ..." ޒިހާން އެހެން ބުނެ ދާން އުޅުނެވެ. އެހެނަސް ދެވުމުގެ ކުރިން ޔުނާ ޒިހާންގެ އަތުގައި ހިފާލިއެވެ. އެއާއެކު ޒިހާން ފިޔަވަޅުތައް މަޑުޖައްސާލަމުން ޔުނާއަށް ބަލައިލިއެވެ. އެއަށްފަހު ޔުނާގެ ނަމުން ގޮވާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޔުނާ ޒިހާންގެ ގާތަށް ޖެހިލަމުން ޒިހާންގެ ކޯތާފަތުގައި ބޮސްދިނެވެ. އެކަހަލަ ކަމަކަށް ތައްޔާރުވެގެން ނެތް ޒިހާންގެ ހިތަށް ހައިރާންކަމެއް ލިބުނުއިރު އުފަލެއް ވެސް ލިބުނެވެ. އެ އިހުސާސްތައް ދެގުނަވެގެން ދިޔަ އެއަށްފަހު ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ހިނދު ހިނިތުންވުމެއް ޔުނާގެ ތުންފަތްމަތިން ދުވެލި ގޮތުންނެވެ. ޒިހާނަށް އިތުރަށް ވިސްނާލެވުމުން ކުރިން ޔުނާ ޒިހާންގެ އަނެއް ކޯތާފަތުގައި ބޮސްދިނެވެ. ޒިހާން ހީކުރީ އެފަހަރު ވެސް ޔުނާ އޭނައާ ދުރުވާނެ ކަމަށެވެ. އެހެނަސް ދެން ޔުނާ އޭނައާ ދުރުވާކަށް ނުއުޅުނެވެ. ޔުނާ އޭނައާ އިތުރަށް ކައިރިވެގެން ދިޔަދިޔަހެން ޒިހާން އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތޭ ގޮތްވިއެވެ. ލަސްލަހުން އޭނާގެ ބާރުގަދަ ދެއަތުން ޔުނާގެ ހަށިގަނޑުގައި ވަށާލެވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.

(ނުނިމޭ)