ޚަބަރު

އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އަނެއްކާވެސް އިތުރުކޮށްފި

އަލީ ޔާމިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

ކޮވިޑް 19ގެ ސަބަބުން އެމްއެމްއޭއިން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފައެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ވެސް ބޭންކުތަކަށް ފޯރުކޮށްދެމުން އަންނަ ކަމަށާއި މިއަހަރު ނިމެންދެން އެގޮތުގައި ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

އެ ބަޔާނުގައި އެމްއެމްއޭއިން ބުނީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތަށް މިހާތަނަށް 353 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އެ އަދަދު އިތުރުވެފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑުގެ ފައިސާ ޖަމާވުމުން ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން އެމްއެމްއޭއިން ބުނީ ގައުމުގެ އިގުތިސޯދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން ޖުލައި 15ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން 18،918 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް އިތުރުވަމުން އަންނަ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި އިމާރާތް ކުރުމުގެ ސިނާއަތުވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ބުންޏެވެ.