އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވެ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
އަދީބުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ހަތް ދައުވާ ވެސް ސާބިތުވެފައިވާތީ، މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވަނީ އެ ދައުވާތަކަށް ހުކުމް އިއްވައިފައެވެ.
އަދީބުގެ މައްޗަށް ހުށަހަޅާފައިވާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެކެވެ.
އެ ދައުވާތައް ސާބިތުވެފައިވާތީ އަދީބަށް ހުކުމްކޮށްފައިވަނީ އަދީބާއި ދައުލަތާ ދެމެދު 25 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ލިބޭ ހުކުމުގެ މުއްދަތުގެ ލުއިތަކާއެކު އެވެ. އެ އިއުތިރާފުގެ އެއްބަސްވުމުގައި އެއްބަސްވެފައިވަނީ ހިޔާނާތުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާ އާއި ކޮރަޕްޝަންގެ ތިން ދައުވާ އާއި މަނީ ލޯންޑަރިންގެ ދެ ދައުވާއެއް އުފުލުމަށެވެ.
- ފުރަތަމަ ދައުވާ: ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
- ހުކުމް: ހަތަރު އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށް
- ދެވަނަ ދައުވާ: ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
- ހުކުމް: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް ޖަލަށް ލުމަށް
- ތިން ވަނަ ދައުވާ: މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
- ހުކުމް: ހަ މަސް ދުވަހަށް ޖަލަށް ލުމަށް
- ހަތަރު ވަނަ ދައުވާ: ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
- ހުކުމް: ތިން މަސް ދުވަހަށް ޖަލަށް ލުމަށް
- ފަސް ވަނަ ދައުވާ: މަނީލޯންޑަރިންގެ ކުށުގެ ދައުވާ
- ހުކުމް: ފަސް އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުމާއި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން
- ހަ ވަނަ ދައުވާ: މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ
- ހުކުމް: އެއް މަހާއި 15 ދުވަހަށް ޖަލަށް ލުން
- ހަތް ވަނަ ދައުވާ: މަނީލޯންޑަރިންގެ ކުށުގެ ދައުވާ
- ހުކުމް: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން
މި ދައުވާތައް އިއްވުމަށްފަހު ގާޒީ ވަނީ، އަދީބަށް އިއްވި ހުކުމްތަކުގެ ތެރެއިން ޖޫރިމަނާތައް އެއް މަސް ދުވަސް ތެރޭގައި މީރާ އަށް ދައްކައި ހަލާސް ކުރުމަށް ވެސް އަމުރުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު