ރާއްޖެއާ މެދު ފަތުރުވެރިންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ގަތަރު ޓްރެވަލް މާކެޓް (ކިޔުޓީއެމް) ފެއާއިން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ވެބިނާގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އައުމުގައި މިހާރު ހުރި ހުރަސްތަކަކީ ބައެއް ގައުމުތަކުން ރާއްޖެއަށް ދަތުރުތައް އަދި ނުފެށުމާއި ބައެއް ގައުމުތަކުގައި ކަރަންޓީންވުމަށް އޮންނަ އުސޫލު ކަމަށެވެ. ނަމަވެސް ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންގެ ފުރިހަމަ އިތުބާރު ރާއްޖެއަށް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއާ މެދު ފަތުރުވެރިންގެ ފުރިހަމަ ޔަގީންކަން އެބައޮތް. އެކަމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރުކުރާ ކަމަށާއި އެގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 20،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ފަތުރުވެރިކަން މަޑުމަޑުން ކުރިއަރަމުން އަންނަ ކަމުގެ ހެއްކެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިހާރުގެ ކުރިއެރުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަ ފަތުރުވެރިން "ނެގެޓިވް ޕީސީއާރް ޓެސްޓް" ނަތީޖާއެއް އޮންނަ ގޮތަށް ހެދުމަކީ ފަތުރުވެރިންގެ އިތުބާރު ރާއްޖެއަށް ބޮޑުވެގެން ދިޔަ ކަމެއް ކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ސްޓޭކްހޯލްޑަރުން ބައިވެރިވި އެ ބައްދަލުވުމުގައި، މިނިސްޓަރު ވަނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ހާއްސަކޮށްގެން ވަރަށް އަވަހަށް ޓްރެވަލް އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކުރަން ނިންމާފައިވާކަން ފާހަގަކުރައްވައިފައެވެ. އޭރުން ރާއްޖެ އަންނަ މީހުންނަށް ނަގުދު ފައިސާއާ ނުލައި އޮންލައިންކޮށް ފައިސާ ދައްކައިގެން ހިދުމަތްތައް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން މީގެ ކުރިން އަންދާޒާކުރީ މިއަހަރު ރާއްޖެ އަންނާނީ 850،000 ކަމަށެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އެ އަމާޒަށް ވާސިލުވުމަކީ މިހާރު ނާދިރު ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު