(03 އޮކްޓޯބަރު ގެ އަދަދާ ގުޅޭ)

ޒަރުބަޚުތު ވިދާޅުވިއެވެ. "ކޮއްކޮ އޭނާގެ ނަން އެއްސެވީމުތޯއެވެ؟"

"އަޅުގަނޑަށް އޭނާގެ ނަން އަހާކަށެއް ނުޖެހެއެވެ. އޭނާ ފެންނައިރަށް އަޅުގަނޑަށް އޭނާ އެނގިއްޖެއެވެ. އެއީ ބޭބޭފުޅުގެ ރަޙުމަތްތެރި އާދުމާނެވެ."

"އާދުމާން!" ޒަރުބަޚުތު ކަންބޮޑުވެވަޑައިގެން ތެދުވެވަޑައިގެންފިއެވެ.

"އާދޭހެވެ!" އެކަމަކު ބޭބޭފުޅު މިތާނގައި ހުންނެވި ވާހަކައެއް އަޅުގަނޑު އޭނާގެ އަރިހަކު ނުދަންނަވަމެވެ."

"އަޅުގަނޑު އޭނާ ގޮވައިގެން އަންނާނަމެވެ." ޒަރުބަޚުތު އެހެން ވިދާޅުވެފައި ކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ. حسّان سُهيل އާ ދިމާޔަށް ވިދާޅުވިއެވެ. "އޭނާ ޞުލްޙައިގެ މަންދޫބެއްގެ ހައިސިއްޔަތުން ވަޑައިގެންނެވި ކަމުގައިވާނަމަ ދޮރޯށިދޮށުގައި މަޑުކުރުވުމުގެ ބޭނުމެއް ނެތެވެ. ކޮއްކޮ އިސްޓާކީނު ބާލުއްވައިފައި އަލިފާންގަނޑުގެ ކައިރީގައި އިށީނދެވަޑައިގަންނަވާށެވެ. ޒަރުބަޚުތު ވިދާޅުވިގޮތުގައި ކޮއްކޮ ހެނދުނުއްސުރެ ވީތަނެއް ނޭނގެއެވެ. ކޮއްކޮ ކޮންމެވެސް މޮޔަކަމެއް ކުރައްވައިފާނެތީ ބޭބެ މިހިރީ ބިރުންނެވެ. އެކަމަކު މިހާރު ބޭބެއަށް ހީވަނީ ދުޝްމިނުންގެ މުޢަސްކަރު ފަތަޙަކުރައްވައިފައި ކޮއްކޮ ވަޑައިގެންނެވިކަމުގައި ވީނަމަވެސް ބޭބެ މިހައިވަރަކަށް އުފަލެއްނުވީސްހެންނެވެ."

"އަޅުގަނޑަށް އެބޭފުޅުން ފެނުނުކަމީ އިއްތިފާޤުން ދިމާވިކަމެކެވެ. އެބޭފުޅުން ވަޑައިގަންނަވަން އުޅުއްވީ މުރޫރޫދަށެވެ."

"ޗެކްޕޯސްޓުގައި އެބޭފުޅުންނަށް އުނދަގޫފުޅެއް ނުވާނެތޯއެވެ؟"

"އާދޭހެވެ. މެހުމާނުންގެ ގޮތުގައި ބަލައިގެން އެބޭފުޅުންނާމެދު ކަންތައްކުރަން އަޅުގަނޑު އޮންނާނީ އަންގައިފައެވެ."

سُهيل އޭނާގެ އިސްޓާކީނު ބާލުއްވައިފައި އަލިފާންގަނޑުގެ ކައިރީގައި އިށީނދެވަޑައިގެންފިއެވެ. حسّان ތެދުވެވަޑައިގެން ކޮޓަރިތެރޭގައި ދެކޮޅަށް ހިންގަވާން ފައްޓަވައިފިއެވެ. އޭނާ އިރުކޮޅެއްގެފަހުން ހުއްޓިވަޑައިގެން سُهيل އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ބޭބެ ދެންމެޔަކު ޒަރުބަޚުތުގެ އަރިހުގައި މިދެންނެވީ މާލަސްތަކެއްނުވެ އެބައިމީހުން ގޮތެއް ނިންމާނެ ވާހަކައެވެ. މާދަމާ އިރުއެރުމާއެކު އަޅުގަނޑުމެން އެބޭފުޅުން މިތަނަށް ގެނުވާނީއެވެ."

ޒަރުބަޚުތު އާދުމާން ގޮވައިގެން އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. އާދުމާނުގެ ފެންދަމައިލައިފައިވާ އަނަރޫފަ މޫނުފުޅަކީ ފާއިތުވެދިޔަ ދުވަސްތަކުގައި އުފުއްލަވައިފައިވާ ދަތި އުނދަގޫފުޅުތަކުގެ މޫނުބަލާ ލޯގަނޑެކެވެ. އޭނާ حسّان އާ ދިމާޔަށް ބައްލަވައިލައްވައިފައި އިސްދަށަށް ޖައްސަވައިލެއްވިއެވެ. ނަމަވެސް حسّان ކުރިޔަށް ވަޑައިގެން މުސާފަހާ ކުރައްވަން އަތްޕުޅު ދިއްކޮށްލެއްވިއެވެ. حسّان ވިދާޅުވިއެވެ. "ކަލާއަކީ އަޅުގަނޑަށް ޚަބަރު ނޭނގޭ ނުފަރިތަ ބޭފުޅެއް ނޫނެވެ. ޒަރުބަޚުތުގެ ފަރާތްޕުޅުން އަޅުގަނޑަށްވަނީ ކަލާއާ ބެހޭގޮތުން ވަރަށްގިނަ މަޢުލޫމާތު ލިބިފައެވެ. މިހާރަކު އިތުރު ތަޢާރުފަކަށެއް ބޭނުމެއް ނޫނެވެ. ކަލާގެ އެހެން އެކުވެރީން މިތަނަށް ވަޑައިގެންނެވިނަމަ އެބޭފުޅުންނަށްވެސް އަޅުގަނޑުމެންގެ މެހުމާންދާރީ ލިބިވަޑައިގެންނެވީހެވެ. އަރާމުކުރެއްވުމުގެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހުނީހެވެ."

އާދުމާން ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަސްތައް މާބޮޑަށް ވަރުބަލިވީއެވެ. އަޅުގަނޑުމެން ދިޔައީ ސީދާ މުރޫރޫދަށް ދާންވެގެންނެވެ. ކަލާގެ އެކުވެރީންނަށް އަޅުގަނޑުމެން ފެނުނުކަމީ އިއްތިފާޤެކެވެ. ޒަރުބަޚުތު މިތާނގައި ހުންނެވިކަން އެނގުނުނަމަ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް މިތަނަށް ނައިހެއް މަޑެއް ނުކުރީހެވެ."

"ތިޔަބޭފުޅުން މުރޫރޫދަށް ވަޑައިގަންނަވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑުމެންގެ ކޮމާންޑަރ އިން ޗީފް ވަޑައިގެންވީ ބަލްޚަށެވެ. އެރަށުން އެނބުރި ވަޑައިގަންނަވާއިރު މިހިސާބުގަނޑުގެ ޗެކްޕޯސްޓުތައް މުއާއިނާ ކުރައްވާނެއެވެ. މާބޮޑަށް މޫސުން ނުބައިނުވެއްޖެނަމަ އަށެއްކަ ނުވަތަ ދިހަވަރަކަށް ދުވަހުގެ ތެރޭގައި މިހިސާބަށް ވަޑައިގަންނަވާނެއެވެ. އެކަމަކު އަޅުގަނޑު އެކަލޭގެފާނުގެ އަރިހަށް ޤާސިދަކު ފޮނުވާނަމެވެ. އަޅުގަނޑަށް ޔަގީނެވެ. ތިޔަބޭފުޅުން ވަޑައިގެންނެވި ޚަބަރު ލިބިވަޑައިގެންނެވުމަށްފަހު ދަތުރުފުޅުގެ މަގުމައްޗަކު މަޑެއް ނުކުރައްވާނެއެވެ. ދެން ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއެކު ވާހަކަފުޅު ދައްކަވާށެވެ. ކޮމާންޑަރ އިން ޗީފް ވަޑައިގަންނަވަންދެން ކަލާއަކީ އަޅުގަނޑުމެންގެ މެހުމާނަކީމުއެވެ. އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު ކަލާގެ އެކުވެރީންވެސް މިތަނަށް ގެނުވާނަމެވެ."

އާދުމާން އަލިފާން އުނދުނުގެ ކައިރީގައި އިށީނދެވަޑައިގެންފިއެވެ. حسّان سُهيل އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. ބޭބެ ބޭނުންވަނީ ކޮމާންޑަރ އިން ޗީފުގެ އަރިހަށް ހަމަ މިހާރު ޤާސިދަކު ފުރުވައިލާށެވެ. ކޮންމެވެސް ރަނގަޅު މީހަކު މިތަނަށް ގެންނަވާށެވެ. އޭނާއާއެކު ދަތުރުކުރާނެ ހަތަރު އަސްވާރުން ތައްޔާރު ކުރައްވާށެވެ."

سُهيل ވިދާޅުވިއެވެ. "ބޭބެ ހުއްދަ ދެއްވައިފިނަމަ އަޅުގަނޑު މިހިރީ ތިޔަ ޚިދުމަތުގެ ޒިންމާއާ ހަވާލުވާން ތައްޔާރަށެވެ."

"ނޫނެކެވެ. ކޮއްކޮ ތިޔަ ހުންނެވީ ވަރުބަލިފުޅުވެފައެވެ."

سُهيل އޭނާގެ އިސްޓާކީނު ލައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު އެންމެފުރަތަމަ ޗެކްޕޯސްޓުގައި ތިންހަތަރު ގަޑިއިރަކު އަރާމުކޮށްލާނަމެވެ. ފަތިސްވުމާއެކު އެކޮޅަށް ދަތުރު ފަށައިފާނަމެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "ނޫނެކެވެ. سُهيل އެވެ. ކޮއްކޮ މަޑުކުރައްވާށެވެ. ލަޝްކަރުގެ އަމީރުގެ އަރިހަށްދާނީ އަޅުގަނޑެވެ."

حسّان ވިދާޅުވިއެވެ. "ކަލާގެ ރަޙުމަތްތެރިޔާއަށް މެހުމާންދާރީ އަދާކުރެއްވުމަށްޓަކައި ކަލާ މިތާނގައި ހުންނަވަންވާނެއެވެ. ވަފުދުގެ ދެން ތިއްބެވި މެމްބަރުންވެސް މާދަމާ މިކޮޅަށް ގެނުވާނީއެވެ."

سُهيل ވަރަށްބޮޑަށް ބާރުއަޅުއްވައި ވިދާޅުވިއެވެ. "ބޭބެއެވެ. އަޅުގަނޑު ޔަގީންކޮށް އަރުވަމެވެ. އަޅުގަނޑު ކުޑަކޮށްވެސް ވަރުބައްޔެއް ނުވެއެވެ. އަޅުގަނޑަށް އަމުރު ދެއްވާށެވެ."

"އެންމެ ރަނގަޅެވެ. ވަޑައިގަންނަވާށެވެ."

سُهيل ހިނިފުޅުވަޑުވަމުން ކޮޓަރީން ނުކުމެވަޑައިގެންފިއެވެ. حسّان އާއި ޒަރުބަޚުތާ ދެބޭފުޅުން އާދުމާނުގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ. ޒަރުބަޚުތަށް އޭނާގެ ރަޙުމަތްތެރިޔާގެ މޫނުފުޅުމަތީން އިރުކޮޅެއްގެ ކުރީން ފެނިވަޑައިގެންނެވީ ހިތްޕުޅު ހަމަޖެހިވަޑައިގަތުމެވެ. ނަމަވެސް މިހާރު އޭނާގެ މޫނުފުޅުމައްޗަށް ވެރިވަމުންދަނީ ހަނގުރާމައިގެ ނާކާމިޔާބީގެ އިޙުސާސެވެ.

"އާދުމާން" ޒަރުބަޚުތު އާދުމާނުގެ އަތްޕުޅުގައި ހިއްޕަވައި އޭނާއާ ދިމާޔަށް ސަމާލުކުރުއްވަމުން ވިދާޅުވިއެވެ. ކަލާއަށް ވަރުބަލިފުޅުކަން އިޙުސާސު ކުރެއްވޭނަމަ ރީތިކޮށް އޮށޯވެވަޑައިގަންނަވާށެވެ."

"ނޫނެކެވެ. އަޅުގަނޑު ވަރުބައްޔެއް ނުވެއެވެ. އަޅުގަނޑުމެން މިހާރަކަށްއައިސް އުޅެމުން މިއަންނަ ޙާލަތުގެ ސަބަބުން އަޅުގަނޑު ވަނީ ވަރަށްބޮޑަށް ކެތްތެރިވާން އާދަކުރުވައިފައެވެ. ބުރަތައް ތަޙައްމަލުކުރާން ފަރިތަވެފައެވެ."

حسّان ވިދާޅުވިއެވެ. "އާދުމާނެވެ. ކަލާ ތިޔަވަޑައިގެންނެވީ ޞުލްޙައިގެ މެސެޖު ހިއްޕަވައިގެންނެވެ. އެހެންކަމުން އަޅުގަނޑު ދަންނަވާ އެއްޗަކުން ކަލާގެ ހިތްޕުޅުގެ ބަރު ލުއިވާނެކަމުގައިވާނަމަ ދަންނަވަމެވެ. އަޅުގަނޑަށް އަޅުގަނޑުގެ ކޮމާންޑަރ އިން ޗީފުގެ ފަރާތްޕުޅުންނާއި، أميـرالمؤمنـين ގެ ފަރާތްޕުޅުންނާއި އެންމެހައި މުސްލިމުންގެ ފަރާތުން އިޢުލާނު ކުރެވިދާނެއެވެ. އަޅުގަނޑުމެންނަކީ ތިޔަބޭފުޅުންގެ ހަށިކޮޅާއި، މުދަލާއި ޢިއްޒަތް ރައްކާތެރި ކުރުމުގެ ޖާމިނުންނީމުއެވެ."

އާދުމާން ވިދާޅުވިއެވެ. "ކަލާގެ އަރިހަށް އާދެވުމުގެ ކުރީން سُهيل އާއި ޒަރުބަޚުތުގެ ފަރާތްޕުޅުންވެސް އަޅުގަނޑަށްވަނީ ތިޔަފަދަ ވާހަކަފުޅުތަކެއް އަޑުއިވިފައެވެ. ނަމަވެސް ފުރާތުކޯރުން ފެށިގެން ޖައިހޫނު ކޯރާ ހަމަޔަށް މުސްލިމުންނާ ދެކޮޅަށް އެތައް ހަނގުރާމަތަކެއް ކުރުމަށްފަހު އަޅުގަނޑަށްވެސް އަޅުގަނޑުގެ އެކުވެރީންނަށްވެސް އަޅުގަނޑުމެންނަށް ލިބޭނެ އެންމެ ކުޑަ އަދަބަކަށްވާނީ ކޮން އަދަބެއްކަން ވިސްނައިގަންނާކަށެއް އުނދަގުލެއް ނޫނެވެ. މުރޫރޫދާ ދިމާޔަށް ދަތުރު ފެށިއިރު އަޅުގަނޑުމެން ޔަގީންކޮށްގެންތިބީ ތިޔަބޭފުޅުންގެ އެންމެ ފުރަތަމަ ޗެކްޕޯސްޓުން އަޅުގަނޑުމެންގެ އަތްފައިގައި ހިލިހިލާ އަޅުވާނެކަމުގައެވެ. ކަލާ ކުށްހީފުޅެއް ނުކުރައްވާނެ ކަމުގައިވާނަމަ އަޅުގަނޑު ސުވާލުކޮށްލަން ބޭނުމެވެ. އަޅުގަނޑުމެންފަދަ ބައެއްގެ ޖާނާއި މާލާއި ޢިއްޒަތް ރައްކާތެރި ކުރެއްވުމުގެ ޒިންމާއާ ކަލާ ހަވާލުވެވަޑައިގަންނަވާއިރު ކަލާއަށް އެކަމުގެ އިޚުތިޔާރު ލިބިވަޑައިގެންފައިވަނީ ކިހައިވަރަކަށްތޯއެވެ؟ އަޅުގަނޑުމެންނަކީ މުސްލިމުންނާ ހަނގުރާމަކޮށް އެތައްފަހަރަކު މަތިމައްޗަށް ބަލިވުމުން މަޖުބޫރުވެގެން ހަތިޔާރު ބަހައްޓާ ބަޔަކީމުއެވެ."

"އަޅުގަނޑުމެންގެ އެންމެ އާދައިގެ ސިފައިންގެ މީހާއަކީވެސް ހަތިޔާރު ބަހައްޓާ މީހުންނަށް ޙިމާޔަތްދިނުމުގެ އިޚުތިޔާރު ލިބިގެންވާ މީހެކެވެ. އޭނާ ދީފި ޙިމާޔަތެއް އެއްވެސް މުސްލިމަކަށް ނިގުޅައެއް ނުގަނެވޭނެއެވެ."

"ކަލާ ތިޔަ ވިދާޅުވަނީ އަޅުގަނޑުމެންނާމެދު ޤައިދީންގެ ހައިސިއްޔަތުން ނުވަތަ އަޅުންގެ ގޮތުގައި މުޢާމަލާ ނުކުރެވޭނެ ކަމުގައިތޯއެވެ؟"

"އާދޭހެވެ. އަޅުގަނޑުމެންގެ މަޤުޞަދަކީ ތިޔަބޭފުޅުން އަޅުވެތިކުރުމެއް ނޫނެވެ. އަދި ކީއްތޯއެވެ. މިނިވަންކަމުގެ ނިޢުމަތްތަކުން މުއްސަނދިކޮށްދިނުމެވެ."

"އަޅުގަނޑުމެން އިސްލާމްދީން ގަބޫލު ނުކޮށްފިނަމަ ވާނީ ކިހިނަކުންތޯއެވެ؟"

"އެހެންކަމުގައިވިޔަސް ޞުލްޙަމަސަލަސްކަމުގައި ތިއްބަވާން ވަޢުދުވެވަޑައިގެންފައި ތިޔަބޭފުޅުންގެ ގޭގެޔަށް ވަޑައިގެންނެވިދާނެއެވެ."

"އަޅުގަނޑުމެންގެ އަނބިދަރީން؟"

"އެބޭފުޅުން ރައްކާތެރިކުރުންވެސް ވާނީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމުގައެވެ."

"އަޅުގަނޑުމެން ޔަޒުދުގިރުދު ހައްޔަރުކޮށްގެން އަޅުގަނޑުމެންނާއެކު ގެނައިނަމަ ވާނީ ކިހިނަކުންތޯއެވެ؟"

"އަޅުގަނޑުމެން ހޯދަން ބޭނުންވާނީ އޭނާ އިތުރު ފިތުނަތަކެއް ނުއުފައްދަވާނެކަމުގެ ޔަގީންކަމެވެ."

"އީރާން އަބަދަށްޓަކައި ބަލިކުރެއްވިއްޖެކަން ކަލާއަށް ޔަގީންފުޅުތޯއެވެ؟"

"ނޫނެކެވެ. އަޅުގަނޑު ޔަގީންކުރަނީ ކިސްރާގެ އަޅުވެތިކަމުން އީރާން މިނިވަންކުރެވިއްޖެކަމެވެ. ކިސްރާ ތުރުކީންގެ ޚާގާނުގެ ނުވަތަ ސިނައިންގެ ޝަހެންޝާހުގެ އެހީފުޅު ހޯއްދަވައިގެން އީރާނަށް އަލުން ވެރިވެވަޑައިގަންނަވާން މަސައްކަތް ކުރައްވައިފިނަމަ ޤަރުނުތަކެއްގެ ފަހުން މިނިވަންކަމުގެ މީރުކަމާއި ފޮނިކަން އިޙުސާސުކުރަމުން ގެންދާ އީރާނީން ދެކޭނީ އިސްލާމްދީނުގެ ދިދަޔަކީ ޚުދު އެބައިމީހުންގެ ދިދަ ކަމުގައެވެ. މި ކިއްލާގައި އީރާނުގެ އެތައް މުޖާހިދުންނެއް އެބަތިއްބެވެ. މާތް اللّـه ގެ ދީނާމެދު އެބައިމީހުންގެ ޖަޒުބާތު ހުރީ ކިހިނަކުންކަން ކަލާއަށް އެމީހުންކުރެން އައްސަވައިލެއްވިދާނެއެވެ."

އާދުމާން ޒަރުބަޚުތާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ޒަރުބަޚުތު މިތަނުން ފެނުމަށްފަހު އަޅުގަނޑު އީރާނުގެ އެހެންމީހަކާ ސުވާލު ކުރާކަށެއް ބޭނުމެއް ނޫނެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "ޤަރުނުތަކެއްގެ ނާމާން އަނދިރިކަމަށްފަހު މިހާރު އަލިވިލެމުންދާ ފަތިހުގެ ރީތިކަމާއި ހިތްގައިމުކަން ކަލާއަށް ވިސްނިވަޑައިގަންނަވާނީ އީރާނުގެ މިހާރުގެ ޙާލަތު އޮޅުންފިލައިވަޑައިގެންނެވުމުންނެވެ. މީގެ އަހަރުތަކެއްގެ ކުރީން އަޅުގަނޑަށްވަނީ އަޅުގަނޑުމެން ދުވަމުން މިދަނީ ކުރުވަމުންދާ ކަޅު ހިޔަންޏަކާ އެކުގައިކަން އިޙުސާސުކުރެވިފައެވެ. ނަމަވެސް ކަލާ އެނބުރި ތިޔަ ވަޑައިގެންނެވީ އޭގެވެސް އެތައްދުވަހެއްގެ ފަހުންނެވެ."

އާދުމާން މޮޅިވެރި ރާގެއްގައި ވިދާޅުވިއެވެ. "މިހާރަކު އަޅުގަނޑުމެންނަށް އެނބުރިނައިސް ކުރެވޭނެކަމެއްވެސް ނެތެވެ. އަޅުގަނޑުމެންގެ އުންމީދުތަކާއި ހިތްވަރުގެ ނައު ވަނީ ޖައިހޫނަށް ޣަރަޤުވެފައެވެ. އަޅުގަނޑުމެންގެ ތެރެއިން ޔަޒުދުގިރުދުގެ އަރިހުގައި ފަރުޣާނާއަށް ދިޔަމީހުންކުރެވެސް އެއްބަޔަކު އެނބުރި އަތުވެއްޖެއެވެ. އެމީހުންގެ ވާހަކަތައް އަޑުއިވުމުން އިޙުސާސު ކުރެވުނު ގޮތުގައި ބާކީތިބި މީހުންވެސް މާގިނަ ދުވަހަކު އޭނާގެ އަރިހަކު ނުއުޅޭނެއެވެ."

+ + + + +

މަޣުރިބު ނަމާދަށްފަހު އާދުމާން އިންނެވީ އޭނާގެ މޭޒުބާނުންގެ އަރިހުގައި ފަރީއްކުޅުއްވާށެވެ. ބައެއް އެހެން ބޭފުޅުންވެސް އެސުފުރާމަތީގައި ފަރީއްކޮޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެހެންކަމުން ތަފުސީލުކޮށް ޒަރުބަޚުތާ ވާހަކަ ދައްކަވާކަށެއް އާދުމާނަށް ފުރުސަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. ޔަޒުދުގިރުދުގެ ލަޝްކަރުގެ ބައެއް އޮފިސަރުން އިސްލާމީ ލަޝްކަރުގެ އަމީރާ ޞުލްޙައިގެ ވާހަކަ ދައްކަވާން އާދުމާނުގެ އަރިހުގައި ވަޑައިގެންނެވި ވާހަކައާއި ޖެހިގެންހުރި ޗެކްޕޯސްޓުގައި އެބޭފުޅުން މަޑުކުރެއްވި ވާހަކަ ކިއްލާގައިވަނީ މަޝްހޫރުވެފައެވެ. އެހެންކަމުން މުސްލިމުންނަށް ލިބިފައިވާ އުފާވެރިކަން އެބައިމީހުންގެ މޫނުމަތީން ފާހަގަކުރާކަށެއް އުނދަގުލެއް ނޫނެވެ. ނަމަވެސް މުސްލިމުން އުފަލާއެކު ބޮޑާކަމުގެ ކުޑަވެސް ޝުޢޫރެއް އެކުލެވިފައިވާކަމެއް ފާޅެއްނުވެއެވެ. ތިމާމެންގެ މަތިވެރިކަމުގެ އިޙުސާސުގެ ބަދަލުގައި އެބައިމީހުންގެ މޫނުތަކުން ފާޅުވޭވެހުރީ ޝުކުރުވެރިކަމުގެ ޖަޒުބާތެވެ. އާދުމާނުގެ ކަންބޮޑުވެވަޑައިގެންނެވުންވަނީ ހައިރާންފުޅުކަމަށް ބަދަލުވެފައެވެ.

ޢިޝާނަމާދު ވަގުތަށް އެ މަޖްލިސް ނިންމައިލައްވަމުން حسّان ތެދުވެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ކަލާ ދެން އަރާމުކުރައްވާށެވެ." ހުރިހައި ބޭފުޅުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އާދުމާން އެތަނުން ރަޖައެއް ނަންގަވައި ގައިކޮޅުގައި ލައްވައިގެން ފައިންޕުޅު ދަންމަވައިލައްވައިފިއެވެ.

އިރުކޮޅެއްގެފަހުން އޭނާ ފުރޮޅިވަޑައިގެންފައި އަލިފާން އަންދާ ތަނުގައި ރޯކޮށްފައިހުރި އަލިފާނާ ދިމާޔަށް ބައްލަވާން އޮންނަވަނިކޮށް ޒަރުބަޚުތު މަޑުމަޑުން އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. އާދުމާން ކުއްލިޔަކަށް އެނބުރިވަޑައިގެން ބައްލަވައިލެއްވުމަށްފަހު ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ.

ޒަރުބަޚުތު އާދުމާނުގެ އަރިހުގައި އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ހީކުރީ ކަލާ އަވަހާރަފުޅު ލައްޕަވައިފާނެ ކަމުގައެވެ."

"އަޅުގަނޑު މިއޮންނަނީ ކަލާގެ އިންތިޒާރުގައެވެ. އޭނާ ވަޑައެއް ނުގަންނަވާނެތޯއެވެ؟"

(ނުނިމޭ)