ރިލްވާން މައްސަލައިގައި ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އޭނާގެ ޕާސްޕޯޓް ހިފެހެއްޓިކަން މަރުތައް ބަލާ ކޮމިޝަންގެ މެންބަރަކު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް ހިފެހެއްޓީ ސީދާ ކޮން ތާރީހެއްގައި ކަމެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ވެސް ކުރީން ހުންނެވި ހަސަން އަލީ ސަސްޕެންޑް ކޮށްފައިވާއިރު ރިލްވާން ގެއްލިފައިވާ މައްސަލަ ތަހުގީގުކުރުމުގެ ތެރޭގައި 2014 ވަނަ އަހަރު ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި އޭރު ހުންނަވައިގެން ފުލުހުންގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހަކާ ގުޅިގެން ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމަންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑް ވެސް ކުރި އެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ޖޭއެސްސީން ކުރާ ތަހުގީގުގެ މަސައްކަތް ނިންމައި ޖަވާބުދަރީ ވާން ހަސަން އަލީއަށް ދިން ފުރުސަތުގައި ޖަވާބު ނުދެއްވައި އޭނާ ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ރިލްވާން މަރާލި މައްސަލައާ ގުޅިގެން މައުލޫމާތު ދިނުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ އޭރުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ، އެ ކޮމިޝަންގެ އެދުމުގެ މަތިން 15 މީހެއްގެ ޕާސްޕޯޓް އޭރާ ހަމައަށް ހިފަހައްޓާފައިވަ ކަމަށެވެ. ނަމަވެސް އެމީހުންގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވި މަރު ކޮމިޝަންގެ މެންބަރު ވިދާޅުވީ، އޭގެ ތެރެއިން ބައެއް މީހުންގެ ޕާސްޕޯޓް މިހާރު ދޫކޮށްލާފައިވާ ކަމަށާއި އަދި ފަހުން ބައެއް އިތުރު މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ވެސް ނުދެއްވަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު