ވިޔަފާރި

މީރާގެ ޑިޖިޓަލް ޕޭމަންޓް ޕާޓްނަރަކަށް "ދިރާގު ޕޭ" ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ (މީރާ)ގެ ޑިޖިޓަލް ޕޭމަންޓް ޕާޓްނަރަކަށް ''ދިރާގު ޕޭ'' ހަމަޖައްސައިފި އެވެ.

މީރާގެ ޑިޖިޓަލް ޕޭމަންޓް ޕާޓްނަރަކަށް ''ދިރާގު ޕޭ'' ހަމަޖެއްސުމުގެ ގޮތުން ދިރާގާއި މީރާއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މީރާގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މީރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްއޭޝަން އަސްމާ ޝަފީއު އެވެ. އަދި މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރު ރޮބިން ވޯލް އެވެ.

މި އެއްބަސްވުމާއެކު ދިރާގު ޕޭ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މީރާއަށް ފައިސާ ދެއްކޭނެކަން ދިރާގުން ފާހަގަކުރެއެވެ. އަދި މި އެއްބަސްވުމަކީ "ކޭޝްލެސް އިކޮނޮމީ" އެއް ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އެކުންފުންޏަށް ދެވޭ އެއްބާރުލުމެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ދިރާގު ޕޭ މެދުވެރިކޮށް މީރާއަށް ވަގުތުން ފައިސާ ދެއްކުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. މީގެ އިތުރުން އާންމު ފަރުދުންނާއި ކުންފުނިތަކުގެ އުޅަނދުތަކުގެ އަހަރީ ފީ، ޖޫރިނަމާ އަދި ޒަކާތްވެސް ދިރާގު ޕޭ މެދުވެރިކޮށް ދެއްކޭނެ ކަމަށް ދިރާގުން ބުނެއެވެ.

މިހާރުވެސް މުޅި ރާއްޖޭގެ 300 އަށްވުރެ ގިނަ ވިޔަފާރަވެރިން، ރެސްޓޯރަންޓު، ފިހާރަ، ސެލޫން، ހޮސްޕިޓަލް އަދި ކްލިނިކްތަކުން ދިރާގު ޕޭގެ ހިދުމަތް ގަބޫލުކުރާ ކަމަށް ދިރާގުން ބުނެއެވެ. އަދި ދިރާގު ކަސްޓަމަރުންގެ އިތުރުން އެހެން ނެޓްވޯކްގެ ކަސްޓަމަރުންނަށްވެސް ދިރާގު ޕޭ މެދުވެރިކޮށް ބިލް ދެއްކުމާއި، ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތްތައް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.