އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އިން ކުޅުނު ހަތަރު ވަނަ މެޗު ވެސް ކާމިޔާބުކޮށް، ސީޒަންގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފި އެވެ.

މިރޭ ބްރައިޓަންއާ ދެކޮޅަށް އެވަޓަން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 4-2ގެ ނަތީޖާ އަކުންނެވެ. މި ސީޒަނަށް ރަނގަޅު ޓްރާންސްފާތަކަކާއެކު ތައްޔާރުވި އެވަޓަން އިން ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާއެކު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. މިރޭގެ މެޗުގައި ވެސް އެވަޓަން އިން ވިދާލީ އަލަށް ޓީމާ ގުޅުނު ހަމޭސް ރޮޑްރިގޭޒް އާއި ރަނގަޅު ފޯމެއްގައި ހުރި ފޯވަޑް ޑޮމިނިކް ކަލްވާޓް ލެވިން އެވެ.

މެޗުގެ ފެށުން އެވަޓަން އިން ރަނގަޅު ކުރި އެވެ. އިންގްލެންޑު ގައުމީ ޓީމުން އަލަށް ޖާގަ ހޯދި ކަލްވާޓް ލެވިންގެ ގޯލާއެކު އެވަޓަން އިން ލީޑު ނެގީ ގުލްފީ ސިގަޑްސަންގެ ހުރަސް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. އެވަޓަން އިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު އިރު، އެޓީމަށް މާޔޫސްކަން ކުރިމަތިވީ ބްރެޒިލްގެ ވިންގާ ރިޗާލްސަން އަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ. ރިޗާލްސަންގެ ބަދަލުގައި ކުޅެން ނުކުތީ އެލެކްސް އިވޯބީ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަން އިން ނަތީޖާ ހަމަހަމަކުރި އެވެ. އެވަޓަންގެ އިންގްލެންޑް ގޯލްކީޕަރު ޕިކްފޯޑަށް ހެދުނު ބޮޑު ގޯހެއްގެ ބޭނުން ހިފައި، ބްރައިޓަން އަށް ނަތީޖާ ހަމަހަކޮށްދިނީ މުއާޕޭ އެވެ.

ދެވަނަ ހާފް ބޯ ވާރޭގައި ކުޅުނު އިރު، އެވަޓަން އަށް މެޗަށް އަނބުރާ ވަނުމަށް މާ ގިނައިރެއް ނުނެގި އެވެ. ޔެރީ މިނާ އާއި ހަމޭޒް ރޮޑްރިގޭޒްގެ ދެގޯލުން އެވަޓަން ހަމަޖެހިލި އިރު، އެޓީމަށް އެއްވެސް ޕްރެޝަރެއް ނެތި މެޗުގެ ފަހު ބައިގާ ކުޅެލިތަން ފެނުނެވެ. ޔެރީ މިނާގެ ގޯލަށް ފުރުސަތު ފަހިކޮށްދިނީ ވެސް ރޮޑްރިގޭޒް އެވެ.

މި ސީޒަނަށް ރޮޑްރިގޭޒް އެވަޓަންއާ ގުޅުނީ ރެއާލުންނެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކޮލަމްބިއާއެކު ވިދާލި ރޮޑްރިގޭޒް ބޮޑު އަގުގައި ރެއާލް އަށް ގެންދިޔަ ނަމަވެސް، އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އޭގެ ފަހުން ބަޔާނަށް ވެސް ރޮޑްރިގޭޒް ކުޅުނު އިރު، އޭރުވެސް އެންމެ އެކަށޭނެ ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ. އެހެން ނަމަވެސް އެވަޓަންއަށް އައިސް ދައްކަމުންދަނީ ތަފާތު ކުޅުމެކެވެ.

ބްރައިޓަން އިން މެޗު ނިމެން ދަނިކޮށް އިތުރުު ގޯލެއް ޖެހި އެވެ. އެ ގޯލަކީ ބިސޯމާގެ ހިތްގައިމު ގޯލެކެވެ.