މަސްތުވެގެން ރޭ މާލޭގެ މަގެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފުލުހުން ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ރޭ ބުނީ، އިންޑިއާއަށް ނިސްބަތްވާ ކަމަށް މައުލޫމާތު ލިބިފައިވާ އެ މީހާ ހައްޔަރުކުރީ މަސްތުގެ ހާލުގައި ހުރި މީހެއް ކަމަށް ބެލެވޭތީ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެމީހާ ވެއްޓިފައި އޮތް ސަރަހައްދަށް އޭނާ ގެންގުޅުނު ދިޔާއެއްޗެއް އެޅި ފުޅިއެއްވެސް ވަނީ ތަޅައިގެން ގޮސްފައެވެ.

އެ މީހާގެ މައްސަލައިގައި ފުލުހުން މިއަދު ބުނީ، މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅުނު އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް އޭނާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.