(01 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

ތުރުކީންގެ ލަޝްކަރު އެނބުރި ދިޔުމުން أحنف بــن قيس رضى اللّـه عنــه އިސްކަންދެއްވީ ޔަޒުދުގިރުދު ފައްސަވަމުން ވަޑައިގަންނަވާކަށެއް ނޫނެވެ. ޚާގާނު މުސްލިމުންނާ ހަނގުރާމަޔަށް ވަޑައިގަންނަވާތީ މުސްލިމުން އެއްތަނަކަށް އެއްވުމަށްޓަކައި ހުސްކުރި ކިއްލާތަކާއި ފޭބި ރަށްރަށް އަލުން ހިއްޕެވުމަށެވެ. أميـرالمؤمنـين ބަވަސްކޮށް އަމުރު ކުރައްވައިފައިވަނީ ސަރަޙައްދު ފުޅާކުރުމަށްވުރެ ބޮޑަށް ފަތަޙަކުރެވޭ ތަންތާނގެ ނިޒާމުތައް ވަރުގަދަ ކުރުމަށެވެ. މުސްލިމުން ކުއްލިގޮތަކަށް ޖައިހޫނުކޯރު ހުރަސްކުރަން ޖެހޭފަދަ ޙާލަތެއް މެދުވެރި ނުކުރުމަށެވެ. ކިސްރާ އޭނާގެ ލަޝްކަރުގެ ބޮޑުބަޔާ ވަކިވެވަޑައިގެން ފަރުޣާނާއަށް ވަޑައިގެންފިކަން أحنف އަށް ވަނީ އެނގިވަޑައިގެންފައެވެ. އެކަމަކުވެސް އެކަލޭގެފާނު އީރާނީންނާ ޙަމަލަ ދެއްވާކަށެއް ނުއުޅުއްވައެވެ. އީރާނުގެ ލަޝްކަރަށް ޙަމަލަދެއްވި ކަމުގައިވިޔަސް ޚާގާން އެމީހުނަށް އެހީވެވަޑައިގަންނަވަން އެނބުރި ވަޑައިނުގަންނަވާނެކަމުގެ ޔަގީންކަން أحنف އަށް ވަނީ ލިބިވަޑައިގެންފައެވެ.

ބަލްޚާއި މުރޫރޫދާ ދެމެދުގެ މުހިންމު އެތައް ޗެކްޕޯސްޓުތަކެއް ބެލެހެއްޓެވުމާ ހަވާލުވެވަޑައިގެން ހުންނެވީ حسّان އެވެ. އޭނާ މަޑުކުރައްވައިގެން ހުންނެވީ އެހިސާބުގަނޑުގައިހުރި މުސްކުޅި ކިއްލާއެއްގައެވެ. އޭނާގެ އަމުރުފުޅުގެ ދަށުގައި ދެހާސް ސިފައިން ތިއްބެވެ. ޗެކްޕޯސްޓުތަކުގެ އިތުރަށް އުތުރުފަރާތުން ޖައިހޫނުކޯރާ ހަމައަށް ދަތުރުކުރެވޭ މަގުތައް ބެލެހެއްޓެވުމަކީވެސް حسّان ގެ މަސްއޫލިއްޔަތެކެވެ. ޚާގާން އެނބުރިވަޑައިގެންނެވުމަށްފަހު ތުރުކީންގެ ފަރާތުން އަލުން ކުރިމަތިލުމެއް ހިނގުމުގެ ނުރައްކަލެއް ފެންނާކަށެއް ނެތެވެ. ނަމަވެސް އިސްލާމީ ލަޝްކަރުގެ أميـرأحنف بــن قيس رضى اللّـه عنــه ސަރަޙައްދުގެ ހުރިހާ ކޮމާންޑަރުންނަށް އަމުރުކުރައްވައިފައިވަނީ އީރާނުގެ ލަޝްކަރުގެ ބާކީތިބި ސިފައިން ޖައިހޫނު ކޯރުގެ މިފަރާތުގައި ތިބިހައި ހިނދަކު ކޯރު ހުރަސްކޮށް ތުރުކީން ހިންގާ އައިސްގޮސްވުމުގެ ހަރަކާތްތަކާމެދު އަބަދުވެސް ހުޝިޔާރުވެވަޑައިގެން ތިއްބެވުމަށެވެ.

އެއްދުވަހެއްގެ މެންދުރެއްހައި އިރެވެ. حسّان ހުންނެވީ ކިއްލާގެ ތަނަވަސް ކޮޓަރިޔެއްގެ ކުޑަދޮރު ކައިރީގައެވެ. ގަނޑުފެން ފައިބާ މަންޒަރު ބައްލަވާށެވެ. ކޮޓަރިތެރޭގައި ހުރީ ހިކި ހުއިތަކެއް ފަތުރައިލައިފައެވެ. އެއްފަރާތެއްގައިހުރި އަލިފާން އަންދާ ތަނެއްގައި އަލިފާން އަންދައިފައި ހުއްޓެވެ. އެތާނގެ ކައިރީގައި ކެހެރި ދެ ރަޖަޔާއި ހަމުން ހަދައިފައިވާ ދިގު ކޯޓެއް އޮތެވެ.

ޒަރުބަޚުތު އެކޮޓަރީގެ ދޮރުމައްޗަށް ހުއްޓިވަޑައިގެންފިއެވެ. ގަނޑުފެންކޮޅުކޮޅު ހަރުލައިފައިހުރި ހަމުގެ ކޯޓުކޮޅު ބާލުއްވައިފައި ފޮޅުއްވައިލެއްވުމަށްފަހު އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. حسّان ކުޑަދޮރު ލައްޕަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލާ މި މޫސުމުގައި މާދުރަށް ވަޑައިގެންނެވުމުގެ ބޭނުމެއް ނެތެވެ."

ޒަރުބަޚުތު އޭނާގެ ކޯޓުކޮޅު އެއްފަރާތެއްގައި ބާއްވަވައިފައި އަލިފާންގަނޑުގެ ކައިރީގައި އަތްޕުޅު ފަތުރައިލައްވައިގެން ހުއްޓިވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ހުރީ ޖެހިގެން ކުރިޔަށްހުރި ޗެކްޕޯސްޓުގައެވެ. سُهيل ގެ އިންތިޒާރުގައެވެ. ހެނދުނު އޭނާ ފަންސާސް ސަވާރުންނާއެކު ނުކުމެވަޑައިގެންނެވީ ސަރަޙައްދުގައި ބުރުޖައްސަވާށެވެ. އެކަމަކު އަދިވެސް އެނބުރި ވަޑައެއް ނުގަންނަވައެވެ. އަޅުގަނޑު މިއައީ އޭނާ ވަޑައިގެންނެވުމާއެކު އަޅުގަނޑުމެންނަށް ޚަބަރު ފޮނުވަން އަންގައިފައެވެ."

حسّان އަލިފާން އަންދާ ތާނގެ ކައިރީގައި އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އޭނާ ގަނޑުފެން ފައިބާތީ ކޮންމެވެސް އަވަށެއްގައި މަޑުކޮށްލެއްވީކަމުގައިވެސް ވެދާނެއެވެ. އިށީނދެވަޑައިގަންނަވާށެވެ."

ޒަރުބަޚުތު حسّان ގެ އަރިހުގައި އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "މިއަދު އަޅުގަނޑުމެންގެ ތިންވަނަ ޗެކްޕޯސްޓުގެ ސިފައިން ގޮއްވަކު ހައްޔަރުކޮށްގެން އަޅުގަނޑުގެ ގާތަށް ގެނައެވެ. އޭނާ ބުނާގޮތުގައި އިހަށްދުވަހުގެ އިރުއޮއްސުނުފަހުން އޭނާއަށްވަނީ ހަތް ބައްތެލި ކޯރު ހުރަސްކުރަނިކޮށް ފެނިފައެވެ. އެބައްތެލިފަހަރުގައި ފިރިހެނުންގެ އިތުރަށް އަންހެނުންނާއި ކުޑަކުދީންވެސް ތިއްބެވެ. ކޯރުގެ މިފަރާތުގައި ބަޔަކު އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. އެމީހުން އައި ބައްތެލިތައް މީހުން ބާލައިފައި އަނބުރައި ހިނގައްޖެއެވެ. ބައްތެލިފަހަރުން އައިމީހުންގެ އަދަދު ސަތޭކަފަންސާސް ނުވަތަ ދުއިސައްތަޔަކަށްވުރެ ގިނައެއް ނޫނެވެ. އެބައިމީހުން ދިޔަކަމުގައިވާނީ އީރާނީ ލަޝްކަރުގެ މުޢަސްކަރަށެވެ. ގޮވިކަލޭގެ ބުނިގޮތުގައި އެމީހުން ތުރުކީބަހުން ވާހަކަ ދެއްކިނަމަ އޭނާޔަށް އެމީހުން ދެއްކި ވާހަކަ އެނގުނީހެވެ. އެމީހުން ވާހަކަ ދެއްކީ ފާރިސީބަހުން ކަމުގައި ވެދާނެއެވެ."

"ގޮވިކަލޭގެ ފާރިސީ ބަހެއް ނުދަނޭތޯއެވެ؟"

"އާދޭހެވެ."

"އެހެންވީއިރު ތިޔައައި މީހުންނަކީ ތުރުކީން ކަމުގައެއް ނުވާނެއެވެ."

"ޔަޒުދުގިރުދު އެނބުރިވަޑައިގެންނެވީ ކަމުގައި ވެދާނެތޯއެވެ؟"

"ނޫނެކެވެ! ޔަޒުދުގިރުދު އެންމެ ސަތޭކަފަންސާހަކަށް މީހުނާ އެކުގައެއް ވަޑައެއް ނުގަންނަވާނެއެވެ. ތިޔަބަޔަކު ވާނީ ޔަޒުދުގިރުދުގެ އަރިހުގައި ދިޔަމީހުންގެ ތެރެއިން އޭނާގެ އަރިހުގައި އުޅުމުގެ ބޭނުމެއް ނެތްކަން ވިސްނިގެން އޭނާ ވަކިވެގެން އައިބަޔަކު ކަމުގައެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެބައިމީހުންގެ މުޢަސްކަރަށް ޙަމަލަދިނުމުގެ އަމުރު ލިބުނުނަމަ މި މައްސަލަ މިހައިތަނަށް ނިންމައިލެވިއްޖައީހެވެ."

"އަޅުގަނޑުމެންނަށް އެބައިމީހުންގެ މުޢަސްކަރަށް ޙަމަލަދޭކަށެއް ނުޖެހޭނެއެވެ. އެކަން ލަޝްކަރުގެ أميـر އަށް ޔަގީންވެވަޑައިގަންނަވައެވެ. أميـر ބޭނުންފުޅުވަނީ އެބައިމީހުންނަށް ވިސްނާނެ ފުރުސަތު ދެއްވާށެވެ."

"މިހައި ދުވަސްވާއިރުވެސް އެބައިމީހުން ހަތިޔާރު ނުބަހައްޓައި އެތިބެނީ ތުރުކީންގެ ފަރާތުން އެހީ ލިބުމުގެ އުންމީދުގައި ކަމަކަށް ނުވާނެތޯއެވެ؟"

"އޭގެ ސަބަބަކީ އަޅުގަނޑުމެންގެ ފަރާތުން އެމީހުންނާމެދު ހެޔޮކޮށް ކަންތައް ކޮށްފާނެކަމުގެ އުންމީދެއް ނެތުންކަމުގައިވެސް ވެދާނެއެވެ. ކޮންމެގޮތެއްގައިވެސް މި މޫސުމުގައި އެބައިމީހުންނަށް ވަރަށް އަވަހަށް ކޮންމެވެސް ގޮތެއް ނިންމަން މަޖުބޫރުވާނެއެވެ. އެބައިމީހުން ކިސްރާއާ ވަކިވެއްޖެކަމުގައިވާނަމަ އަޅުގަނޑުމެންގެ ޙިމާޔަތް ހޯދުން ފިޔަވައި އެމީހުންނަށް ހެދޭނެ އެހެންގޮތެއް ނޯންނާނެއެވެ. ކޮމާންޑަރ އިން ޗީފް ޔަގީންކުރައްވާ ގޮތުގައި އަޅުގަނޑުމެންނަކަށް މާގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރާކަށެއް ނުޖެހޭނެއެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ޚާގާނު ފަހައިދިޔުމުގެ އަމުރު ލިބުނުނަމަ އަޅުގަނޑުމެންނަށް ދާދިފަސޭހައިން އޭނާގެ ލަޝްކަރު ބަލިކޮށްލެވިއްޖައީހެވެ."

"އަޅުގަނޑުމެންގެ މަޤުޞަދަކީ ޚާގާނުގެ ލަޝްކަރު ޖައިހޫނު ކޯރުގެ އަނެއްފަރާތަށް ފޮނުވައިލުމެވެ. ހަނގުރާމަނުކޮށް އެ މަޤުޞަދު ހާސިލުވެއްޖެއެވެ. އަޅުގަނޑުމެން ޚާގާނަށް ވިސްނައިދިނީ އޭނާގެ ލަޝްކަރުގެ ކިތަންމެ ބައިބޯ ކަމުގައިވިޔަސް މުސްލިމުން ނުސިހޭނެކަމެވެ. އަޅުގަނޑަށް ޔަގީނެވެ. އެތައްދުވަހެއް ވާއިރުވެސް އަލުން ޖައިހޫނު ހުރަސްކުރައްވައި މިފަރާތަށް ވަޑައިގަންނަވާކަށެއް އޭނާއަށް ކެރިވަޑައެއް ނުގަންނަވާނެއެވެ."

"އެކަމަކު އަޅުގަނޑު ބިރުގަންނަނީ ޔަޒުދުގިރުދު އޭނާ ހިމޭނުން ހުންނެވިޔަ ނުދެއްވާނެތީއެވެ. އޭނާގެ މަސައްކަތްޕުޅުން ތުރުކީން ފިޔަވައި އަވަށްޓެރި ސިނައިންނާއި ތާތާރީންވެސް އަޅުގަނޑުމެންނާ ދެކޮޅުވެރިވާން ތައްޔާރުވުމަކީ ދުރުކަމެއް ނޫނެވެ."

حسّان ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނަވައި ޖަވާބު ދެއްވިއެވެ. "ތިޔަފަދަ ޙާލަތަކާ ކުރިމަތިލުމަށްޓަކައި އަޅުގަނޑުމެން އެންމެފުރަތަމަ ބޭނުންވަނީ އަޅުގަނޑުމެން ފަތަޙަކުރި ތަންތާނގައި އަށަގެންފައިވާ ޝަހެންޝާހިއްޔަތުގެ އަސަރުތައް ފިލުވައިލުމެވެ. އިސްލާމީ ދައުލަތުގެ ނަޒަރިއްޔާތީ ބިންގާތައް އެތަންތާނގައި ވަރުގަދަ ކުރުމެވެ. އަޅުގަނޑުމެންނަށް އީރާނާއި ޝާމުކަރައާއި މިސުރުގައި އަޅުގަނޑުމެންގެ ޒިންމާ އަދާކުރެވިއްޖެ ކަމުގައިވާނަމަ ޢަރަބިކަރައެކޭ އެއްފަދައިން އަޖަމުކަރައިގައިވެސް އިސްލާމްދީނުގެ އާރާއި ބާރުގެ އާރުތައް ހިނގައިގަންނާއެވެ. ހުރިހައި ޤަބީލާތަކަކާއި ޤައުމުތަކެއް އެއްމިއްލަތެއްގެ އޮނިގަނޑަށް ފެތިދާނެއެވެ. ޙައްޤުގެ މަގުގައި އަލަށް ދަތުރުފަށާ ދަތުރުވެރީންނަށް އެބައިމީހުންގެ އަމިއްލަ ފަރުބަދަތަކާއި ސަހަރާތަކާއި މައިދާންތަކަށްވުރެ މާދުރުން އާމަންޒިލުތައް ފެންނާން ފަށައިފާނެއެވެ. އަޅުގަނޑުމެންގެ މަޤުޞަދަކީ އަޅުންނާއި ޝަހެންޝާހުންގެ ބިމުގައި ޢަރަބީންގެ އުރައްޕާއި ޝާނު ޝައުކަތު ދައްކައިލުމެއް ނޫނެވެ. އަދި ކީއްތޯއެވެ. މާތް اللّـه ގެ ބިމުގައި އެކަލާނގެ ދީނުގެ ނަޞުރުވެރިކަމުގެ ދިދަ ވިހުރުވައިލުމެވެ. ކިސްރާގެ ގަދަފަދަ ބިޔަލަޝްކަރުތައް ޤާދިސިއްޔާއާއި ޖަލޫލާއުއާއި ނަހާވިންދުގައި ކަފާސްވެ ކުނިފުނިތަކެއްހެން ބުރުއްސައިލެވިދާނެކަމަށް މީގެ އަހަރުތަކެއްގެ ކުރީން ގަބޫލުކުރާނީވެސް ކާކުތޯއެވެ؟ ކިސްރާގެ ފިދާއީންގެ އެތައްބަޔަކު ފާރިސްކަރައާއި، އަރުމީނިއާއި ޚުރާސާނުގެ މައިދާންތަކުގައި އަޅުގަނޑުމެންނާ ކޮނޑާއި ކޮނޑު ޖައްސައިގެންތިބެ މާތް اللّـه ގެ މަގުގައި ޖިހާދުކުރާނެކަމުގައި ބުނާނީވެސް ކާކުތޯއެވެ؟ މީގެ އަހަރުތަކެއްގެ ފަހުން ހިޖާޒުގެ ޤާފިލާ ތުރުކީންނާ ކުރިމަތިލާން ޖެހޭއިރު މުޅި އީރާނު އަޅުގަނޑުމެންގެ ފަހަތުގައި ނޯންނާނެއޭ ބުނެވިދާނެތޯއެވެ؟ أميـرالمؤمنـين ގެ މަޤުޞަދަކީ ހުސްއެކަނި އިރުމައްޗާއި ހުޅަނގުގެ ޤައުމުތައް ފަތަޙަކުރައްވަމުން ގެންދެވުން ކަމުގައިވާނަމަ މިއަދު އަޅުގަނޑުމެންގެ އެންމެކުރީ ޗެކްޕޯސްޓުތައް ހުރީހީ ފަރުޣާނާ އާއި ސަމަރުގަންދުގެ ކައިރީގައެވެ. އެކަމަކު ސަރަޙައްދު ފުޅާކުރުމަށްވުރެ ބޮޑަށް އަޅުގަނޑުމެން އިސްކަންދެނީ އިންތިޒާމީ ކަންތައްތަކަށެވެ. އަޅުގަނޑުމެން އިޙުސާސްކުރަމުއެވެ. ފަތަޙަކުރެވިފައިވާ ޤައުމުތަކުގައި ޝަހެންޝާހިއްޔަތުގެ ފިތުނަ އަދި ކިރިޔާ އޮބިލީއެވެ. މަޑުޖެހިލީއެވެ. ނައްތައެއް ނުލެވެއެވެ. އަޖަމުކަރަ މާޒީގެ އަނދިރިކަމުގެ ތެރެއިން އިސްލާމީ ރަޙުމަތުގެ އަލިކަމުގެ ތެރެޔަށް ގެނައުމަށްޓަކައި އަޅުގަނޑުމެންނަށް ވަގުތު ބޭނުންވެއެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑަށް ޔަގީނެވެ. عمـر الفاروق ގެ ޚިލާފަތުގެ ދުވަސްވަރު އެއްވެސްކަހަލަ ފިތުނަޔަކަށެއް ބޯއުފުލައެއް ނުލެވޭނެއެވެ. އަޅުގަނޑު އިންސާނިއްޔަތުގެ މާޒީއާއި ހާލާއި މުސްތަޤުބަލާމެދު ވިސްނިވަރަކަށް އަޅުގަނޑަށް އިޙުސާސްވަނީ މިދުނިޔެއަށް އެކަލޭގެފާނުގެ ބޭނުންތެރިކަން ބޮޑުކަމެވެ. ފަރުބަދައެއްގެ ބަރު އުފުލޭނީ ފަރުބަދަޔަކަށެވެ. حسّان އެވެ. އެއް އިންސާނަކަށް އަނެއް އިންސާނަކަށް ތިމާގެ އުމުރު ދެވޭނެގޮތް އޮވެފައި އަޅުގަނޑަށް ސަތޭކަ އަހަރު ނުވަތަ އެއްހާސް އަހަރު ދުނިޔޭގައި ހުރެވޭނެކަމުގެ ޔަގީންކަން ލިބުނު ކަމުގައިވިޔަސް އަޅުގަނޑުގެ އެދުމަކަށްވީހީ އެހުރިހައި ދުވަސްތަކެއްވެސް عمـر بــن الخطّاب އަށް ލިބިވަޑައިގެންނެވުމެވެ."

حسّان ޖަވާބު ދެއްވިއެވެ. "އަޅުގަނޑުގެ ރަޙުމަތްތެރިޔާއެވެ! މިދުނިޔެ އަބަދުވެސް އެކަލޭގެފާނަށް ބޭނުންވާނެއެވެ. އެކަލޭގެފާނު އަބަދުވެސް ދިރިހުންނަވާނެއެވެ. މަރަކީ އެމީހެއްގެ ކޮންމެ ނޭވާޔަކާއެކު މާތް اللّـه ގެ ރުހިވޮޑިގަތުން ލިބުންއެދި މަސައްކަތްކުރާ މީހުންނަށްޓަކައި އޮތްކަމެއް ނޫނެވެ. އެފަދަ މީހުންގެ މާޒީގެ ހަނދާންތަކުންދާނީ މުސްތަޤުބަލުގެ ބާއްޖަވެރިކަން އުފަންވަމުންނެވެ. ޝައްކެއްނެތެވެ. ކޮންމެ އިންސާނެއްގެވެސް ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް އެހެންމީހުނާ ހަވާލުކުރަންޖެހޭ ވަގުތެއް އަންނާނެއެވެ. فـاروق الأعظـم ވެސް ޤުދުރަތުގެ އެޤާނޫނަކުން އިސްތިސްނާއެއް ނުވާނެއެވެ. ނަމަވެސް އިންސާނީ ޙަޔާތުގެ ޤާފިލާތަކަށްޓަކައި އެކަލޭގެފާނުގެ ފައިތިލަފުޅުގެ ނިޝާންތައްވާނީ ފަނާރެއްކަމުގައެވެ. އިންސާނިއްޔަތުގެ މާޒީގެ ތާރީޚުގެ ފަތްފުށްތަކުން އަބަދުވެސް އެކަލޭގެފާނުގެ ނަމޫނާ ފެންނަމުން ދާނެއެވެ. މުއުމިނެއްގެ އަޅެއްގެ ޢަޒުމާއި ޔަގީންކަމުގެ ނަމޫނާ ހޯދާ މީހުންނަށެވެ. ހިތްވަރުފުޅު ގަދަ ފާތިޙެއްގެ ހިތްޕުޅުގެ ތަނަވަސްކަމާއި ހެޔޮލަފާކަމާއި ދީލަތިފުޅުކަމުގެ ނަމޫނާ ހޯދާ ބަޔަކަށެވެ. މަތިވެރި ވެރިޔެއްގެ ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއި ސާދާކަމާއި ތަވާޟުޢުވެރިކަމުގެ ވާހަކަ ހޯދާ ބަޔަކަށެވެ. މިސާލެއް ނެތްފަދަ އިންސާނެއްގެ ހިސާބެއްނެތް މަތިވެރިކަމުގެ ރޫޙު ދިރުވާ ވާހަކަތައް ހޯދާން ބޭނުންވާ މީހުންނަށްޓަކައި މިބަރަކާތްތެރި ދައުރު އަބަދުވެސް ހަނދާނަކަށް ވާނެއެވެ."

+ + + + +

ޢަޞުރު ނަމާދުގެ އިރުކޮޅެއްގެފަހުން سُهيل ހިނިފުޅުވަޑުވަމުން އެކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. حسّان ކުޑަކޮށް ނުރުހުންވެވަޑައިގެން ވިދާޅުވިއެވެ. "ގަނޑުފެން ފައިބާ މަންޒަރު ކޮއްކޮގެ ޗެކްޕޯސްޓުގެ ކައިރީންވެސް ބައްލަވައިލެއްވިއްޖައީހެވެ. ބޭބެ ހީކުރީ ކޮއްކޮ ދުޝްމިނުންގެ މުޢަސްކަރަށް ޙަމަލަދެއްވީ ކަމުގައެވެ."

سُهيل ހަމަޖެހިވަޑައިގެން ވިދާޅުވިއެވެ. "ދެނެއް އަޅުގަނޑުމެންނަކަށް ދުޝްމިނުންގެ މުޢަސްކަރަށް ޙަމަލަދޭކަށެއް ނުޖެހޭނެއެވެ. ޔަޒުދުގިރުދުގެ ބައިވެރީން ހަތިޔާރު ބަހައްޓާން ނިންމައިފިއެވެ. ދިހަ ސަރުދާރުންގެ ވަފުދެއް ޞުލްޙައިގެ ވާހަކަ ދައްކަވާން ކޮމާންޑަރ އިން ޗީފުގެ އަރިހަށް އެބަވަޑައިގަންނަވައެވެ."

"ކޮއްކޮ ތިޔަ ވިދާޅުވީ އެވަފުދު މިތަނަށް އެބަވަޑައިގަންނަވައޭތޯއެވެ؟"

"އާދޭހެވެ! އަޅުގަނޑު މިއައީ ވަފުދުގެ ލީޑަރ އަޅުގަނޑާއެކު ގޮވައިގެންނެވެ. އޭނާގެ އެކުވެރީން އަޅުގަނޑުގެ ޗެކްޕޯސްޓުގައި ބައިތިއްބައިފައެވެ. ފިނިގަދަކަމާއި ވަރުބަލިފުޅުކަމުގެ ސަބަބުން އެބޭފުޅުން ތިއްބެވީ ހާލުކޮޅެއް ނެތިފައެވެ. އަޅުގަނޑާ އެބޭފުޅުންނާ ބައްދަލުވީ އަޅުގަނޑުގެ ޗެކްޕޯސްޓާ ފަސްކޯހުގެ ދުރުންނެވެ. ގަނޑުފެން ފައިބާތީ އަޅުގަނޑުމެންނަށް އިރުކޮޅަކު އަވަށެއްގައި މަޑުކުރާންޖެހުނެވެ. މޫސުން ބަދަލުވުމުގެ އަސަރެއް ނުފެނުމުން އަޅުގަނޑު އެބޭފުޅުން ގެންދިޔައީ އަޅުގަނޑުގެ ޗެކްޕޯސްޓަށެވެ. އެބޭފުޅުން ހީފުޅުކުރެއްވީ އަޅުގަނޑުމެންގެ ލަޝްކަރުގެ އަމީރު ހުންނަވާނީ މުރޫރޫދުގައި ކަމުގައެވެ. އަޅުގަނޑު ދެންނެވީމެވެ. އަމީރު ވަޑައިގެންވީ އިރުމަތީގެ ޗެކްޕޯސްޓުތައް ބައްލަވައިލައްވާށެވެ. އެކަލޭގެފާނު ބަލްޚުން އެނބުރި ވަޑައިގަންނަވާނީ މިމަގުންނެވެ. އެހެން ދެންނެވުމުން އެބޭފުޅުން އަޅުގަނޑާ އެކުގައި ވަޑައިގަންނަވާން އެއްބަސްވެވަޑައިގެންފިއެވެ."

حسّان ސުވާލު ކުރެއްވިއެވެ. "އެބޭފުޅުންގެ ލީޑަރު ކޮބައިތޯއެވެ؟"

"ދޮރޯށިދޮށުގައި އެބަހުންނެވިއެވެ. ބޭބެގެ އަރިހަށް ވަޑައިގަންނަވާން އޭނާ ބޭނުންފުޅެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "ކޮއްކޮ އޭނާގެ ނަން އެއްސެވީމުތޯއެވެ؟"

"އަޅުގަނޑަށް އޭނާގެ ނަން އަހާކަށެއް ނުޖެހެއެވެ. އޭނާ ފެންނައިރަށް އަޅުގަނޑަށް އޭނާ އެނގިއްޖެއެވެ. އެއީ ބޭބޭފުޅުގެ ރަޙުމަތްތެރި އާދުމާނެވެ."

"އާދުމާން!" ޒަރުބަޚުތު ކަންބޮޑުވެވަޑައިގެން ތެދުވެވަޑައިގެންފިއެވެ.

(ނުނިމޭ)