އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭންގެ ދަތުރުތައް ފެށުމަކީ ދެކުނުގެ އިގްތިސާދީ ހަބަކަށް، އައްޑޫ ސިޓީ ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފަށަން ގަން އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްއާ ދެމެދު މިއަދުވި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އިގުތިސާދު ލާމަރުކަޒު ކުރުމުގެ ގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދުގައި އިގުތިސާދީ ހަތަރު ހަބު ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން އައްޑޫ ސީޓީ އިގްތިސާދީ ހަބަކަށް ހެދުމަށް ގިނަ ކައްތައްތަކެއް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި އައްޑޫ މަގުތައް ހެދުމުގެ އިތުރުން ފަތުރުވެރިކަމަށް އިތުރު ކަންތައްތައް ކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ، ސީޕްލޭންގެ ދަތުރުތަކަކީ އައްޑޫ އިންޓަނޭޝަން އެއާޕޯޓް ކާމިޔާބުކޮށް، ހުވަދޫ އާއި ފުވައްމުލަކު އަދި އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތު ކާމިޔާބު ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެ ދަތުރުތައް ފެށުމަށް މިއަދު ސޮއިކުރި އެއްބަސްވުމަކީ ގަން އެއާޕޯޓާއި އައިލެންޑް އޭވިއޭޝަނުން ވި ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން ކުރިއަށް އޮތް މަސްތަކާއި ކުރިއަށް އަހަރު ދުވަހު ވެސް އެ ދަތުރުތަކުން އެ ދެ ކުންފުންޏަށް ފައިދާއެއް ނުވާނެކަން އެނގި ތިބެ އެ މަސައްކަތް ފެށި ނަމަވެސް އެ ދަތުރުތަކުގެ ސަބަބުން ދެކުނުގެ އިގްތިސާދާއި ވިޔަފާރި ރަނގަޅުވެ ދުރު މުސްތަގުބަލުގައި ބޮޑެތި ފައިދާތަކެއް ވެގެންދާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު