އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން، ދައުލަތުން އުފުލި ހަތް ދައުވާއާ ގުޅިގެން ޖަލުގައި ބަންދު ކޮށްފައިހުންނެވި، ކުރީގެ ނާއިބު ރައީސް އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބުދުލްޣަފޫރު ގެއަށް ބަދަލު ކޮށްފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އެ ދައުވާތައް ހުށަހެޅީ، މިދިޔަ ބުދަދުވަހު ކްރިމިނަލް ކޯޓުގައެވެ.

ދެވަނަ ފަހަރަށް އެ މައްސަލަތައް އެ ކޯޓަށް ހުށަހެޅީ، އޭގެ ކުރިން އެ މައްސަލަތައް ކޯޓަށް ހުށަހެޅުމުން، މައްސަލަތައް، ކޯޓުން ބޭރުކޮށްލުމާއި ގުޅިގެން، ދައުލަތުން ހައިކޯޓުގައި ކުރި އިސްތިއުނާފުމައްސަލަ ބެލުމަށްފަހު، އަލުން އެ މައްސަލަތައް ބެލުމަށް ހައިކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރު ކުރުމާ ގުޅިގެންނެވެ.

ފުރަތަމަ އެ މައްސަލަތައް ކުރިމިނަލް ކޯޓުން ބޭރު ކޮށްލުމުން، އަދީބު މިނިވަން ވިއެވެ.

ނަމަވެސް އެ މައްސަލަ ދއުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް މައްސަލަ ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުމުން، ދައުލަތުން އެދުނުގޮތަށް އަދީބު ހުރީ ޖަލުގައި ބަންދު ކޮށްފައެވެ.

އެއަށްފަހު އަދީބު ގެއަށް ބަދަލު ކޮށްފައި މިވަނީ، މިދިޔަ ބުދަދު ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ދައުލަތުން ކޯޓަށް ހުށަހެޅި ހަތް މައްސަލަ ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އެދުމާއި ގުޅިގެން، އޭނާ ޖަލުގައި ބަނަދު ކުރުމަށް ކުރިމިނަކް ކޯޓުން ކުރި އަމުރުގެ ދަށުން ޖަލުގައި ހުއްޓައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ ކޯޑިނޭޓަރު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އަދީބު ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ގެއަށް ބަދަލު ކުރީ ސިއްހީ ހާލަތުހުރިގޮތުން، ކޯޓުގެ ހުއްދައާއެކުގައި ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ބުދަދުވަހު، ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ ވަނީ އިއުތިރާފް ވެފައެވެ.

ނަމަވެސް އެއީ، ދައުލަތާއެކު އޭނާހެދި އިއުތިރާފް އެއްބަސް ވުމުގެ ދަށުންނެވެ.

އެ އެއްބަސް ވުމުގެ ދަށުން، އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އޭނާގެ މައްޗަށް އަންނަ ހުކުމަށް ލުއިދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

އެ މައްސަލަތަކަށް އަދީބު އިއުތިރާފް ވުމާއި ގުޅިގެން، އެ މައްސަލަތައް އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދަން ކުރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އެކެވެ.