ގއ. ދާންދޫގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ދާންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގެ މައުލޫމާތު ރޭ 11:25 ހާއިރު ލިބިފައިވާ ކަމަށެވެ. އެގޮތުން އެ މާރާމާރީއާގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ފަރުވާ ދިނުމަށް ގއ. ވިލިނގިލީ ހޮސްޕިޓަލަށް ރޭ ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކުއްޖާ ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ހޭނެތިފައެވެ.
ދާންދޫ މާރާމާރީއާ ގުޅިގެން ފުލުހުން މިރޭ ބުނީ، ކޯޓު އަމުރެއްގެ ދަށުން ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދެމުން އައި ކުއްޖާ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފަށައިފައެވެ. އަދި އެ ކުއްޖާ މިހާރު ހޭ އަރާފައިވީ ނަމަވެސް ހާލު އަދިވެސް ގޯހެވެ. އެނގިފައިވާ ގޮތުގައި، އެކުއްޖާގެ ކަރަށާއި ބޮލުގެ އިތުރުން އަތާއި ގައިގެ އެތަންމިތަނަށް ހަމަލާ ދީފައިވެއެވެ.
އިތުބާރު ހުރި މަސްދަރަކުން "ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީއަކީ ދާންދޫގެ ދެ ގްރޫޕެއްގައި ހިމެނޭ ކުޑަކުދިންގެ މެދުގައި ހިނގި ހަމަނުޖެމެއްގެ ތެރެއަށް އެ ދެ ގްރޫޕަށް ނިސްބަތްވާ ބޮޑެތި މީހުން ވަދެ ހިންގި މާރާމާރީއެކެވެ. އެ މާރާމާރީ ހިންގާފައިވަނީ އެރަށުގެ ހޮޓަލެއްގެ ތެރޭގައެވެ.
ފުރަތަމަ މާރާމާރީއަށް ފަހު ރޭ ދަންވަރުގެ ވަގުތެއްގައިވެސް އެރަށުގައި މާރާމާރީއެއް ހިންގާފައިވެއެވެ. ނަމަވެސް އެ މާރާމާރީގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު