އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ އިއުތިރާފަކީ ވަކި ބަޔަކު ހިމާޔަތްކުރުމަށް ހެދި "ޑީލް" އަކަށް ވެދާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެ، ރައްޔިތުންގެ ކިބައިން ވަނީ މައާފަށް އެދިފައެވެ. އެ މައްސަލައިގައި ޝަރުއީ މަރުހަލާގައި އެއްބާރުލުން ދިނުމަށް އަދީބާއި ދައުލަތާ ދެމެދު ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.
އަދީބާއި ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން އޭނާއަށް އަންނާނީ ޖުމުލަ 20 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ފޮނުވި ފަރާތްތަކުގެ ސައްހަ ލިސްޓު ހެއްކާއެކު އަދީބު ހާމަނުކުރާހާ ހިނދަކު ރައްޔިތުންނަށް އިތުބާރެއް ނުކުރެވޭނެ ކަމަށެވެ.
"އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދިން/ހަވާލުކުރި/ބޭންކް މެދުވެރިކޮށް ފޮނުވި ފަރާތްތަކުގެ ސައްހަ ލިސްޓު ހެއްކާއެކު ހާމަނުކުރާހާ ހިނދަކު ރައްޔިތުންނަށް އިތުބާރެއް ނުކުރެވޭނެ، އޮޅުވާލާނެ ކަމުގެ ބިރު އޮންނާނެ. އިއުތިރާފަކީ ވަކި ބަޔަކު ހިމާޔަތްކުރަން ހެދި 'ޑީލް' އަކަށް ވެދާނެ." އާދަމާ ޝަރީފް ވިދާޅުވިއެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ހިޔާނާތުގެ ފައިސާ ނުލިބޭ ސިޔާސީ ޕާޓީއެއް ނެތް ކަމަށާއި މަޖިލީހުގެ މެންބަރުންނާއި ރައީސްކަން ކުރެއްވި ބައެއް ބޭފުޅުންނަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމުގެ އެންމެ އަޑީގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެން ނޫން ކަމަށާއި އެކަން އޭނާ ކުރީ ހެޔޮ ނިޔަތުގައި ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު