ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތް އެމްޑީޕީން ކުރިއިރު އެކަމަށް ހިތްވަރު ލިބުނީ އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ އުސޫލުތަކުގެ ސަބަބުން ކަމަށް ކުރީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދަކީ މަހާތުމާ ގާންދީގެ އުފަން ދުވަހެވެ. ގާންދީގެ އުފަންދުވަހާ ދިމާކޮށް، ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ވެރިކަން ހިންގާ އެމްޑީޕީން އޭރު ކުރި ކެމްޕެއިންގައި ގާންދީގެ ބައެއް އުސޫލުތަކަށް އަމަލުކޮށްފައިވާ ކަމަށާއި އެގޮތުން ގާންދީ ގެންގުޅުއްވި މަދަނީ ބަސް ނޭހުމާއި ހަމަނުޖެހުމަށް ފުރުސަތު ނުދިނުން ފަދަ އުސޫލުތަކުން ހިތްވަރު ހޯއްދެވި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އޭރު ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ ރާއްޖެއަށް ޑިމޮކްރަސީގެ ހަމަތައް ހިމެނޭ ގާނޫނު އަސާސީއެއް ލިބިގެންދިއުން ކަމަށެވެ. އަދި އެ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް މިނިވަން އަދި ޑިމޮކްރަޓިކް އިންތިހާބެއް 2008 ވަނަ އަހަރު ބޭއްވުނު ކަންވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
ދެހާސް އަށްވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ރައީސް ނަޝީދެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން 2012 ގައި ވަނީ ނިމުމަކަށް އައިސްފައެވެ. ރައީސް ނަޝީދު 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާ ދެއްވާފައިވަނީ ސަރުކާރާ ދެކޮޅަށް ސިފައިންނާއި ފުލުހުންނާއި އާންމު ރައްޔިތުން ނުކުމެ އިސްތިއުފާ ދިނުމަށް ގޮވާލުމާ ގުޅިގެންނެވެ. އެމްޑީޕީން ސިފަކުރާ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަގާވާތަކުންނެވެ. ނަމަވެސް އެ މައްސަލަ މިއަދާ ހަމައަށްވެސް ޝަރުއީ އެއްވެސް ކޯޓަކުން އެއީ ބަގާވާތެއް ކަމަށް ނިންމައިފައެއް ނުވެއެވެ.
ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެމްޑީޕީ އިސްވެ އޮވެ ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އާ ގާނޫނު އަސާސީ އެކުލަވައިލީ ރައީސް މައުމޫންގެ ޒައާމަތުގައި އެމަނިކުފާނަށް ތާއިދުކުރާ މެންބަރުންގެ އަގުލަބިއްޔަތު އޮތް މަޖިލީހަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު