ކޮވިޑް 19އާ ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެގެން ދިޔަ ނަމަވެސް، ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ތިބީ އަންހެނުން ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، އދ.ގެ ޖެނެރަލް އެސެމްބްލީގެ 75 ވަނަ ސެޝަންގައި "ފޯތު ވޯލްޑް ކޮންފަރެންސް އޮން ވިމެން" އަށް ފަންސަވީސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އޮންލައިން ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން އުފެއްދި ނޭޝަނަލް އެޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ މަސައްކަތްތަކުގެ އެންމެ އިސް ދައުރުތަކުން ފެށިގެން ސާމްޕަލް ނެގުމާއި، ޓެސްޓުކުރުމުގެ ކަންކަމުގައިވެސް ހަރަކާތްތެރިވަމުން އަންނަނީ ހީވާގި އަންހެނުން ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް 19ގެ ސަބަބުން އަންހެނުންނަށް ކުރީއްސުރެ ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ކޮވިޑް 19ގެ ބަލިމަޑުކަމާ ހެދި މީގެ ކުރިން ވެސް އަންހެނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވީ އިތުރު. އެހެން ނަަމަވެސް އެންމެ ކުރީ ސަފުގައި ހިތްވަރާއެކު މަސައްކަތް ކުރަނީ ވެސް ހަމަ އަންހެނުން،" މިނިސްޓަރު އާއިޝަތު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ މުހިންމު މަގާމުތަކަށް އަންހެނުން އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އަންހެނުންނާ މެދު ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.