ކުޅިވަރު

އާސެނަލްއިން އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ހަތަރު ވަނަ ބުރުގެ ފަހު މެޗުގައި އާސެނަލްއިން އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ކަޓުވާލައިފިއެވެ.

ރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ ޕެނެލްޓީ ޖަހައިގެންނެވެ. ފުރިހަމަ ވަގުތު ނިމުނީ 0-0ގެ ނަތީޖާއަކުންނެވެ. މެޗުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އާސެނަލް ގޯލްކީޕަރު ބާންޑް ލެނޯއެވެ. ޕެނެލްޓީގައިވެސް ލެނޯ ވަނީ ދެ ޕެނެލްޓީއެއް ދިފާއުކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާއެވެ.

މިދިޔަ ދެ މަހުގެ ތެރޭގައި އާސެނަލްއާއި ލިވަޕޫލް ވަނީ ތިން ފަހަރެއްގެ މަތިން ބައްދަލު ކޮށްފައެވެ. އޭގެ ތެރެއިން ދެ ފަހަރު މޮޅުވީ އާސެނަލްއެވެ. ލިވަޕޫލުން މޮޅުވީ ލީގުގައި ކުޅުނު މެޗުގައެވެ.

"މިއީ އަށް ހަފްތާ ތެރޭގައި ޔޫރަޕްގެ އެންމެ މޮޅު ޓީމާ ދެކޮޅަށް އާސެނަލް ކުޅުނު ތިންވަނަ ފަހަރު. މި މޮޅަކީވެސް ފިޔަވަޅެއް ކުރިއަށް އެޅުން. އެކަމަކު އަދި ދަސްކުރަން ވަރަށް ބައިވަރު ކަންކަން އެބަހުރި. ކޮންމެ މުބާރާތެއްވެސް އާސެނަލްއަށް މުހިއްމު ވަނީ ތަށްޓެއް ހޯދުމަށް،" އާސެނަލް ކޯޗު މިކެލް އާޓެޓާ މެޗަށްފަހު ބުނެފައި ވެއެވެ.

ލީގުގައި ކުޅުނު މެޗުގައި ނެރުނު ފުރަތަމަ 11 އަށް ދެޓީމުންވެސް ބަދަލުތަކެއް ގެނެސްފައިވާއިރު، ދެ ޓީމުގެ ފަރާތުންވެސް އެންމެ ރަނގަޅު އެޓޭކްތަކެއް ފެނިފައެއް ނުވެއެވެ. މެޗުގައި ލިވަޕޫލްގެ ޑިވޮކް އޮރީގީ އާއި ހެރީ ވިލްސަންގެ ހަމަލާތައް އާސެނަލްގެ ގޯލްކީޕަރު ލެނޯ ދިފާއުކުރިއިރު، ޖަޕާންގެ ތަރި މިނަމީނޯގެ ހަމަލާއެއް ގޯލްގެ ހުރަސް ދަނޑިއަށްވެސް އަމާޒުވެފައި ވެއެވެ.

ބަޔާން ލެވަކޫސަންއިން އާސެނަލްއަށް ބަދަލުވި ލެނޯ ވަނީ ލިވަޕޫލްގެ ޑިއޭގޯ ޔޮޓާގެ ހަމަލާއެއްވެސް ދިފާއުކޮށްފައެވެ. އޭގެ އިތުރުން ވެންޑައިކް ބޮލުން ޖެހި ބާރު ބޯޅައެއްވެސް ލެނޯ މަތަކުރިއެވެ. މުޅި މެޗުގައި އޭނާގެ ފަރާތުން ފެނުނީ ފަސް ތަރީގެ ކުޅުމެވެ. ލެނޯ ވެފައި ވަނީ 2012 ވަނަ އަހަރަށްފަހު އެންފީލްޑްގައި ކްލީން ޝީޓެއް ދެމެހެއްޓި އާސެނަލްގެ ފުރަތަމަ ގޯލްކީޕަރަށެވެ.

އާސެނަލްއިން ލީގު ކަޕްގެ ކުއާޓާގައި ކުޅެން ޖެހޭނީ އާޓެޓާ އެސިސްޓެންޓް މެނޭޖަރުގެ މަގާމު އަދާކުރި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.