ސްކޭމް އަދި ފްރޯޑް އިން ރައްކާތެރިވުމާއި މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމަށް އުމުރުން ދުވަސް މީހުންނަށް ހާއްސަ ބައްދަލުވުންތަކެއް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ބާއްވައިފިއެވެ.

ބީއެމްއެލް އިން ބުނީ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން އެބޭންކުގެ އެކި ބްރާންޗް ތަކާ ގުޅިގެން އަތޮޅު ތެރޭގައި ސްކޭމް އަދި ފްރޯޑް އިން ރައްކާތެރި ވުމާއި މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި އުމުރުން ދުވަސް މީހުންނަށް ހާއްސަ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ބަންދަލުވުންތައް ބާއްވާފައިވަނީ ޅ. ނައިފަރު، ށ. ފުނަދޫ، އއ. ރަސްދޫ، ތ. ގުރައިދޫ، ގދ. ތިނަދޫ އަދި ސ. ހުޅުމީދޫގައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މި ބައްދަލުވުމުގައި ބޭންކިން އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިން ބޭނުންކުރުމާ ގުޅޭ މައުލޫމާތު ބައިވެރިންނާ ހިއްސާކުރެވުނު ކަމަށާއި ވަކީން ހާއްސަކޮށް އެކި ކުންފުނިތަކާއި މުވައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތުވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ މުހިންމު ކަންކަމުގެ މައުލޫމާތުވެސް ދީފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"މި ބައްދަލުވުމުގައި އިންޓަނެޓް، މޮބައިލް އަދި ސެލްފް ސަވިސް ބޭންކިން ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓްމެންޓާއެކު ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ހިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ބައިވެރިންނާ ވަނީ ހިއްސާކޮށްފަ," ބީއެމްއެލް އިން ބުންޏެވެ.

މި ބައްދަލުވުމުގައި އެކި ރަށްތަކުން 300 މީހުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލުތަކާއި އެއްގޮތަށް ކަމަށާއި މި ބައްދަލުވުން ކުރިޔަށް ދިޔަ ހޯލް ތަކުގައި ބައިވެރިންގެ ރައްކާތެރިކަމަށް ވަނީ ވަރަށް ބޮޑަށް ސަމާލުކަން ދީފައި ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.