ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން މަރުވި, ގދ. ތިނަދޫ, ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް އުފުލާފައިވާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، އޭނާގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތައްވެސް ސާބިތު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގައި ހައިކޯޓުން މިއަދު ވަނީ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ޝާހުގެ މައްޗަށް ސާބިތުވާކަމަށް ނިންމައި އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

މި މައްސަލައަކީ، ޕީޖީގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ހައިކޯޓުގެ އަޑުއެހުމެއްގައި ޕީޖީ ހުސައިން ޝަމީމް ވަކާލާތު ކުރެއްވި ފުރަތަމަ މައްސަލައެވެ. އަދި މިއީ އަނބިމީހާ ރޭޕް ކުރުމުގެ ކުށުގެ ދައުވާ ގާނޫނުލްއުގޫބާތުގެ ދަށުން ފުރަތަމަ ފަހަރަށް މީހެއްގެ މައްޗަށް ސާބިތުވި ފަހަރުވެސް މެއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ ހުސައިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކައިވެނީގެ ތެރެއިން ކުރާ ރޭޕުގެ މައްސަލަތައް ކޯޓުން ބަލައިގަތުމަކީ، ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެ އިތުރުން ޕީޖީ ވިދާޅުވީ، ޝާހުގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތައްވެސް ސާބިތު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ޒިޔާދާގެ ކުރީގެ ފިރިމީހާ ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން އުފުލީ ހަތަރު ދައުވާއެކެވެ. އެއީ ފިރިމީހާ, އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.

ޒިޔާދާގެ މަރާ ގުޅިގެން ފުލުހުން ބުނެފައިވަނީ ޒިޔާދާއަށް ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ޒިޔާދާއަށް ލިބިފައި ހުރި އެކި ކަހަލަ އަނިޔާތަކަށް އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާދެމުން އަންނަނިކޮށް މަރުވެފައިވަނީ 28 ޑިސެންބަރު 2005 ގައެވެ.