(28 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)
ކިސްރާ ޔަޒުދުގިރުދު ހުންނެވީ އަލްބުރުޒު ފަރުބަދަކައިރީގައި ރައްޔުގެ ސަރަޙައްދުގައި މަރުކަޒު ހައްދަވައިގެންނެވެ. ކިސްރާ އިންތިޒާރު ކުރައްވަމުން ގެންދެވީ ނަހާވިންދު ހަނގުރާމައިގެ ނަތީޖާއަށެވެ. އުތުރުގެ ހަނގުރާމަވެރި ޤަބީލާތައް އައީ ކިސްރާގެ ދިދައިގެ ދަށަށް ޖަމާވަމުންނެވެ. ނަހާވިންދުގައި ފީރޯޒާން ފަތަޙަ ހޯއްދެވުމުން މުސްލިމުންނާ ދެކޮޅަށް ދެވޭ އެންމެފަހުގެ ޙަމަލައިގައި ބައިވެރިވުމުގެ އުންމީދުގައެވެ. ކިސްރާއަށް ވިދިވިދިގެން އިވިވަޑައިގެންނެވީ ނަހާވިންދުގެ މައިދާނުގައި އޭނާގެ ލަޝްކަރު ޢިބުރަތްތެރި ގޮތަކަށް ބަލިވި ޚަބަރާއި މުސްލިމުން ހަމްދާނާ ދިމާޔަށް ކުރިއަރަމުންދާ ވާހަކައެވެ. ކިސްރާއަށް ލިބިވަޑައިގެންނެވި ސިހުމާއެކު އޭނާ މިސުރާބު ޖެއްސެވީ އަސްފަހާނާ ދިމާޔަށެވެ. އެކަމަކު އެހައިތަނަށް ދިޔައިރު ކިސްރާ އޭނާޔަށް ރައްކައުތެރިކަމުގައި ބައްލަވާ އެއްވެސް ޕްރޮވިންސެއްވެސް އަދި ރަށެއްވެސް އީރާނަކު ނެތެވެ. ކިސްރާ ވަޑައިގަންނަވާ ކޮންމެ ތަނަކުންވެސް އެތަނެއްގެ އަހުލުވެރީން ޖޯޝާއި ފޯރިޔާއެކު އޭނާގެ ޙިމާޔަތުގައި ތެދުވެއެވެ. ހަމައެއާއެކު މުސްލިމުން ފަތަޙަކޮށްފައިވާ ތަންތާނގެ އަމީރުންވެސް ބަޣާވަތްކުރައްވަން ތައްޔާރުވެވަޑައިގަންނަވައެވެ. ނަމަވެސް މުސްލިމުން އެދިމާޔަކަށް ދަތުރުކުރާ ޚަބަރު ކިސްރާއަށް ލިބިވަޑައިގެންނެވުމާއެކު އެތަނަކުން ފިލައިވަޑައިގެން މިސްރާބު ޖައްސަވަނީ އެހެން ކޮންމެވެސް ދިމާޔަކަށެވެ. މާސިންގާ ރަސްކަމެއްގެ ތަނަވަސް ސަރަޙައްދުގައި ކިސްރާއަށް އެތައް އަހަރުތަކެއް ވަންދެން އެގޮތަށް ފީކޯތް ކުޅުއްވުމުގެ ފުރުސަތު އޮތެވެ. ކިސްރާގެ ޝަހެންޝާހިއްޔަތުގެ ނިމުމަކީ ތިމާމެންގެ ވެރިކަމުގެ ބާރު ބީވެވިދިޔުން ކަމުގައި ދެކެވަޑައިގަންނަވާ އަމީރުންގެވެސް އެތައްސަތޭކަ ބޭފުޅުންނެއް ތިއްބެވިއެވެ. އެބޭފުޅުން އިންތިޒާރު ކުރައްވަމުން ގެންދެވީ ކޮންމެވެސް މައިދާނެއްގައި މުސްލިމުން ބަލިވި ޚަބަރު ލިބިވަޑައިގަންނަވާނެ ދުވަހަކަށެވެ. މުސްލިމުންގެ ފުތޫހާތުގެ ސައިލް މަޑުޖެހިލާނެ ދުވަހަކަށެވެ. އެހައިތަނުން ފެށިގެން އުތުރުގެ ގަނޑުފެނުގެ ސަރަޙައްދުން ފެށިގެން ފާރިސީ ގަލްފާއި ބަހުރައިނިއާ ހަމަޔަށް ވަރުގަދަ ޖޯޝަކާއި ފޯރީގެ ހުޅުގަނޑެއް ރޯވާނެ ކަމުގައެވެ. ޤަރުނެއްގެ ހަތަރުބައިކުޅަ އެއްބައި ކުރީން ގުސްތަންޠީނިއްޔާގެ ފާރުތަކުގައި ބީހެމުންދިޔަފަދަ ވަރުގަދަ އަލިފާންގަނޑެކެވެ.
أميـرالمؤمنـين عمـر بــن الخطّاب ހުންނެވީ އިސްލާމީ އުންމަތުގެ ހާލާއި މުސްތަޤުބަލުގައި ކުރިމަތިވެދާނެ އެއްވެސް ނުރައްކަލަކާމެދު ވިސްނައިވަޑައި ނުގަންނަވައެއް ނޫނެވެ. އީރާނުގައި އަމަންއަމާންކަން ގާއިމުކުރައްވައި އީރާނީންނަށް ސަލާމަތުގެ މަގު ދެއްކެވުމަށްޓަކައި އެބައިމީހުންގެ ހިތްތަކުގައި ޔަޒުދުގިރުދާ ގުޅައިލެވިފައިވާ ޝަހެންޝާހިއްޔަތު އުންމީދު ކަނޑުއްވައިލައްވަން ޖެހިވަޑައިގަންނަވާނެކަން ވިސްނިވަޑައިގަންނަވާ މުޝީރުންވެސް أميـرالمؤمنـين ގެ އަރިހުގައި މަދެއް ނޫނެވެ. އެހެންކަމުން أميـرالمؤمنـين عمـر بــن الخطّاب رضى اللّـه عنــه އަށް ޖެހިވަޑައިގެންނެވި އާއްމުކޮށް މުޅި އީރާނަށް ލަޝްކަރުތަކެއް ފޮނުއްވާށެވެ. أميـرالمؤمنـين ޢިރާޤާއި އީރާނުގައި ތިބި މުސްލިމް ސިފައިން ހަބަޔަށް ބައްސަވައިލައްވައި އީރާނުގެ ޢަރަބިކަރަޔާ ދުރު ފަރުބަދަމަތީ ސަރަޙައްދުތަކަށާއި ސަހަރާތަކަށާއި މައިދާންތަކަށް ފޮނުއްވިއެވެ. އެހިސާބުގަނޑުގެ ގިނަގުނަ ރަށްތަކާއި އެތަކެއްސަތޭކަ ކިއްލާތަކަކީ ކިސްރާ ޔަޒުދުގިރުދުގެ ފެތެމުންދާ އުންމީދުގެ ނަވުގެ ބަނދަރުތަކެވެ.
فـاروق الأعظـم ގެ ޚިލާފަތުގެ އެންމެފަހު ދެއަހަރުގެ ކޮންމެ ދުވަހަކީވެސް ޢަޖަމުކަރައިގެ ތަނަވަސް ބައްރުގެ ތެރެއިން ހިޖާޒުގެ ޤާފިލާ އާ މަންޒިލުތަކެއް ހޯދަމުންދިޔަ ދުވަހެކެވެ. ކޮންމެ ހަފުތާއަކުވެސް ކޮންމެވެސް ދުރުދިމާއަކުން ޚިލާފަތުގެ ދަރުބާރަށް ޤާސިދަކު އާދެއެވެ. އާ ފަތަޙައެއްގެ އުފާވެރި ޚަބަރާއިގެންނެވެ. مثــنّـى بــن حــارثـــة رضى اللّـه عنــه ގެ ދިދައިގެ ދަށުގައި ޢިރާޤަށް މިސުރާބުޖެހި ޙައްޤުގެ މަގު ހުޅުވަން ދަތުރުކުރާ ޤާފިލާ މިހާރު އީރާނުގެ ސަރަޙައްދުވެސް ފަސްދީ ކުރިއަރަމުން ދަނީއެވެ. އަސްފަހާން ވަނީ ފަތަޙަވެފައެވެ. ފާރިސް ޕްރޮވިންސުގެ ބިމުން اللّـه أكبــر ގެ އަޑު ގުގުމާން ފަށައިފިއެވެ. އާޒަރުބައިޖާނުގެ އަލިފާންގަނޑު ނިވިއްޖެއެވެ. ޠަބަރިސްތާނާއި އަރުމީނިޔާއާއި ސީސްތާނާއި ކަރުމާނާއި ޚުރާސާނާއި މަކުރާނުގެ ތަނަވަސް ބައްރު އެޤާފިލާގެ ކުރިމަތީގައި ދަނީ ފަތްޖެހެމުންނެވެ. އިރުމައްޗާއި ހުޅަނގުގެ ކަނު އަނދިރިކަމުގެ މަރުކަޒުތަކުގައި ދަނީ އިންސާނީ މަތިވެރިކަމުގެ އައު ފަނާރުތައް ގާއިމުކުރެވެމުންނެވެ.
ކިސްރާ ޔަޒުދުގިރުދު އެއް ނާކާމިޔާބަށްފަހު އަނެއް ނާކާމިޔާބަކާ ކުރިމަތިލައްވަމުން ވަޑައިގެން އެންމެފަހުން ފައިތިލަފުޅު ހަރުކޮށްލެއްވޭތޯ މަސައްކަތްޕުޅު ފެއްޓެވީ ކަރުމާނުގައެވެ. އެތަނުން މާޔޫސުވެވަޑައިގެން ފިލައިވަޑައިގަންނަވާން ވަޑައިގެންނެވީ ޚުރާސާނަށެވެ. އޭނާ މަޑުކުރެއްވީ މުރޫޝާހުޖިހާނުގައެވެ.
أميـرالمؤمنـين عمـر الفاروق رضى اللّـه عنــه ހިޖުރައިން ބާވީސްވަނަ އަހަރު އިސްލާމީ ލަޝްކަރުގެ ވަރަށް ކުޅަދާނަފުޅު ޖަނަރަލެއް ކަމުގައިވާ أحنف بــن قيس رضى اللّـه عنــه އަށް ޚުރާސާނަށް ޙަމަލަދެއްވަން އެންގެވިއެވެ. أحنف ތަބްސީނާއި ހަރާތު ފަތަޙަކުރެއްވުމަށްފަހު މުރޫޝާހުޖިހާނާ ދިމާޔަށް ދަތުރު ފެއްޓެވިއެވެ. أحنف ވަޑައިގަންނަވާ ޚަބަރު ލިބިވަޑައިގެންނެވުމާއެކު ކިސްރާ ޔަޒުދުގިރުދު މުރޫޝާހުޖިހާން ދޫކޮށްލައްވައިފައި މުރޫރޫދަށް ވަޑައިގެންފިއެވެ. أحنف މުރޫޝާހުޖިހާން ފަތަޙަކުރެއްވުމަށްފަހު ކިސްރާ ފައްސަވަމުން މުރޫރޫދަށް ވަޑައިގަންނަވާން ފެއްޓެވުމުން ކިސްރާ ވަޑައިގެންނެވީ ބަލްޚަށެވެ. އެތައްފަހަރަކު އެތައް ދިމާޔަކުން ބަލިވެވަޑައިގެންފައިވާ ޝަހެންޝާހު އަބަދުވެސް ހުންނެވޭތޯ މަސައްކަތްޕުޅު ކުރައްވަނީ މުސްލިމުންނާ އެތައް ކޯހެއްގެ ދުރުގައެވެ. އެދުވަސްވަރު ކޫފާއިން ވަނީ أحنف އަށް އެހީތެރިވާން އައު ލަޝްކަރެއް އައިސްފައެވެ. أحنف ބަލްޚާ ޙަމަލަދެއްވައި އީރާނީ ލަޝްކަރު ތަޅުއްވައި ބުރުއްސައިލެއްވިއެވެ. ކިސްރާ ޔަޒުދުގިރުދު އުތުރަށް ފައްސައިލެއްވިއެވެ. އޭނާ ޖައިހޫންކޯރު ހުރަސްކުރައްވައިފައި ވަޑައިގަތީ ތުރުކީގެ ޚާގާނުގެ ހިޔާވަހިކަމުގެ ދަށަށެވެ. أحنف ވަޑައިގެން ނިޝާޕޫރުން ފެށިގެން ޠާޒިސްތާނާ ހަމަޔަށް ޚުރާސާނުގެ އުތުރުގެ ހުރިހައި ސަރަޙައްދުތަކެއް ފަތަޙަކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނު ހުންނަވާ މަރުކަޒެއް ކަމުގައި ހަމަޖެއްސެވީ މުރޫރޫދެވެ. ތުރުކީންގެ ޚާގާނު ކިސްރާއަށް އެހީވެވަޑައިގެންނެވުމަށްޓަކައި ވަރަށްބިޔަ ލަޝްކަރެއް ތައްޔާރު ކުރައްވައިގެން ޚުރާސާނަށް ޙަމަލަ ދެއްވާން ވަޑައިގެންނެވިއެވެ.
ތުރުކީންނާއެކު ވަރަށް ވަރުގަދަ ހަނގުރާމައެއް ކުރައްވާން ޖެހިވަޑައިގެންފާނެކަމަށް أحنف އަށް ފެނިވަޑައިގަންނަވާތީ އެކަލޭގެފާނު ބަލްޚާއި އެނޫންވެސް ރަށްރަށުގައި ބައިތިއްބެވި ސިފައިން މުރޫރޫދަށް ގެންނެވިއެވެ. ޚާގާން އޭނާގެ ލަޝްކަރާއިގެން ކޯރު ހުރަސްކުރެއްވުމަށްފަހު ބަލްޚުގެ ތެރެއިން ލައްވައިފައި ވަޑައިގަތީ މުރޫރޫދާ ދިމާޔަށެވެ. އެއާއެކު ޔަޒުދުގިރުދު މުރޫޝާހުޖިހާނަށް ޙަމަލަ ދެއްވައިފިއެވެ.
أحنف بــن قيس رضى اللّـه عنــه މުރޫރޫދުގެ ކައިރީގައި ހާމަ މައިދާނުގައި ތުރުކީންނާ ކުރިމަތިލެއްވުމުގެ ބަދަލުގައި އެކަލޭގެފާނުގެ ލަޝްކަރާއިގެން ވަޑައިގެންނެވީ ފަރުބަދަތަކުގެ ކައިރިޔަށެވެ. އިސްލާމީ ލަޝްކަރުގެ ފަހަތުގައި ފަރުބަދަތަކެއް ހުންނަ މުނާސަބު މައިދާނެއް ޚިޔާރު ކުރެއްވިއެވެ. އިސްލާމީ ލަޝްކަރުގެ ކުރިމަތީގައި އޮތީ ކޯރެކެވެ.
ޚާގާން ވިސްނައިވަޑައިގެން ހުންނެވީ ހަނގުރާމަ ކުރެއްވުމުގެ ބަދަލުގައި އޭނާގެ ޢަސްކަރީ ބާރުގެ ވަރުގަދަކަން މުސްލިމުންނަށް ދައްކަވައިގެން ފަތަޙަ ހޯއްދެވުމަށެވެ. އެހެންކަމުން އޭނާ މުޢަސްކަރު ހެއްދެވީ ކޯރުގެ މުސްލިމުންނާ ދުރު ފަރާތުގެ އައްސޭރީގައެވެ. ތުރުކީން އެތައްދުވަހެއް ވަންދެން ކޮންމެ ދުވަހަކުވެސް ހެނދުނު ހަނގުރާމަޔަށް ނުކުމެ ސަފުހަދައެވެ. މުސްލިމުންނާ ދިމާޔަށް ނަޢުރާކޮށް އަޑު އުފުލައެވެ. މަދުމަދުން ތީރުވެސް އުކައެވެ. އިރުއޮއްސޭން ކައިރިވުމުން ފޭލިގެތަކަށް އެނބުރި ހިނގައިދެއެވެ. އެއްދުވަހަކު ޚާގާނުގެ ލަޝްކަރުން އެލަޝްކަރުގެ އެންމެ މަޝްހޫރު ތިން ފަހުލަވާނަކު މުބާރިޒާކުރަން މައިދާނަށް ނުކުތެވެ. އެމީހުން މުސްލިމުންނަށް މުބާރިޒާގެ ދަޢުވަތު ދިނުމުން أحنف بــن قيس رضى اللّـه عنــه އެހެން މުޖާހިދަކު ކުރިޔަށް ނެރުއްވުމުގެ ބަދަލުގައި އަމިއްލަފުޅަށް ކުރިޔަށް ނުކުމެވަޑައިގެންނެވިއެވެ. ދުޝްމިނުންނާ ކަނޑިޔާއި ކަނޑި އެޅުއްވީ އެކަލޭގެފާނެވެ. އެކަލޭގެފާނު ތުރުކީންގެ ތިންހެވީންވެސް ޤަތުލުކޮށްލެއްވިއެވެ. އެހައިތަނުން ތުރުކީންގެ އެހެންމީހަކަށް މައިދާނަށް ނުކުންނާކަށެއް ނުކެރުނެވެ. އެންމެ މުސްލިމެއްގެ އަތުން ތުރުކީންގެ ތިންހެވީން ޤަތުލުވުމުން ޚާގާން ބެއްލެވީ އެއީ ސުންޕާކަމެއް ކަމުގައެވެ. އެހެންކަމުން ވިދިގެންއައި ދުވަހު އޭނާ މުޢަސްކަރު ރޫޅައިލައްވައިފައި ލަޝްކަރާއިގެން އެނބުރިވަޑައިގެންފިއެވެ.
ޔަޒުދުގިރުދު މުރޫޝާހުޖިހާން ޙިޞާރު ކުރައްވައިގެން އެރަށަށް ޙަމަލަތަކެއް ދެއްވިއެވެ. އެކަމަކު އޭނާއަށް ކާމިޔާބު ލިބިވަޑައެއް ނުގެންނެވިއެވެ. ނަމަވެސް އޭނާ އެރަށުގެ ޙިޞާރު ދިގުދަންމަވަމުން ގެންދެވިއެވެ. ޚާގާން أحنف بــن قيس رضى اللّـه عنــه ގެ ލަޝްކަރު ބަލިކޮށްލައްވައިފައި އެރަށަށް މިސުރާބު ޖެއްސެވުމުން އެރަށުގެ ފާރަވެރިކަމުގައި ތިބި މުސްލިމުންގެ މަދު މީސްކޮޅު ހަނގުރާމަ ކުރުމަކާނުލައި ހަތިޔާރު ބަހައްޓައިފާނެކަމުގެ އުންމީދުގައެވެ. ނަމަވެސް ޚާގާން ކުއްލިޔަކަށް އެނބުރިވަޑައިގެންނެވި ޚަބަރު ލިބިވަޑައިގެންނެވުމުން ކިސްރާވެސް މުރޫޝާހުޖިހާން ފަތަޙަކުރެއްވުމުގެ ޚިޔާލުފުޅު ދޫކޮށްލައްވައިފައި ފިލައިވަޑައިގަންނަވަން ވަޑައިގެންނެވީ އުތުރަށެވެ. އޭނާ އޭނާގެ އެންމެފަހުގެ މުޢަސްކަރު ހެއްދެވީ ޖައިހޫނުކޯރުގެ އައްސޭރީގައެވެ. އޭނާ އެތާނގައި ޙިމާޔަތް ހޯއްދަވައިފިއެވެ. ކިސްރާގެ އެދިވަޑައިގެންނެވުމަކީ ވީހައިވެސް އަވަހަކަށް ޖައިހޫނުކޯރު ހުރަސްކުރައްވައި ތުރުކީންގެ ސަރަޙައްދަށް ވަޑައިގެންނެވުމެވެ. ނަމަވެސް އެހައިތަނަށް އޭނާއާ ބައިވެރިވެވަޑައިގަންނަވަމުން ވަޑައިގެންނެވި ޢަސްކަރީ ކޮމާންޑަރުންކުރެ ގިނަބޭފުޅުން ބިދޭސީ ވިލާތެއްގައި އޭނާގެ އަރިހުގައި ގަނަތެޅިވަޑައިގަންނަވާކަށެއް ގަބޫލުފުޅެއް ނޫނެވެ. ކިސްރާ އެބޭފުޅުން ފިއްތަވަން މާބޮޑަށް ބާރު އެޅުއްވުމުން ފާޅުގައި ބަޣާވަތް ކުރައްވައިފިއެވެ. ކިސްރާގެ ޚަޒާނާއާއި އޭނާގެ ޝާހީ އެއްޗެހިކޮޅުތައް ފިރުއްކަވައިގެންފިއެވެ. ސާސާނީ ޚާންދާނުގެ އެންމެފަހުގެ ހުޅުކޮޅުކަމުގައިވާ ކިސްރާ ޔަޒުދުގިރުދު އޭނާގެ އާއިލާއާއި އަމިއްލަފުޅު ޚައްދާމުންނާއި ހަށިފާރަވެރީންގެ މަދުބަޔަކާއެކު ކޯރު ހުރަސްކުރައްވައިފައި ވަޑައިގެންނެވީ ފަރުޣާނާއަށެވެ.
ކިސްރާގެ ލަޝްކަރުގައި ހިމެނޭ ޚުރާސާނީ ގެމަތަކުގެ މީހުން ލަޝްކަރާ ވަކިވެގެން އެމީހަކު އެމީހެއްގެ ގެއާދިމާޔަށް މިސުރާބު ޖަހައިފިއެވެ. ނަމަވެސް ކިސްރާގެ ލަޝްކަރުގައި ތިބި ގިނަމީހުންނަކީ ދެކުނު އީރާނުގެ މީހުންނެވެ. އެބައިމީހުންނަށް އެތައްދުވަހެއް ވީއިރުވެސް އެބައިމީހުންގެ މުސްތަޤުބަލާމެދު ގޮތެއް ކަނޑައެއް ނޭޅުނެވެ. އޭގެތެރެއިން އެތައްބަޔެއްގެ އަނބިދަރީންވެސް އެބައިމީހުނާ އެކުގައި ތިއްބެވެ. އެބައިމީހުން ވަކިވަކިވެގެން އެކަހެރީން ދަތުރުކުރާނަމަ މަގުމަތީގެ ޗެކްޕޯސްޓުތަކުގައި ތިބޭ މުސްލިމު ސިފައިންގެ ކަޅިމަތި ބަލައިފައި ފިލަފިލައިގެން ދަތުރުކުރެވިދާނެއެވެ. ނަމަވެސް އެމީހުން ޚުރާސާނުގެ ސަރަޙައްދު ހުރަސްކުރާއިރު އެބައިމީހުންނާ އެއްވަޒަނެއްގެ ޚުރާސާނީންގެ ފޭރުމުން ސަލާމަތްވެވޭނެކަމުގެ ޔަގީންކަމެއް ނެތެވެ. ލަޝްކަރެއްގެ ގޮތުގައި އެކުގައި ދަތުރުކުރާނަމަ އަޅާކޮންމެ ފިޔަވަޅަކަށްވެސް މުސްލިމުންގެ އެއްބާރުލުން ބޭނުންވާނެއެވެ. އެބައިމީހުންގެ މިއަދާއި މާދަމާއާ ބެހޭގޮތުން ފިކުރު ބޮޑުވެފައި ތިބިވަރުން އެކަކު އަނެކަކާ ކުރަމުން ގެންދިޔައީ އަންނަނިވި ސުވާލުތަކެވެ. ތިމަންމެންގެ އުފަން ބިން އަލުން ފެންނާނެބާއެވެ. ތިމަންމެންނަކީ އެއްވެސް އޯގާވެރިކަމެއް ޙައްޤު ބަޔަކު ކަމުގައި މުސްލިމުން ބަލާނެބާވައެވެ. މުސްލިމުން ތިމަންމެން އަޅުވެތި ނުކުރާނެބާވައެވެ. މި ސުވާލެވެ. ޔަޒުދުގިރުދާ ވަކިވުމަކީ ތިމަންމެންނަށް ހެދުނު ގޯހެއް ނޫންބާވައެވެ. ދެންވާނީ ކިހިނަކުންބާވައޭ މި ސުވާލުތަކެވެ.
ފިނިމޫސުން ފެށިއްޖެއެވެ. އުސްފަރުބަދަތަކުގެ ކުންނުތަކުން ގަނޑުފެން ފޭބުމުގެ އަސަރު ފެންނާން ފަށައިފިއެވެ. ޖައިހޫން ކޯރުގެ އައްސޭރީގެ ހާމަ މައިދާނުގައި އުތުރުން ޖެހޭ ބާރު ފިނި ވައިގެ ތެރޭގައި ތިބުމުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ތަންކޮޅެއް ދުރުން ކުޑަކުޑަ ވާދީއެއްގައި އެބައިމީހުން ފޭލިގެ ޖަހައިފިއެވެ.
ތުރުކީންގެ ލަޝްކަރު އެނބުރި ދިޔުމުން أحنف بــن قيس رضى اللّـه عنــه އިސްކަންދެއްވީ ޔަޒުދުގިރުދު ފައްސަވަމުން ވަޑައިގަންނަވާކަށެއް ނޫނެވެ. ޚާގާނު މުސްލިމުންނާ ހަނގުރާމަޔަށް ވަޑައިގަންނަވާތީ މުސްލިމުން އެއްތަނަކަށް އެއްވުމަށްޓަކައި ހުސްކުރި ކިއްލާތަކާއި ފޭބި ރަށްރަށް އަލުން ހިއްޕެވުމަށެވެ. أميـرالمؤمنـين ބަވަސްކޮށް އަމުރު ކުރައްވައިފައިވަނީ ސަރަޙައްދު ފުޅާކުރުމަށްވުރެ ބޮޑަށް ފަތަޙަކުރެވޭ ތަންތާނގެ ނިޒާމުތައް ވަރުގަދަ ކުރުމަށެވެ. މުސްލިމުން ކުއްލިގޮތަކަށް ޖައިހޫނުކޯރު ހުރަސްކުރަން ޖެހޭފަދަ ޙާލަތެއް މެދުވެރި ނުކުރުމަށެވެ. ކިސްރާ އޭނާގެ ލަޝްކަރުގެ ބޮޑުބަޔާ ވަކިވެވަޑައިގެން ފަރުޣާނާއަށް ވަޑައިގެންފިކަން أحنف އަށް ވަނީ އެނގިވަޑައިގެންފައެވެ. އެކަމަކުވެސް އެކަލޭގެފާނު އީރާނީންނާ ޙަމަލަ ދެއްވާކަށެއް ނުއުޅުއްވައެވެ. އީރާނުގެ ލަޝްކަރަށް ޙަމަލަދެއްވި ކަމުގައިވިޔަސް ޚާގާން އެމީހުނަށް އެހީވެވަޑައިގަންނަވަން އެނބުރި ވަޑައިނުގަންނަވާނެކަމުގެ ޔަގީންކަން أحنف އަށް ވަނީ ލިބިވަޑައިގެންފައެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު