ގައުމުގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ދޮށީ އުމުރުުގެ މީހުން ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
އެޗްއާރުސީއެމް އިން މިހެން ބުނެފައިވަނީ ބައިނަލްއަގްވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަސް 2020 އާއި ގުޅިގެން އާންމު ކުރި ނޫސްބަޔާނެއްގައެވެ.
މި ނޫސްބަޔާނުގައި ދުވަހުގެ ތަހުނިޔާ ދޮށީ އުމުރުގެ އެންމެހާ ރައްޔިތުންނަށް އެޗްއާރުސީއެމްއިން އަރިސްކޮށްފައި ވެއެވެ. އަދި ބައިނަލްއަގްވާމީ ފެންވަރެއްގައި މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ދޮށީ އުމުރުގެ މީހުނަށް ރައްކާތެރި މުޖުތަމައެއް ބިނާކޮށް، އެމީހުން ގައުމުގެ ތަރައްގީއަށް ކޮށްފައިވާ އަގުހުރި ހިދުމަތުގެ އަގު ވަޒަން ކުރުމާއެކު ދޮށީ އުމުރުގެ މީހުން ތަފާތު އެކި ދާއިރާތަކުގައި ބައިވެރިވުން އިތުރު ކުރުމަށް ބާރުއެޅުން ކަމަށް އެޗްއާރުސީއެމް އިން ބުނެފައި ވެއެވެ.
މުޅި ދުނިޔޭގައިވެސް އެއް ދުވަހުން އަނެއް ދުވަހަށް ދޮށީ އުމުރުގެ މީހުންގެ އާބާދީ އަންނަނީ އިތުރުވަމުން ކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ފަސް އިންސައްތަ މީހުންނަކީ ދޮށީ އުމުރުގެ މީހުން ކަމަށް 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށާއި މި ތަފާސް ހިސާބުތަކަށް ބަލާއިރު 2040 އަހަރު ރާއްޖޭގެ އާބާދީގެ 10 އިންސައްތަ މީހުންނަކީ ދޮށީ އުމުރުގެ މީހުން ކަމަށް ވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެޗްއާރުސީއެމްގެ މި ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ރާއްޖޭގައި ދޮށީ އުމުރުގެ މީހުންނާ ގުޅޭ ގޮތުން ގައުމީ ސިޔާސަތެއް އެކުލަވާލައި އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާކަމަށް މި ބަޔާނުގައި އެޗްއާރުސީއެމްއިން ފާހަގަ ކޮށްފައިވެއެވެ. މި އެކްޝަން ޕްލޭނުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ދޮށީ އުމުރުގެ މީހުންނަށް އިނާޔަތްތައް ފޯރުކޮށްދިނުމާއި ސިއްހީ އަދި އެހެނިހެން ހިދުމަތް ފޯރުކޮށްދިނުމަށް ގޮތްތަކެއް ދައުލަތުން އެކަށައަޅާފައިވާކަމަށް އެޗްއާރުސީއެމް އިން ބުނެފައި ވެއެވެ.
އެޗްއާރުސީއެމް އިން ވަނީ ދޮށީ އުމުރުގެ މީހުންނަށް އާއިލާއާއި މުޖުތަމައުގެ ފަރާތުން އަޅައިލުން ބޭނުންވާކަން ފާހަގަ ކޮށްފައެވެ. އެ މީހުންނަށް ދިމާވާ އެކި ކަހަލަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ. ހަމަ އެއާއެކު ކޮވިޑް 19ގެ ބަލިމަޑުކަމުގެ މިހާލަތުގައި ދޮށީ އުމުރުގެ މީހުންނަކީ ހައި ރިސްކުގެ މީހުންނަށް ވާއިރު އެމީހުންގެ ރައްކާތެރިކަމަށް އިސްކަންދީ ކަމާބެހޭ އިދާރަތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެޗްއާރުސީއެމް އިން ނަސޭހަތްތެރި ވެފައި ވެއެވެ.
މިއަހަރުގެ ބައިނަލްއަގްވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަހުގެ ޝިއާރަކީ "ޕެންޑަމިކްސް، އާލަމީ ވަބާގެ ސަބަބުން، އުމުރުން ދުވަސްވުމާއި، ދޮށީ އުމުރުގެ މީހުންނާއި މެދު އަމަލު ކުރެވޭ ގޮތް ބަދަލުވޭތަ؟" މިއެވެ.
މި ޝިއާރުގެ މައިގަނޑު މަގުސަދަކީ ކޮވިޑް 19 އާއި ގުޅިގެން ދޮށީ އުމުރުގެ މީހުންނަށް ކުރިމަތިވެފައިވާ ސިއްހީ ނުރައްކާތެރިކަން ފާހަގަކޮށް، އެމީހުން ތަހައްމަލު ކުރަން ޖެހިފައިވާ ދަތިތަކަށް ހޭޅުންތެރިކުރުން ކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް