ކުވޭތުގެ ވަލީއަހުދު ނައްވާފް އަލް އަހުމަދު، އެގައުމުގެ އަމީރުކަމުގެ ހުވާކުރެއްވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ކުވޭތުގެ އަމީރުކަމުގެ ހުވާ އެގައުމުގެ ވަލީއަހުދުގެ މަގާމުގައި ހުންނެވި ޝައިހް ނައްވާފް އަލް އަހުމަދު މިއަދު ވަނީ ކުރައްވައިފައެވެ.

ކުވޭތުގެ އާ އަމީރަށް ރައީސް ސޯލިހު ފޮނުއްވި މެސެޖުގައި އެ ގައުމުގެ ކުރީގެ އަމީރު އައްޝައިހް ސަބާހުލް އަހުމަދު އަލްޖާބިރު އައްސަބާހް އަވަހާރަވުމާ ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ އާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އަމީރުގެ ހިކުމަތްތެރިކަމާއި ދުރުވިސްނުންފުޅުގެ ސަބަބުން، ‌‏އެމަނިކުފާނަށް ކުވޭތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިވަޑައިގެންފައިވާ ގަދަރާއި އިހުތިރާމަށް ބަދަލެއް ނައިސް ދެމިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މެސެޖުގައި ރައީސް ވަނީ ކުވޭތުގެ އާ އަމީރުގެ ޒައާމަތުގައި ރާއްޖެއާއި ކުވޭތުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިދާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ވަލީއަހުދު ނައްވާފުލް ކުވޭތުގެ އަމީރު ކަމާ ހަވާލުވެވަޑައިގެންނެވީ، އެގައުމުގެ އަމީރު ކަމުގައި ހުންނެވި، ޝައިހް ސަބާހް އަވަހާރަވުމުންނެވެ. ކުވައިތުގެ ދަސްތޫރުގައިވާ ގޮތުން އަމީރު އަވަހާރަވެއްޖެ ހާލަތެއްގައި އަމީރަކަށް ވެވަޑައިގަންނަވާނީ ވަލީއަހުދެވެ. ޝައިހް ނައްވާފަކީ އަވަހާރަވި އަމީރު ޝައިހް ސަބާހްގެ އެއްބަފާ ކޮއްކޯފުޅެވެ.