ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދެ މައްސަލައެއް އެކޯޓުގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް، އެ މެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކޮށް، އެ ދެ މައްސަލަ ބެލުމާ އުއްމުކުލްސޫމް އަބޫބަކުރު ހަވާލުވުމުގައި، ފަނޑިޔާރުގެ ސުލޫކަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރުމަށް މިއަދުގެ ކޮމިޓީން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި މި މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވައިލުމަށް ވެސް މިއަދު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 71 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ބުންޏެވެ.

އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ މައްސަލައެއް ބަލަން ނިންމާފައިވާ އިރު، މިމަހު ވަނީ ކުޅުދުއްފުށީ ސިޓީގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ފަނޑިޔާރެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާނުކުރާތީ އެމައްސަލަ ބަލަންވެސް ޖޭއެސްސީން ނިންމައިފައެވެ.