އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓިތަކުގައިވެސް ހަރަދުކޮށްފައިވާ ކަމަށާއި އެ ފައިސާއިން މަންފާ ނުލިބޭ ސިޔާސީ ޕާޓީއެއް ނޯންނާނެ ކަމަށް ހިޔާނާތުގައި އެންމެ އިސްކޮށް ހިމެނޭ ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް މިއަދު ހުށަހެޅި ހަތް ދައުވާއަށް އިއުތިރާފުވެ ވާހަކަދައްކަވަމުންނެވެ.
އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީތަކުގެ އިތުރުން އެ ޕާޓީތަކަށް ނިސްބަތްވާ އެތައް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށެވެ. އަދި މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް އެ ފައިސާ ލިބިފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހިޔާނާތުގެ ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޭނުންފުޅު ކުރެއްވީ ދައުލަތުގެ އެކި ބާރުތަކާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ. އެ ފައިސާ ރައްޔިތުންގެ މަޖިލީހަށާއި، މަޖިލީހުން ނަގާ ވޯޓުތަކަށާއި އެހެނިހެން މުއައްސަސާތަކުގެ ކަންތައްތަކަށް ބޭނުންކޮށްފައިވާ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަަލައިގައި ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު ފައިސާ އެމްއެމްޕީއާރުސީއަށް ޖަމާކުރުމުގެ ބަދަލުގައި، އަމިއްލަ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކުގެ އެކައުންޓަކަށް ޖަމާކުރެއްވީ ރައީސް ޔާމީންގެ އިރުޝާދާ އެކުގައި ކަަމަށެވެ. އަދި އެ ހުރިހާ ކަމަކީ ރައީސް ޔާމީނަށް އެނގިވަޑައިގެން ކުރިއަށްދިޔަ ކަންތައްތައް ކަމަށްވެސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެކެވެ.
އެ ދައުވާތަކަށް އަދީބު އިއުތިރާފުވުމުން އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައި އެ މައްސަލަތައް ގެންދިއުމަށް ކޯޓުން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު