"ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އުފައްދައިފިއެވެ.
ކުންފުނިތަކާ ބެހޭ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިއަދު އުފެއްދެވި އެ ކުންފުންޏަކީ 100 ޕަސެންޓްް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. 200 މިލިއަން ހިއްސާގެ މި ކުންފުނީގެ ރައުސުލްމާލަކީ ދެ ބިލިއަން ރުފިޔާއެވެ.
ރައީސް އޮފީހުން ބުނީ މި ކުންފުންޏަކީ ސަރުކާރުން ހިންގަމުން އަންނަ ސަރަޙައްދީ އެއާޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގުމަށާއި ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގަމުން އަންނަ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށްޓަކައި އުފެއްދި ކުންފުންޏެއް ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރީޖަނަލް އެއާޕޯޓުތައް ތަރައްގީކޮށް ވައިގެ ދަތުރުފަތުރު ތަރައްގީ ކުރަމުން އަންނައިރު ވެލަނާ އިންޓަނެޝަނަލް އެއާޕޯޓާއެކު ރާއްޖޭގައި 16 އެއާޕޯޓު މިހާރު އެބައޮތެވެ. އޭގެ ތެރެއިން ބައެއް ބައެއް އެއާޕޯޓުތަކަކީ އަމިއްލަ ކުންފުނިތަކުން ހިންގާ އެއާޕޯޓުތަކެކެވެ. އެގޮތުން ދ. ކުޑަހުވަދޫ އެއާޕޯޓާއި އއ. މާމިގިލީ އެއާޕޯޓާއި ގއ. ކޫއްޑޫ އެއާޕޯޓަކީ އަމިއްލަ ކުންފުނިތަކުން ހިންގާ އެއާޕޯޓުތަކެވެ. އަދި ލ. ކައްދޫ އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގަނީ ސަރުކާރާއި އަމިއްލަ ފަރާތަކުން ގުޅިގެންނެވެ.
ރާއްޖޭގެ މައި ވައިގެ ބަންދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ އިރު، ހދ. ހަނިމާދޫ، ކުޅުދުއްފުށި، ށ. ފުނަދޫ، ގދ. ކާޑެއްދޫ، މާވާރުލު، ފުވައްމުލަކު، ނ. މާފަރު، ރ. އިފުރު، ބ. ދަރަވަންދޫގެ އިތުރުން ތ. ތިމަރަފުށީ އެއާޕޯޓު ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު