ދުނިޔޭގެ އެންމެ ކުރިިއަރާފައިވާ ގައުމުތައް ނުވަތަ ޖީ20 ގެ ގަައުމުތަކުން ދޫކޮށްފައިވާ ލޯނުތައް 2021 ވަނަ އަހަރާ ހަމައަށް ފަސްކޮށްދޭން ރާއްޖޭގެ ފަރާތުން ގޮވާލައިފި އެވެ.

ރާއްޖޭގެ ފަރާތުން އެގޮތަށް ގޮވާލެއްވީ އިއްޔެ ބޭއްވި އދ.ގެ އާންމު މަޖިލީހުގެ 75 ވަނަ ބައްދަލުވުމުގެ އާންމު ބަހުސްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުން ލިބިގަންނަންވީ ފިލާވަޅުތައް ވަރަށް ގިނަ ކަމަށެވެ. އެންމެ ފުރަތަމަ ކަމަށް ބައިނަލްއަގުވާމީ ނިޒާމުގެ ތެރޭގައިވާ ތަފާތުތައް މީގެ ކުރިން ނުފެންނަހާ ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެގެން ހިނގައްޖެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ކޮވިޑުގެ އަސަރު އެކި ގައުމުތަކަށް އެކި މިންވަރަށް ކުރުމާއި ޓެކްނޮލޮޖީގެ ރޮނގުން ގައުމުތަކުގެ މެދުގައިވާ ފަރަގާއި ދަތުރުފަތުރު ހުއްޓުމަކަށް އައުމުން އިގްތިސާދަށް ލިބުނު ގެއްލުންތަކަކީ ދުނިޔޭގެ ނާރެހުން ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިޔަސް، ކުރިމަތިލާންޖެހިފައިވާ ހަގީގަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނަމަވެސް މިއީ ހުރިހާ ގައުމަކަށް އެއްވަރަކަށް ލިބުނު ގެއްލުންތަކެކޭ ދެންނެވޭކަށް ނެތް. ދިވެހިރާއްޖެ ފަދަ، އާމްދަނީގެ 75 އިންސައްތަ، ސިދާގޮތުންނާއި ނުސީދާގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ގައުމަކަށް ލިބުނު ގެއްލުން ގުނާ އަދަދު ނުކުރެވޭހާ ބޮޑު،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ޝާހިދު ފާހަގަކުރެއްވީ ދިވެހިރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގަައުމުތަކުގެ އިގްތިސާދަށް ދަރަނީގެ ސަބަބުން ލިބޭ ގޮންޖެހުންތައް، މި ބަލިމަޑުކަމުގެ ސަބަބުން ވަރަށް ސާފުވެގެން ދިއުމެވެ. އަދި ޖީ20 ގެ ގައުމުތަކުން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ވަގުތީ ގޮތުން ފަސްކޮށްދިނުމަށް ނިންމި ނިންމުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

"31 ޑިސެމްބަރާއި 1 ޖެނުއަރީގެ ތަފާތަކީ އަހަރު ބަދަލުވުން އެކަނި ކަމުގައި ދަންނަވަން ޖެހޭ. ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާތީ، ޖީ20ގެ މި ނިންމެވުން (މިއަހަރުގެ ނިޔަލަށް ލޯނުތައް ދެއްކުން ފަސްކޮށްދޭން ނިންމި ނިންމުން) 2021 ވަނަ އަހަރުގެ ނިމުމާއި ހަމައަށް ފަސްކޮށްދެއްވުމަށް އެ ގަައުމުތަކުގެ ކިބައިން އަޅުގަނޑު އެދެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ، ދަރަނި ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަކީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކޮވިޑުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ކުޑަ މިންވަރެއް ކަމަށާއި އެ ގައުމުތަކަށް މިއަދު އެންމެ ބޮޑަށް ބޭނުންޖެހިފައި މިވަނީ ފެންވަރު ރަނގަޅު ބިނާތަކާއި އުސްލޫބީ ބަދަލުތަކާއި ފުޅާ ދާއިރާއެއްގައި ފަސޭހައިން ލިބޭ މާލީ އެހީތެރިކަން ކަމަށެވެ.

ޖީ20 ގައުމުތަކުން ލޯނު ދޫކޮށްފައިވާ 77 ގައުމަކުން ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު ފަސްކޮށްދޭން ނިންމީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ލޯނުތައް ފަސްކޮށްދިނީ މިއަހަރުގެ ނިޔަލަށް ދައްކަންޖެހޭ ލޯނުތަކެވެ.