ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ގްލޯބަލް ޓްރަސްޓް ފަންޑެއް ހުޅުވަން ހުށަހަޅުއްވާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް ނޭޝަންސްގެ ހެޑް އޮފް ސްޓޭޓް އެންޑް ގަވަމެންޓް ފައިނޭންސިން 2030 އެޖެންޑާގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމް ތިން މަހަށް ހުއްޓިގެންދިޔަ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށެވެ. އެއީ ވަރަށްވެސް ހިތްދަތި ނިންމުމެއް ކަމަށާއި ނަމަވެސް އެއީ ވަރަށް މުހިންމު ނިިންމުމެއް ކަމަށް ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15ގައި އަލުން ހުޅުވާލީ ގައިޑްލައިންތަކަކާއެކު ކަން ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ވަކިވަކިން ރަށްތައް އޮންނަ ގައުމެއް ކަމުން ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް ގައުމަށް ރާއްޖެ ވެގެންދާނެ ކަމަށެވެ.
"ފަތުރުވެރިކަން އަލުން ފަށައިގަތުމަށް ގްލޯބަލް ޓްރަސްޓް ފަންޑެއް ހުޅުވުމަށް ހުށަހަޅާފައިވާނެ. މިކަން ކުރެވިގެންދާނީ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގެ އެހީތެރިކަމާއެކު. މި ފަންޑުން ކޮވިޑަށް ޓެސްޓް ކުރުމުގެ ކެޕޭސިޓީ އިތުރުކުރެވި، އެއާޕޯޓުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރެވި، ޓޫރިޒަމްގެ އެހެން ފެސިލިޓީތައް ހަރުދަނާ ކުރެވޭނެ،" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ކޮވިޑުގެ ސަބަބުން އިގުތިސޯދީ ގޮތުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދާއި ޓޫރިޒަމް އަލުން ކޮޅަށް ޖެހޭނީ ވައިގެ ދަތުރުތައް އިތުރު ކުރެވިގެން ކަމަށް ވިދާޅުވިއެވެ.
"ޓޫރިޒަމް އަލުން ފެށި، އިގުތިސޯދު އަލުން ކޮޅަށް ޖެހޭނެ އެންމެ މުހިންމު އެއް ކަމަކީ ވައިގެ ދަތުރުތައް ރައްކާތެރިކަމާއެކު އަލުން ފެށި ކުރިއެކޭ އެއްގޮތަށް ދަތުރުތައް އިތުރުކުރެވިގެން،" އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ ކޮވިޑުން އަރައިގަނެވިގެން އަންނަ އިރު، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނެ ގައުމަކަށް ރާއްޖެ ވެގެންދިއުމަކީ އުންމީދެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު