ކުވޭތުގެ އަމީރު ޝައިހް ސަބާހް އަލް އަހުމަދު އަލް ޖަބީރު އަލް ސަބާހް މިއަދު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވުމަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝައިހް ސަބާހް އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން މާދަމާ އިން ފެށިގެން ތިން ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

ޝައިހް ސަބާހް އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ތައުޒިޔާ ވިދާޅުވުމަށް ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝައިހް ސަބާހް އަވަހާރަވި އަޑު އެހީ ފުން ހިތާމައާއެކުގައި ކަމަށާއި ދުނިޔެއަށް ގެއްލިގެން އެދިޔައީ ޑިމޮކްރަސީއާއި ދުނިޔޭގެ ހަމަޖެހުމަށް މަސައްކަތްކޮށްދެއްވި ހިދުމަތްތެރިއެއް ކަމަށެވެ.

ޝައިހް ސަބާހް އަވަހާރަވި އިރު، އުމުރުފަޅަކީ 91 އަހަރެވެ. ކުވޭތުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމަނިކުފާނު އަވަހަރާވެފައިވަނީ އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އެރެބް ނިއުސްގައިވާ ގޮތުން، ޝާހީ އާއިލާއަށް ކަނޑައަޅުއްވާފައި ހުންނަވާ ވަޒީރު، ޝައިހް އަލީ ޖައްރާ އަލް ސަބާހް ވަނީ ކުވޭތުގެ އަމީރު އަވަހާރަވިކަން މިޑީއާތަކަށް ކަށަވަރުކޮށްދެއްވައިފައެވެ. އަދި އޭނާ ވަނީ އެކަމާ ހިތާމަފާޅު ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ޝައިހް ސަބާހް އުފަންވެވަޑައިގެންނެވީ 1929 ވަނަ އަހަރުގައެވެ. އެމަނިކުފާނު ވަނީ ކުވޭތުގެ ފޮރިން މިނިސްޓަރުކަން 40 އަހަރަށް ކުރައްވައިފައެވެ. އަދި ޝައިހް ސަބާހަކީ ކުވޭތުގެ އުމްރާނީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ކުވޭތުގެ އަމީރު ކަމާ ޝައިހް ޝަބާހް ހަވާލުވެވަޑައިގެންނެވީ، ކުވޭތުގެ އަމީރުކަމުގައި ހުންނެވި ޝައިހް ޖަބާ އަލް ސަބާހް 2006 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެންނެވެ. އެގޮތުން ކުވޭތުގެ އަމީރުކަމާ ޝައިހް ޝަބާހް ހަވާލުވެވަޑައިގެންނެވީ 2006 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ޝައިހް ސަބާހު އަވަހާރަވުމާ ގުޅިގެން ކުވޭތުގެ އަމީރުކަމަށް ދެން ވަޑައިގަންނަވާނީ ވަލީ އަހުދު ނަވާފް އަލް އަހުމަދު އަލް ޖަބީރު އަލް ސަބާހެވެ.