ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދު އުވާލީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅި ނަމަވެސް، ގާނޫނާއި ގަވައިދާއި އިޖުރާއަތުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހިދުމަތް ދޭ ހުރިހާ ޝިޕިން އެޖެންސީތަކެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ލާޒިމުކޮށް ގަވައިދެއް އެކުލަވާލީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. ނަމަވެސް މިމަހުގެ 17 ވަނަ ދުވަހު އެ ގަވައިދު ވަނީ އުވާލައިފަ އެވެ.
ގަވައިދު އުވާލަން ނިންމި ސަބަބެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ ގަވައިދާ ގުޅިގެން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ގަވައިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވުމާއި، އެ ގަވައިދުގައި ބައިނަލްއަގުވާމީ މިންގަޑުތަކާއި ތައާރަޒުވާ ޓެކްނިކަލް މައްސަލަތަކެއް ހުރުމުން ގަވާއިދު މުރާޖާކުރުމަށްޓަކައި ކަމަށެވެ.
ނަމަވެސް އެ ގަވައިދު އުވާލީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ބުނެ، ރާއްޖޭގެ 70 ވިޔަފާރި ކުންފުންޏެއްގެ ވެރިން ސޮއިކޮށް އެ މައްސަލަ ވަނީ ރޭގެ ވަގުތެއްގައި އޭސީސީއަށް ހުށަހަޅައިފަ އެވެ.
އެ މައްސަލައާ ގުޅިގެން މިނިސްޓަރު ނަހުލާ މިއަދު ވިދާޅުވީ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދުގައި މައްސަލަތަކެއް ހުރި ކަމަށާއި ގަވައިދު ހެދުމުގައި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދާފައިނުވާތީ އެކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން ޓްރާންސްޕޯޓް މިނިސްޓްރީއަށް އެކަން ހުށަހެޅި ކަމަށެވެ. އަދި މަޖިލީހުން ލަފާދީފައިވަނީ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދު އެކުލަވައިލުމަށް، ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާކޮށް އެ ގަވައިދު އަލުން އިސްލާހު ކުރުމަށް ކަމަށް ވިދާޅުވި އެވެ.
އެގޮތުން ގަވައިދުގައި ގާނޫނީ މައްސަލަތަކެއް ހުރުމުން އެކަން ބޯޑުގެ ސަމާލު ކަމަށް ގެނެސް، ގަވައިދު އިސްލާހުކޮށް އެކުލަވާލަން ދެތިން ފަހަރެއްގެ މަތިން އެންގި ކަމަށާއި ނަމަވެސް އެ ގަވައިދު އިސްލާހު ކުރުން ތަންފީޒުނުކޮށް މަޑުޖައްސާލާފައި ބޭއްވުމަށް ބޯޑުން ނިންމި ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ބޯޑުން އެގޮތަށް ނިންމި ނަމަވެސް ގަވައިދު އުވާލީ، ގެޒެޓްކޮށްފައިވާ ގަވައިދެއް މަޑުޖައްސާލާފައި ނުބޭއްވޭނެތީ އެ ގަވައިދު އުވާލަން ބަންޑާރަ ނައިބު ލަފާދެއްވުމުން ކަމަށެވެ.
"ގާނޫނާއި ގަވައިދާއި އިޖުރާއަތުން ބޭރުން އަޅުގަނޑު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ. ސުވާލު އުފެއްދޭނެ ކަމެއް ވެސް ނޯންނާނެ. އަދި ގަވައިދު އުވާލުމުގެ ހަމައެކަނި ބޭނުމަކީ އެ ގަވައިދުގައި ހުރި މައްސަލަތަކެއް ހައްލުކޮށް އަލުން އެ ގަވައިދު އެކުލަވައިލުން،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
މިނިސްޓަރު ނަހުލާއާ ގުޅޭގޮތުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއަށް ކުންފުނިތަކުން ފޮނުވި ސިޓީގައި ބުނެފައިވަނީ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވައިދަށް އަމަލުކުރަމުން ދިޔައިރު ވެސް އެ ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން މިނިސްޓްރީން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާތައް ތަކުރާރުކޮށް މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށް ބުނެފައިވެ އެވެ.
ސިޓީގައި އިތުރަށް ބުނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި އެ އޮތޯރިޓީ ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުމާއި އަދި ގަވައިދުތައް ހެދުމަކީ އެ ގާނޫނުގެ ދަށުން އައްޔަންކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތެއް ނަމަވެސް، ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވައިދު ބާތިލުކުރީ އެ ބޯޑުން ފާސްކޮށްގެން ނޫން ކަމަށެވެ. އަދި އެއީ އެއިރަކު މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު