ވާހަކަ

ހިޔާ - 32

12

(ބައްތިރީސްވަނަ ބައި)

"ދުނިޔެއަށް ފޫހިވަންޏާ އަހަރެން ފޫހި ވާނީ ﷲ އަހަންނަށް ދެއްވި ނިޢުމަތްތަކަށް ނޫންތަ؟ އެ އަނދިރި ދުވަސްތައް އައުމުގެ ކުރިންނާއި އެ އިމްތިޙާންތަކުގެ ތެރެއިން ވެސް ﷲ އަހަންނަށް ނިޢުމަތްތަކެއް ދެއްވި. އެކަލާނގެ އިރާދަކުރެއްވިނަމަ އެ އަނިޔާތަކުގެ ސަބަބުން އަހަރެންގެ ޙިއްސުތައް ގެއްލުނީސް.... ހެލިފެލިވެ އަމިއްލައަށް ހިނގައި ނުއުޅެވުނީސް. އެކަމަކު އެކަލާނގެ އަހަންނަށް ލިބުނު ކޮންމެ އަނިޔާއަކަށް ފުރިހަމަ ޝިފާ ދެއްވި. އަދި އެންމެ ފަހުން އަހަރެންގެ މުޅި އެ ޙާލަތްވެސް ބަދަލުކޮށް ދެއްވައި ހެޔޮ ޢަމަލުތައް ކުރުމަށް އިތުރު ފުރުޞަތުތަކެއް ދެއްވި. ތިބުނިހެން ދުނިޔެއާ މެދު ހިތްހަމަނުޖެހުނު ދުވަސްތަކެއް ވެސް އައި. އަހަރެންގެ ސަބަބުން މަންމައަށް އިތުރު އަނިޔާތަކެއް ލިބުނުހެން ހީވި ދުވަހު އަމިއްލަ ނަފްސަށް ވަރަށް ރުޅި އައި. އަމިއްލައަށް މަރުވާން ބޭނުންވި ދުވަސްތައް ވެސް ގޮއްސި. އެކަމަކު އެ ފިޔަވަޅު ނޭޅި ހުރީ ވެސް އެކަލާނގެ ހަނދުމައިން މި ހިތަށް ލިބުނު ސާބިތުކަމުން....."

ޒިހާންގެ އެ ވާހަކަ ނިމުނުއިރު އެ އަޑު ރޫރޫ އަޅައިގެން ދިޔަ ހިނދު ޒިހާންގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އެ ހިނދު ޔުނާއަށް އަޖާއިބުވެފައި ޒިހާނަށް ބަލަން އިނދެވުނެވެ.

މީގެ ކުރިން ވެސް އިސްލާމް ދީނާއި އޭނަ ކިޔަވާ ދާއިރާއާ ގުޅުން ހުރި މިންވަރު ދޮންބެ ޔުނާއަށް ވިސްނައިދޭން ވަރަށް މަސައްކަތް ކޮށްފައިވެއެވެ. އަދަށް ދާންދެން ވެސް ޔުނާ ހުރީ އެ ވާހަކަތައް ޤަބޫލުކުރަން އިންކާރު ކޮށްގެންނެއެވެ. ނަމަވެސް މިއަދު އޭގެ ފުރިހަމަ މިސާލެއް އޭނަގެ ލޯ ކުރިމަތިން މިދަނީ ފެންނަމުންނެވެ. އެހާ ގޯސް ޙާލަތެއްގައި ވެފައި އަމިއްލައަށް މަރުވާން ޚިޔާލުކުރި މީހަކު ކައުންސެލިންގް އާއި ނުލައި އެ ޚިޔާލުތަކުން ދުރުވެފައިވާ ވާހަކަ އޭނައަށް މި އަޑު އިވުނީ ފުރަތަމަ ފަހަރަށެވެ. ޔުނާ އެތައް ސުވާލެއް އެއްފަހަރާ ކުރަން އުޅުނު ވަގުތު ޒިހާން އިތުރަށް ވާހަކަ ދެއްކިއެވެ.

"ހެހެ.... އަހަރެން ނޭވާ ކުރުވާކަން ޔަޒްދާންބެއަށް އެނގުނު ފަހުން ވަރަށް ބުނެ އުޅުނު ނަފްސާނީ ކަމެއްވިއްޔާ ޔުނާ އަހަންނަށް ފަރުވާ ދީފާނެއޭ. އޭރު އަހަރެންގެ ނަޒަރުގަ އީމާންތެރިކަން ވަރުގަދައިއްޔާ ނަފްސާނީ ކަމަކަށް ވިޔަސް ވަކި އެހެން މީހެއްގެ ނަޞޭޙަތަކަށް އަދި އެހީއަކަށް ވެސް ބޭނުމެއްނުވާނެ. އެކަމަކު މިހާރު އެނގޭ އެއީ ރަނގަޅު ވިސްނުމެއް ނޫންކަން. ޔުނާ އަހަރެންގެ ޙަޔާތަށް އައުމަކީ އަހަރެންގެ އީމާންތެރިކަން ވަރަށް ވަރުގަދަކުރުވި ކަމެއް. ވަރަށް ގިނަ ދުވަސް ވަންދެން ކުރި ދުޢާއެއް އިޖާބަވެގެން ދިޔައިމަ ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ އެންމެ މޮޅަށް އައްސަވާވޮޑިގެންވާ އެންމެ މޮޅު ރޭވުންތެރިޔާކަން ހިތަށް ޔަޤީންވި. އެކަމަކު ޔުނާއާއި އެކީ އުޅެމުން ވެސް މާޒީގެ ކަންތައް ހަނދާން އެބަވޭ އަހަރެން. އެ ޚިޔާލުތަކުގެ މައްޗަށް ބާރުނުފޯރުވޭ ޙާލަތްތައް އެބަ އާދޭ. މިރޭ ގޮތަށް..... ކިތަންމެ ބޭނުންވިޔަސް އަހަރެން މި ހުންނަނީ ޔުނާގެ ފަރާތުން އެހީއަށް އެދެން ޖެހިލުންވެފައި...." ޒިހާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ވާހަކަ ދެއްކިއެވެ.

"އެއީ ކީއްވެ؟" ޔުނާއަށް އަހާލެވުނެވެ.

"އެއީ.... އަހަރެން ބޭނުމެއް ނޫން ޔުނާއަށް ބުރައަކަށް ވާކަށް. އަހަރެން ޔުނާއާ ކައިވެނިކުރީ ކޮންމެހެން ޔުނާ ލައްވާ އަހަންނަށް ޚިދުމަތް ކުރުވާކަށް ނޫން. ޔުނާއާ އެކީގައި އުޅެ ޔުނާގެ އުފާވެރިކަމުގެ ފަހަތުގައިވާ ބައިވެރިއަކަށްވާން ބޭނުންވީ. އަދި އެހެންނޫނަސް އެ ވާހަކަތަކަކީ އަހަންނަށް ދުލާ ހަމައަށް ގެންނަން ފަސޭހަ ވް...ވާހަކަތަކެއް ނޫން.... މިހާތަނަށް އައިއިރު ދުވަހަކުވެސް އެއްވެސް މީހެއް ކައިރި ނުބުނާ ވާހަކަތައް ޔުނާ ގާތު ދެންމެވެސް ބުނެވުނީ. އަހަންނަށް ލިބުނު އަނިޔާތަކުގެ ވާހަކަ އެއްވެސް މީހަކަށް ކިޔައެއްނުދެން. ކެތްނުކުރެވޭނެ އެ ވާހަކަތައް އިވިފަ ޔުނާ......... އަހަރެންގެ ބަލިކަށިކަމާ މެދު ވިސްނާފައި އޭރުގައި އަހަރެން ގެންގުޅުނު އެކުވެރިންހެން ޔުނާވެސް.... އަހަރެން ދޫކޮށް ހިނގައިދާނެތީ..." ޒިހާން ދެންވެސް އިސްއުފުލާލަން ނުކުޅެދިފައި އިނދެ ކިޔައިދިން އެ ވާހަކަ ނިމުމާއެކީހެން އަނެއްކާވެސް ތާޒާ ކަރުނަތައް ޒިހާންގެ ލޮލަށް ޖަމާވެގެން ދިޔަތަން ޔުނާއަށް ފެނުނެވެ.

ޒިހާން ވާހަކަ ދެއްކި ގޮތުން އަނެއްކާވެސް ޒިހާންގެ ޙާލަތު އިހުނަށްވުރެ ރަނގަޅަށް ޔުނާއަށް ދޭހަކުރެވުނެވެ. ހުރިހާ ކަމެއް އެކަނި ކުރަން ބޭނުންވިޔަސް އެ ހިތުގެ އަޑީގައި އެކަނިވެރިވުމާ މެދު ބިރުވެރިކަމެއް ވެސް އެބަ އޮވެއެވެ. މާޒީގައި އޭނައަށް މީހުން ގެއްލިފައިވަނީ ނުހަނު ދަތި ޙާލެއްގައި ކަމަށް ވުމުން މިއަދު ވެސް އޭނަގެ ޙަޔާތުގައި ތިބި މީހުންގެ ތެރެއިން މީހަކު ގެއްލިއްޖެނަމަ އެފަދަ ޙާލަތަކަށް ހިނގައިދާނެކަމަށް ޒިހާންގެ ސިކުނޑި ބުނަނީއެވެ. އޭނަ ގެއްލިއްޖެނަމަ ޒިހާނަށް ކެތްނުކުރެވޭނެ ކަމަށް އެ ބުނެވެނީ އެހެންވެއެވެ.

ޔުނާ އަމިއްލަ ވިސްނުމުގައި ވަނިކޮށް ޒިހާން ދެންވެސް ވާހަކަ ދެއްކިއެވެ.

"ޔުނާ މިހާރު ވެސް ފޫހިވާނެ ކަންނޭނގެދޯ އަހަންނާ މެދު. އަބަދު ރޮއިރޮއިފައި ހާސްކަމެއްގެ ތެރޭގަ ހުންނަ މީހެއްދޯ މިއީ؟ މަސައްކަތް ކުރާނަން އިނގޭ ރަނގަޅު ކުރެވޭތޯ އިންޝާﷲ! މިހާރުވެސް ހަމަ ރަނގަޅުވެލަނީ އިނގޭ. ހެހެ..... އެކަމަކު ޔުނާއަށް އަހަރެން ކަމުނުދަންޏާ ހަމަ ކޮންމެ ވަގުތަކު ނިންމުމެއް ނިންމިޔަސް އަހަރެން ޔުނާ ކުށްވެރިއެއް ނުކުރާނަން." ޒިހާން އޭނަގެ ވާހަކައިގެ މެދުތެރެއިން ކަރުނަތައް ފޮހެލަމުން ގަދަކަމުން ހީލާފައި ހިނިތުންވުމެއް ދައްކާލިއެވެ. އެންމެ ފަހު ޖުމްލަ ބުނެލިއިރު އެ ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރީވެސް ގަދަކަމުން ކަން ޔުނާއަށް އެނގުނެވެ.

އެވަގުތު ޒިހާނަށް އެހީވެވިދާނެ ދެގޮތެއް ޔުނާގެ ޚިޔާލަށް ވެރިވިއެވެ. އޭގެން އެއްގޮތަކީ އޭނާ އެފަދަ ކޮންމެ ބަލި މީހަކާ މުޢާމަލާތް ކުރާނެހެން ޒިހާންގެ އެ ނޭދެވޭ ޚިޔާލުތައް ބަދަލުވާނެ ފަދަ ވާހަކަތަކެއް ދެއްކުމެވެ. ޒިހާންގެ ޙާލަތު އެހާރުން އެހާރަށް ވެސް ބަދަލުވެގެންދާނެ ފަދަ ބަސްތައް ޔުނާގެ ސިކުނޑިއަށް ވެރިވިއެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ.

ޔުނާ ބޭނުންވީ ހަމައެކަނި އެ ބަސްތައް ބުނެލާކަށް ނޫނެވެ. ޒިހާން ދެންމެ އެ ބުނެލި ބަސްތަކަށް ވެސް ރައްދެއްދޭން ބޭނުންވިއެވެ. އޭނަ ޒިހާނާ މެދު ފޫހިވެފައިވޭތޯ ބުނެ ކޮށްލި ސުވާލަށް ޔަޤީން ޖަވާބެއް ދޭން ހިތް އެދުނެވެ. އެ ސުވާލަށް ޖަވާބު ނުދީ ވެސް ޒިހާނަށް ފުރިހަމަ އެހީއެއް އޭނާއަށް ފޯރުކޮށްދެވިދާނެކަން އެނގޭ ޙާލުގައިވެސްމެއެވެ.

ނަތީޖާއެއްގެ ގޮތުން ޔުނާއަށް ކޮޅަށް ތެދުވެވުނީ މާ ބޮޑު އިޚްތިޔާރަކާއި ވެސް ނުލައެވެ. އެއަށްފަހު މާޔޫސީ ދެލޮލާއެކީ އޭނައަށް ބަލަން އިން ޒިހާނާ ދިމާލަށް ލަސް ފިޔަވަޅުތަކެއްގައި ދާން ފެށިއެވެ. ޔުނާ އޭނަ ކައިރިއަށް އަންނަން ފެށުމުން ޤަބޫލުކުރަން ވެސް ދަތިވެފައި ޒިހާނަށް ބަލަން އިނދެވުނެވެ. ޒިހާން ބަލަބަލާ އިންދާ ޔުނާ އޭނައާ ނުހަނު ކައިރީގައި ހުއްޓިލަމުން އޭނާގެ ކުރިމަތީގައި ކަކޫ މައްޗަށް ތިރިވިއެވެ. އެއަށްފަހު ޔުނާ ލަސްލަހުން ޒިހާންގެ ބޯ ގެންގޮސް މޭގައި ޖައްސާލަމުން އޯގާތެރިކަމާއެކީ އޭނަގެ ގައިގައި ބައްދާލި ގޮތުން، އޭނާގެ ހުރިހާ އުދާސެއް އެއްފަހަރާ ނެތި ދިޔަހެން ޒިހާނަށް ހީވިއެވެ. މިއީ ހުވަފެނެއްހެން ހިނދުކޮޅަކަށް ނަމަވެސް ޒިހާނަށް ހީވިއެވެ. އެހެނަސް ނުހަނު ގާތުން ޔުނާ ވާހަކަ ދައްކަން ފެށި އަޑުވެސް އިވުނީ ޙަޤީޤަތަށެވެ.

"ޒިހާންގެ މާޒީގައި ވެފައި ހުރި ކަންތައްތަކަކީ އެއްގޮތަކަށް ވެސް ޒިހާންގެ ކުށެއް ނޫން. ވީއިރު އެކަންތަކުގެ ސަބަބުން ޒިހާން އެކަނިވެރި ކޮށްލާނީ ހެޔޮ ވިސްނޭ މީހުންނެއް ނޫން..... އަހަންނަށް އެ ހުރިހާ ވާހަކައެއް ކިޔައިދީ ޒިހާން. ކުޑަ ހިނދުކޮޅަކަށް ވެސް ޒިހާން ތިއީ ބަލިކަށި މީހެއްކަމަށް ހިއެއްނުކުރާނަން. އެ ހުރިހާ ކަމެއް ތަޙައްމަލު ކުރުމަށްފަހު ވެސް ރަޙުމެއް ހުރި ހިތެއް ގެންގުޅެވޭނީ ނުހަނު ވަރުގަދަ މީހަކަށް..... ވީއިރު އެއްވެސް މީހަކު ޒިހާންގެ ޙަޔާތުން ގެއްލިދާނެ ކަމަށް ޒިހާން ހީނުކުރައްޗޭ. ޒިހާންގެ ޙަޔާތުގައިވުން ޙައްޤު މީހުން ޢުމުރު ދުވަހަށްވެސް ޒިހާނާއިއެކީގަ ވާނެ...." ޔުނާގެ އެ ބަސްތައް އިވެމުން ދިޔަދިޔަހެން އެތައް ހާސް ޖަޒުބާތެއް އެއްފަހަރާ ޒިހާންގެ ހިތަށް ވެރިވިއެވެ. އެ ހުރިހާ ޖަޒުބާތެއްގެ މައްޗަށް ކުރި ހޯދީ މީހަކު އޭނައާއި އަޅާލި ކަމުގެ އިޙްސާސެވެ. މީހަކު އޭނަ އެކަނިވެރިކޮށްނުލާނެ ކަމުގެ ޔަޤީންކަމެވެ. މީހެއްގެ އޯގާތެރިކަން އޭނައަށް އަބަދުވެސް ލިބޭނެކަމުގެ ތަސައްލީއެވެ. އެމީހަކީ އޭނާ އެތައް އަހަރެއް ވަންދެން އިންތިޒާރުކުރި އަންހެން ކުއްޖާކަން އެނގުންވީ ހިނދު ޒިހާންގެ ލޮލަށް އަނެއްކާވެސް ކަރުނަތައް ޖަމާވެގެން ދިޔައެވެ. އެހެނަސް މިފަހަރު އެއީ އުފާވެރިކަމުގެ ކަރުނަތަކެވެ. އެ ކަރުނަތަކާއެކީ ޒިހާނަށް ގިސްލެވެން ފެށީ އެ ހިތަށް ކެތްނުކުރެވުމުންނެވެ.

ޒިހާނަށް ގިސްލެވެން ފެށުމުން ޔުނާ ލަސްލަހުން ޒިހާންގެ އިސްތަށިގަނޑުގައި އެއްއަތުން ފިރުމަން ފެށިއެވެ. އޭނައަށް ދެންމެ އެ ވާހަކަތައް ބުނެލެވުނީ ނުހަނު ޖަޒުބާތާއި އެކީގައެވެ. އޭނާގެ ބަސްތަކުގައި އޭނަ ހީކުރިވަރަށް ވުރެ ވެސް ބޮޑު އޯގާތެރިކަމެއް އެކުލެވިގެން ދިޔަ ގޮތުން ޔުނާއަށް ޙައިރާންކަމެއް ލިބިގެން ދިޔައެވެ. އޭނައަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ދާދި އިހަށް ދުވަހު އޭނާ ހުރީ ޒިހާން އޭނައަށް ފޫހިވާނެހެން އުޅެން ރާވައިގެންނެވެ. ޒިހާން އަމިއްލައަށް އެދިގެން އޭނާ ވަރިކުރާނެ ކަމުގެ އުއްމީދުގައެވެ. މިއަދު ޒިހާން އޭނަ ދިޔަޔަސް ރަނގަޅުކަމަށް ބުނުމުން އެ ދެމެދުގައި ވި ދުރުމިން ކައިރިކޮށްލީ ޚުދު އޭނައެވެ. ޒިހާން ތަންކޮޅެއް ކުރިން ވެސް އެފަދަ ބަސްތަކެއް ބުނުމުން އޭނަގެ ހިތަށް އަސަރުކުރީ ޒިހާނަށްޓަކައި ވި ޙަމްދަރުދީއެއްގެ ސަބަބުންނެވެ. މިއަދު އެ ޙަމްދަރުދީ އެހެން އިޙްސާސަކަށް ބަދަލުވަނީތޯ ހިތް ސުވާލުކުރި ވަގުތު ޔުނާއަށް ދެލޯ މަރާލެވުނެވެ.

ޔުނާ އެކަމާ މެދު ވިސްނާކަށް ބޭނުމެއް ނުވިއެވެ. ޚުދު އޭނަ ވެސް ވަނީ ޙަޤީޤަތުގައި އެހީއަކަށް ބޭނުންވެފައެވެ. ކުރިން އޭނަ އުޅުނު ގުޅުމުގައި މީހަކު އޭނާގެ އިޙްސާސްތައް ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި ގެންގުޅެފައިވުމުންނެވެ. ބޭނުންވުމުން ލޯބިން އުޅެފައި ބޭނުންވުމުން ނުރުހުންވެފައި އުޅެފައެވެ. މީހަކު އަނެއްކާވެސް އެފަދައިން އޭނަގެ ޖަޒުބާތުތަކާ ކުޅެފާނެތީ ޖެހިލުންވަނީއެވެ. ޒިހާނަކީ ރަނގަޅު މީހެއްކަން އޭނައަށް ޔަޤީނާ ގާތްވިޔަސް ޒިހާނާ އިތުރަށް ގާތްވުމަށް އޭނާގެ ސިކުނޑި ދެކޮޅު ހަދަމުން ދިޔައީ އެހެންވެއެވެ.

މިނެޓްތަކެއް ފަހުން ޒިހާންގެ ރުއިން މުޅިން ހުއްޓިގެން ދިޔަދިޔަހެން ދެމީހުން ލަސްލަހުން ދުރުވެލިއެވެ. އެވަގުތު ޒިހާން ނަމާދު މަތިން ހަނދާންވުމުން ޔުނާއަށް ހަނދާންކޮށްދިނެވެ. ދިގު ދަތުރުގެ ސަބަބުން މަޣްރިބް ނަމާދާއި ޢިޝާ ނަމާދުވެސް އަދި ވަނީ ނުކުރެވިފައެވެ. ދަތުރު މަތީގައި ވެސް މަޣްރިބް ނަމާދާއި ޢިޝާ ނަމާދުކުރާނީ ޖަމްޢުކޮށްގެން ކަމަށް ޒިހާން ބުންޏެވެ. ޒިހާން އެ ބުނި އެއްޗެއްގެ މާނަ ޔުނާއަށް ނުވިސްނުނެވެ.

އެހެންކަމުން ޒިހާން ނަމާދުކުރުމަށްޓަކައި ދެމީހުން ވެސް ތައްޔާރުވެ އެއްތަންވުމުން ނަމާދު ޖަމްޢުކުރާނެ ގޮތް ތަފްޞީލުކޮށް ކިޔައިދިނެވެ. ނޭނގޭ ސަބަބަކާ ހުރެ ޒިހާނަށް ނުހަނު ތަފްޞީލުކޮށް އޭނާއަށް ނޭނގޭ ކަންތައް ބުނެދެމުން ދިޔަ ގޮތުން ޒިހާން އެރޭ ތަފާތު ނަޒަރަކުން ފެންނަމުން ދިޔައެވެ. ޒިހާން ނަމާދަށް ދޭ ސަމާލުކަމުގެ ސަބަބުން ޔުނާވެސް އެރޭ ނަމާދުކުރީ، ކުރާ ހިތުންނެވެ. ﷲ ދެކެ ލޯބިވާ އަޅަކާ މެދު ހިތުގައި އިޙްސާސްތަކެއް އުފެދުމުން ލިބޭ އެއް ނިޢުމަތަކީ އެއީއެވެ. އެހެނަސް އެއީ ކިހާ ބޮޑު ނިޢުމަތެއްކަން އެވަގުތު ޔުނާއަށް ރޭކާނުލައެވެ.

**

އޭގެ އަނެއްދުވަހު ފަތިހު ތެދުވެގެން ދެމީހުން ނަމާދުކުރީ އެކުއެކީގައެވެ. ދަތުރު ވަރުބަލިވެފައިވުމުން ޒިހާނަށް ވެސް އެރޭ ދަމުނަމާދަށް ހޭނުލެވުނެވެ. އެކަމާ މެދު އަމިއްލަ ނަފްސަށް ނުރުހުންވެފައި ޒިހާން ވާހަކަ ދެއްކިއެވެ. ޒިހާން އެ ވާހަކަތައް ދެއްކި ގޮތުން ޔުނާއަށް ހެވޭ ގޮތްވިއެވެ. ފަތިސް ނަމާދަށްފަހު ޔުނާ ދަމުނަމާދާ މެދު ވެސް ޒިހާން ކައިރިން ސުވާލުކުރިއެވެ.

"އެއީ ވަރަށް ސްޕެޝަލް ނަމާދެކޭ ޔުނާ. ﷲ ގެ ލޯބިފުޅު ލިބުން ވަރަށް ގާތްވެގެންވޭ އެ ނަމާދު ކުރާ މީހުންނަށް. އެއީ އެ ނަމާދުކުރެވޭނީ ހަމައެކަނި ﷲ އަށްޓަކައި ނިދި ޤުރުބާން ކުރެވޭނެ މީހުންނަށް ދޯ؟ އަދި އެނގޭތަ؟ އެ ނަމާދަށްފަހު ކުރެވޭ ދުޢާތަކަކީ އިޖާބަވާނެ ދުޢާތައް. އޮފްކޯސް އަހަރުމެން ބައެއްފަހަރު ނޭނގިވެސް ދުޢާކުރަންދޯ އަހަރުމެންނަށް ރަނގަޅު ނޫން ކަންތަކަށްޓަކައި ވެސް؟ އެކަންތަކުން ﷲ އަހަރުމެން ރައްކާތެރިކޮށްދެއްވާނެ. އެ ނޫން ދުޢާތައް ހަމަ ސީދަލަށް އިޖާބަވާނެ. އެކްސްޕީރިއެންސް އިން މި ބުނަނީ އިނގޭ؟ އަހަރެން ޔުނާއާ ގުޅޭނެހެން ވެސް ވަރަށް ދުޢާކުރީމޭ ދަމުނަމާދުގައި. މިއަދު އެ ދުޢާވެސް ވަނީ އިޖާބަވެފައެއްނު؟" ޒިހާން ޔުނާއާއެކީ ކޮޓަރީގެ ޓައިލްސްމަތީގައި އިނދެ ކިޔައިދިނެވެ.

ޒިހާން އެއްލޯ މަރާލަމުން އެ ފަހު ޖުމްލަ ބުނެލި ހިނދު ޔުނާގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. މި ހުރިހާ ދުވަހު އެކި މީހުންގެ ފަރާތުން ދުޢާ އިޖާބަވާ ވާހަކަތައް އޭނައަށް ވަނީ އިވިފައެވެ. އެހެނަސް ޒިހާން މިއަދު އެ ވާހަކަ ވެސް އެ ބުނެލީ ނުހަނު ސާފު ހެއްކަކާ އެކީގައެވެ. ދުޢާތައް އަޑު އައްސަވާ ކަލަކު ހަމަ ޙަޤީޤަތުގައި ވެސް ވަނީތޯ އެދުވަހު ފުރަތަމަ ފަހަރަށް ޔުނާގެ ހިތް ސުވާލުކުރިއެވެ.

ފަތިސް ނަމާދަށްފަހު އިރުކޮޅެއް ވަންދެން އެޕާޓްމެންޓްގެ އެތެރެ ފަރާތު ކޮޓަރީގެ ބެލްކަނީގައި ތިބެތިބެފައި ދެމީހުން އެކީގައި ބޭރަށް ގޮސް ހެނދުނުގެ ނާސްތާ ކުރަން ކައިރީގައި ހުރި ފިހާރައަކުން އެއްޗެހި ގަތެވެ. އެއަށްފަހު ދެމީހުން އެކީގައި ނާސްތާ ތައްޔާރުކޮށްގެން ކާ މޭޒު ދޮށުގައި އިށީނެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އެދުވަހު ޔުނާއަށް ޒިހާނާ ދިމާލަށް ބެލެމުން ދިޔައީ މާ ގިނައިންނެވެ. ޒިހާން ގެންނަމުން ދިޔަ ކޮންމެ ޙަރަކާތެއް ވެސް އޭނައަށް ނުހަނު ރީތިވެފައި އާޝޯޚުކުރުވިއެވެ. ހުރިހާ ކަމެއް ކުރިއިރު ވެސް ޒިހާން އޭނައަށްވުރެ ވެސް ބޮޑަށް ހުރިހާ އެއްޗެއް ރީއްޗަށް އެތުރުމަށް ސަމާލުކަން ދެމުން ދިޔަ ގޮތް ވެސް ޔުނާއަށް ކަމުދިޔައެވެ.

ކާމޭޒުދޮށުގައި އިށީނދެ ކާން ފެށުމުން ޒިހާން ތައްޔާރުކުރި އެއްޗެހި މީރުވެސް ކަން އެނގުންވުމުން ޔުނާއަށް ވާހަކަ ދެކެވުނެވެ.

"އޯ އެމް ޖީ! މިހާ މީރު އޮމްލެޓް ސޭންޑްވިޗްއެއް އެންމެ ފަހުން ކެވުނު ހަނދާނެއް ނުވޭ...... ޔޫ އާރ ޓޫ ގުޑް އައި ސްވެއާރ!" ޔުނާއަށް ތަޢުރީފު ކުރެވުނެވެ. އެ ތަޢުރީފުވެސް ދުލުން ބޭރުވީ އޭނާ ޤަޞްދުކުރި ވަރަށްވުރެ ޖޯޝާ އެކީގައެވެ.

"ހެހެ.... ޔުނާއަށް މީރުވިއްޔާ ތި ނިމުނީ!" ޒިހާން ހެވިފައި އިނދެ ބުނެލިއެވެ. ހަމަ އެ ވަގުތު ޔުނާގެ ތަށީގެ ކައިރީގައި އޮތް ފޯނަށް މެސެޖެއް އައުމުން ޔުނާ އެއް އަތުން އެ މެސެޖު ހުޅުވައި ބަލައިލިއެވެ.

"އޮހް! މިއަދު ހެނދުނު އަހަރެން ނިކުންނަން ޖެހޭނެއޯ ކޭޓް ބުނަނީ. އިންޓަވިއުތައް ކުރަން...." ޔުނާ ފޯނަށް ބަލަން އިނދެ ކިޔައިދިނެވެ.

"ކޮން އިރަކު ދާންއޮތީ؟ ކިހިނެއް ދާނީ؟" ޒިހާން އެހިއެވެ.

"ކާރެއް ރެންޓް ކޮށްގެން ދާނީ އަހަރެން. މިކޮޅުގެ ލައިސަންސް އޮންނާނެ އަހަރެން އަތުގައި. ވަން އަވާރ ތެރޭގަ ނައްޓާލަން ވާނެ. ނޯ ވޮރީސް އިނގޭ؟ ހުސްވެސް މި ހިސާބާ ފުދޭވަރަކަށް ކައިރި ގެތަކަށް ދާން ޖެހެނީ އަހަރެން. މި ޢިމާރާތް ޗޫޒްކުރީވެސް އެހެންވެ...." ޔުނާ ކިޔައިދިނެވެ.

"ހުމް..... އެކަނިތަ ދާނީ؟ އަހަރެން ގެންގޮސްދެންތަ؟" ޒިހާން ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ. ކޮންމެވެސް ގޯހެއް ވާން އުޅޭހެން އޭނައަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ.

"ޒިހާން ދިޔަޔަސް ޒިހާންއަކަށް ނުވަދެވޭނެ އަހަންނާއެކީ އެ ގެތަކަށް. އެމީހުންގެ ޖަވާބުތައް ޒިހާންވެސް އަޑުއެހިއްޔާ އެހާ އެތިކަލްއެއް ނުވާނެ. އެހެންވީމަ ޒިހާން ވެސް ކާރުގައި އިނދެގެން ފޫހިވާނީދޯ އެހާއިރު ވަންދެން. ކިހިނެއްވީ؟ އިތުބާރު ނުކުރެވެނީތަ ވައިފްއަށް؟" ޔުނާ އަނގައަށް ގޮތެއް ހަދާލަމުން ސަމާސާ ރާގަކަށް އެހިއެވެ.

"ނޫނޭ.... ޔުނާއަށް އިތުބާރު ކުރަން. އިތުބާރު ނުކުރެވެނީ އެހެން މީހުންނަށް...." ޒިހާން ވިސްނުމެއްގައި އިނދެ ބުނެލިއެވެ.

"ހެހެ.... އައި ސީ. އެކަމަކު ކަންބޮޑުވާންވީ ސަބަބެއް ނެތް ޒިހާން. އަހަރެން މުޅިން އިންޓަވިއު ކުރަން ހުރީ ފަސް އަންހެނުންނާ. އެއީ ވެސް މި ޤައުމުގެ މީހުންނެއް ނޫން. އެކި ޤައުމުތަކުގެ މީހުން. މި ދިރާސާއިން ހޯދަން މިއުޅެނީ އެކި ޤައުމުތަކުގެ މީހުން މި ސިޓީއަށް އައިސް ވަޒަންވެރިވާ ސަބަބުތައް. ހޯދަން މިއުޅެނީ މި މާޙައުލުގައި ހުރި ކޮންކަމެއްގެ ސަބަބުންތޯ މިތަނަށް ދިރިއުޅުން ބަދަލުކުރަން އެމީހުން ޚިޔާލުކުރަނީ. ދުޢާ ކޮށްދެއްޗޭ ރަނގަޅަށް މީތި ގެންދެވޭނެ ގޮތަށް..." ޔުނާ ބުނެލިއެވެ. ޒިހާން ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ.

"ދުޢާކޮށްދޭނަމޭ އަބަދުވެސް..." ޒިހާން ބުންޏެވެ. އެއާއެކު ޔުނާއަށް އުފާވެރިކަމުގެ ހީލުމެއް ހީލެވުނެވެ.

"ޒިހާން ވެސް އަހަރެން ނުހުންނަ ވަގުތު ފޫހިވަންޏާ ބޭރުތެރެއަށް ނިކުމެލައްޗޭ. އަހަންނަށް އާދެވޭނީ މެންދުރު ވަރަށް ލަހުން. އެހެންވީމަ ކުޑަކޮށް މަންޒަރު ބަލައި ފިހާރަތައް ބަލަން ވެސް ނިކުމެވިދާނެދޯ؟ ޑަޗްއިން ވާހަކަ ދައްކަން އެނގޭތަ ޒިހާނަށް؟ ބައެއް ފިހާރަތަކުގައި އުޅޭ މީހުންނަށް ނޭނގިދާނެ އިނގިރޭސިން ވާހަކަ ދައްކަން." ޔުނާ ބުންޏެވެ.

"ކުޑަކޮށް އެނގޭ ޑަޗް ވެސް...." ޒިހާން ބުނެލިއެވެ.

"ވޯހް! ދެޓްސް އޯސަމް. މި ގަޑީގައި ލަސް އެބަވޭ އެ ނޫންނަމަ އަހަރެން މިތާ މަޑުކުރާނީ ޒިހާން ވާހަކަ ދައްކާ އަޑުއަހަން. ދިޔައީ އިނގޭ ތައްޔާރުވާން. ވީހާވެސް އަވަހަކަށް އާދެވޭތޯ ބަލާނަން..... އިންޝާ ﷲ!" ޔުނާ ބުނެލިއެވެ. މިފަހަރު ޔުނާ އެ ފަހު ބަސްތައް ބުނެލީ އެއީ ޒިހާން ވާހަކަ ދައްކާ ގޮތްކަން ހަނދާންކުރަމުންނެވެ. މިފަހަރު ޒިހާން ހިނިތުންވުމަކާއެކީ ބޯޖަހާލުމުން ޔުނާވެސް ހިނިތުންވުމެއް ދެއްކުމަށްފަހު ތައްޔާރުވާން ދިޔައެވެ.

އޭގެ ބައިގަޑިއިރެއް ފަހުން ތައްޔާރުވެގެން ޢިމާރާތުން ނިކުތް ޔުނާ އޭނާ ފޯނު ކޯލަކުން ހަމަޖެއްސި ކާރު ޢިމާރާތުގެ ކައިރީގައި މަޑުކޮށްލީއެވެ. ޔުނާ ގޮސް ކާރަށް އެރީ އޭނާގެ އެތައް އެދުމަކަށްފަހު ބޭރަށްދާން ތައްޔާރުވެގެން ނިކުތް ޒިހާނަށް އަލްވަދާޢު ކިޔުމަށްފަހުގައެވެ.

ޔުނާ އެރި ކާރު ލޯމައްޗަށް ގެއްލެން ދެން ޒިހާން އެ ކާރާ ދިމާލަށް ބަލަން ހުއްޓެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން އުޑަށާއި އެކީ ވަށައިގެން ނަޒަރެއް ދިނެވެ. ދުވަސްވަރަކީ ހޫނު މޫސުމުގެ ދުވަސްވަރު ކަމަށްވުމުން އުޑުމަތި ސާފެވެ. އެހެނަސް ރޭ ވެހުނު ވާރޭގެ އަސަރުތައް ގާއެޅިފައިވި މަގުތަކުން ފެންނަމުން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔައީ ރީތި ކުލަތަކެއް ޖެއްސިފައިވި ދިގު ޢިމާރާތްތަކާއި މަގުމަތީގައި ހިނގަމުން ދިޔަ އެ ޤައުމުގެ މީހުންނެވެ. އޭގެ ތެރެއިން ކޮންމެވެސް މީހަކު ރަތް ކުލައިގެ ޓިއުލިޕް މާ ބޮނޑިއެއް ބައިސްކަލުގެ ވަށިގަނޑަށް އަޅައިގެން ދުއްވާފައި ދާ މަންޒަރު ފެނިފައި ޒިހާނަށް ހިނިތުންވެލެވުނެވެ. އޭނާ ބޭރަށް ނެރެން ޔުނާ ބުނެލި ވާހަކަތަކުގެ ތެރެއިން ތިމަންނައަށް ހަދިޔާއެއް ގަނެދޭންވީ ނޫންތޯ ބުނެލި ހަނދާން އާވިއެވެ. އެއާއެކު ޒިހާން ޢިމާރާތުން ނިކުތީ ގަންނާނެ ހަދިޔާއަކާ މެދު ވިސްނަމުންނެވެ.

**

ޔުނާ ދުއްވަމުން ދިޔަ ކާރުގެ ވެރިމީހާ ބުނި ފަދައިން ދަތުރުގެ ވަކި ހިސާބަކަށް ގޮސް އެ ޑްރައިވަރުގެ ގެއާ ހަމައަށް ދެވުމުން ކާރު މަޑުކޮށްލެވުނެވެ. އެއަށްފަހު އެ ޑްރައިވަރު ގެއަށް ދަމުން ޔުނާއާ ތަޅުދަނޑި ޙަވާލުކުރިއެވެ. ދެވަނަ ފަހަރަށް ކާރަށް އަރައި ޔުނާ ސީޓް ބެލްޓް އަޅުވާލި ވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އެވަގުތު އޭނައަށް ގުޅަމުން ދިޔައީ އެމާއެވެ.

"ހައި އެމާ! މިއުޅެނީ އިންޓަވިއުކުރަން ދިޔުމުގެ މަގުމަތީގައި." ޔުނާ ބުނެލިއެވެ.

"އާނ ޔުނާ! ކުޑަ ބަދަލެއް ގެންނަންވެގެން މި ގުޅާލީ. ޔުނާއަށް ކަނޑައެޅި އެއް ބައިވެރިއަކާ އަހަންނަށް ލިބުނު ބައިވެރިޔަކާ ބަދަލުކޮށްލަންވީއެއްނު؟ އެއީ 55 އަހަރުގެ ދިވެހި ފިރިހެނެއް. ހިތަށްއެރީ ޔުނާ އެމީހާއާ އިންޓަވިއު ކުރީމަ މާ ރަނގަޅުވާނެއޭ. ޔުނާއަށް އެމީހާގެ މާދަރީ ބަސް އެނގޭނެތީ....." އެމާ ބުންޏެވެ.

"އާނ މައްސަލައެއް ނެތް. ތި މީހާގެ އެޑްރެސް އެސްއެމްއެސް ކޮށްލަދެއްޗޭ. އަހަރެން ވެސް އަހަރެންގެ ބައިވެރިންގެ ތެރެއިން އެއްމީހެއްގެ އެޑްރެސް އެމާއަށް ފޮނުވާލަދޭނަން." ޔުނާ ބުނެލިއެވެ. އެއާއެކު އެމާ 'ކޫލް' އޭ ބުނެލަމުން ފޯނު ކަނޑާލިއެވެ. އޭގެ ސިކުންތުކޮޅެއްގެ ތެރޭގައި ޔުނާއަށް އެޑްރެހެއް ލިބުނެވެ. އެ އެޑްރެސް ކާރުގެ ޖީޕީއެސްއަށް އަޅާލުމާއެކު އެއީ އޭނާ ދާން ޖެހޭ އެހެން ގެތަކާ ފުދޭވަރަކަށް ކައިރި ހިސާބެއްގައި ހުރި ގެއެއްކަން ޔުނާއަށް ފާހަގަވިއެވެ. އެހެންކަމުން އެންމެ ފުރަތަމަ އެ ގެއަށް ދާން ނިންމަމުން ޔުނާ ކާރު ސްޓާޓްކޮށްލިއެވެ.

(ނުނިމޭ)