ސައްހަ ނޫން މައުލޫމާތު ނުވަތަ ރަނގަޅު ނޫން މައުލޫމާތުގެ މައްޗަށް ބިނާކޮށް ތަފާތު ވާހަކަަތައް މީހުންގެ ތެރެއަށް ފެތުރޭ މައްސަލަ ހައްލުކުރެވޭނީ ދައުލަތުގެ މުއައްސަސާތަކުން، އެ މުއައްސަސާތަކުގެ މައުލޫމާތު މިހާރަށްވުރެވެސް ފުޅާކޮށް މީހުންނަށް ލިބޭގޮތް ކަމަޖައްސައިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވާޗުއަލްކޮށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމު ވިދާޅުވީ އެމައްސަލަ ހައްލުކުރުމަށް ދައުލަތުގެ މުއައްސަސާތަކުން، އެ މުއައްސަސާތަކުގެ މައުލޫމާތު މިހާރަށްވުރެ ފަސޭހަކޮށް މީހުންނަށް ލިބޭގޮތަށް ކަންކަން ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.

ޝަމީމު ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންވެސް، މުއައްސަސާތަކާއި އިދާރާތަކުގެ ސިޔާސަތުތައް ބައްޓަން ކުރަންވާނީ އެތަނަކުން ލިބޭ މައުލޫމާތުތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން އެ ދާއިރާއަކުން ލިބެންހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް އެންމެ ބޮޑަށް ކުރެވޭނެ ކަމަކީ އެ ދާއިރާއެއްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އިތުރަށް ތަރައްގީކޮށް އިސްލާހުކުރުން ކަމަށްވެސް ވިދާޅުވިއެވެ. އަދި މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ބައްޓަން ކުރުމުން ވަަރަށް ގިނަ ފައިދާތަކެއްވާ ކަން ވެސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު މި މަގާމާ ހަވާލުވެގެން މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑު އެން މެބޮޑަށް މަސައްކަތްކުރި އެއްކަމަކީ، މި އޮފީހުން ލިބެންހުރި މައުލުމާތުތަަކުގެ މައްޗަށް ބަލައިގެން ސިޔާސަތު ކަނޑައެޅޭނީ، އަދި މަސައްކަތް އިތުރަށް ހަރުދަނާ ކުރެވޭނީ ކޮން ގޮތަކަށްތޯ ބެލުން. މިގޮތުން މިހާތަނަށް ބެލިފައިވާ މައްސަލަތަކުގެ މައުލޫމާތު، ޕީޖީ އޮފީހުން ރާއްޖޭގެ ކޯޓުތަކަށް ފޮނުވާފައި އޮތީ ކިތައް މައްސަލަތޯ، މި މައުލޫމާތު މިހާރު އަޅުގަނޑުމެން ވާނީ އެއްކޮށްފައި. މި މައުލޫމާތު އެއްކުރީމަ މިވަގުތު އަޅުގަނޑަށް އެނގޭ މިވަގުތު ރާއްޖޭގެ ކޯޓުތަކުގައި ނުނިމި އޮތީ ކިތައް މައްސަލަކަން. ކިހާ މުއްދަތެއް، ކޮން ބާވަތެއްގެ، ކޮން ކަހަލަ މައްސަލައެއްކަން ނުނިމި މިވަގުތު އޮތީ އެނގޭނެ. މި މައުލޫމާތުތަކުގެ އަނެއް ބޭނުމަކީ މިއާ ގުޅިގެން އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަން ކުރުން، ސޯޝަލް ޕޮލިސީ ބައްޓަންކުރުން، ކްރިމިނަލް ޖަސްޓިސްގެ ސިޔާސަތުތައް ބައްޓަންކުރުން، ކޮން ދާއިރާއަކުން ކޮންކަހަލަ މެޖިސްޓްރޭޓުންތޯ ބޭނުންވަނީ، ކޮން މުވައްޒިފަކަށް ކޮންކަހަލަ ތަމްރީނެއްތޯ ބޭނުންވަނީ. މިކަމާ ގުޅޭގޮތުން ބައިވަރު ކަންތައްތައް ހަމައެކަނި މި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަނޑައެޅިދާނެ،" ޝަމީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ މައުލުމާތުތައް ވާނީ އާއްމުންނަށްވެސް ފެންނަ ގޮތަށް ހުންނަން މައުލުމާތުތަކަށް ކަމަށާއި ބޭނުމަކީ އޭގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ބައްޓަންކުރާ ގޮތްތަކަކީ ރަނގަޅު ގޮތްތަކެއްތޯ ހާމަކޮށް، އެކަންތައްތަކަށް ބަހުސްކޮށް ފާޑުކިޔުމަށް އާންމުންނަށް ފުރުސަތު ދިނުން ކަމަށެވެ. ބޭނުމަކީ އެ ފާޑުކިއުމުގެ އަލީގައި އެ ސިޔާސަތުތައް އިތުރަށް ރަނގަޅު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ ދައުލަތުގެ އެހެން މުއައްސަސާތަކުން ވެސް އެގޮތަށް އަމަލުކޮށްފިނަމަ ކަންތައްތައް މިހާރަށްވުރެ ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމަށެވެ.