ބޮލީވުޑްގެ މަޝްހޫރު ބަތަލު ސުޝާންތު ސިންގު ރާޖުޕުތު މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ސާރާ އަލީ ހާން އަދި ޝްރަދާ ކަޕޫރު ބުނެފިއެވެ.

ސުޝާންތުގެ މަރާއި ގުޅިގެން ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯއިން ތަހުގީގު ކުރަމުން އަންނަ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައެއްގައި ސާރާ އަދި ޝްރަދާ ވަނީ މިދިޔަ ހޮނިހިރު ދުވަހު އެ އިދާރާއަށް ހާޒިރުކޮށްފައެވެ. އެންސީބީއަށް ހާޒިރުކޮށް ސާރާ އަދި ޝްރަދާ އާއި ސުވާލު ކުރުމުން އެ ދެތަރިން ވެސް ވަނީ ސުޝާންތު މަސްތުވާތަކެތި ބޭނުން ކުރަނިކޮށް ދުށް ކަމަށް އެއްބަސްވެފައެވެ.

ސާރާ ބޮލީވުޑަށް ތައާރަފުވީ ސުޝާންތު ސިންގު ރާޖުޕުތާ އެކު "ކެދާރްނާތު" އިންނެވެ. އެގޮތުން ސާރާ ވަނީ 2018 ވަނަ އަހަރު އޭނާއާއި ސުޝާންތާ ދެމެދު ގާތް އެކުވެރިކަމެއް ކަމަށް އޮތް ކަމަށް ބުނެފައެވެ. ދެމީހުން އެކީ ތައިލެންޑަށް ޗުއްޓީ ހޭދަކޮށްލަން ދިޔަ ކަމަށްވެސް ސާރާ ބުންޏެވެ. ސުޝާންތު ދޭތެރެއަކުން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ބުނި ނަމަވެސް ސާރާ ވަނީ އޭނާ މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށް ބުނެފައެވެ.

ޝްރަދާ އަދި ސުޝާންތު ވަނީ އެކުގައި "ޗިޗޯރޭ" އިން ފެނިގެން ގޮސްފައެވެ. އެގޮތުން ޗިޗޯރޭގެ ޝޫޓިންތައް ކުރިއަށް ގެންދިޔައިރު، ވެނިޓީ ވޭނުގައި ޝޫޓިން ބްރޭކްތަކުގައި ސުޝާންތު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ޝްރަދާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ޝްރަދާ ވެސް ވަނީ އޭނާ މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށް ބުނެފައެވެ.