އެއްވެސް ގައުމެއްގެ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި އުޅުމަށް ފުރުސަތު ދިނުމަކީ އެހެން ގައުމުތަކުން ރާއްޖެ ތެރެއަށް ވަނުމަށް ދެވޭ ދައުވަތެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ގުޅޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ އަސްކަރީ ގޮތުން ގުޅިގެން ކުރާ މަސައްކަތްތައް ހުންނާނެ ކަމަަށާއި އެކަމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އަސްކަރިއްޔާގައި އޮންނަ ސަގާފަތެއް ކަމަށެވެ. ނަމަވެސް ދާއިމީ ގޮތެއްގައި އެހެން ގައުމެއްގެ ސިފައިން ގާއިމް ވެ ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެހެން ނަމަވެސް އޭގެ މާނައެއް ނޫން އެއްވެސް ގޮތަކަށް ދާއިމީ ގޮތެއްގައި އެހެން ގައުމެއްގެ އަސްކަރީ ބާރުތަކެއް ގައުމެއްގެ ތެރޭގައި އުޅުމަށް ފުރުސަތު ދިނުން، އެފުރުސަތު އެއްވެސް ބަޔަކަށް އެގޮތަށް ފަހިކޮށް ދެވިއްޖެނަމަ އޭގެ މާނައަކީ އެދެވެނީ އެހެން ގައުމުތަކުން އަނެއްކާ ދިވެހިރާއްޖެ ތެރެއަށް ވަނުމަށް ޖާގައެކޭ. އެފުރުސަތު އެގޮތަށް ދެވިގެން ނުވާނެ." ޝަހީމް ވިދާޅުވިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ޝަހީމް ވިދާޅުވީ ހުރިހާ ގައުމަކަށްވެސް މުހިންމުކަން ދޭން ޖެހޭނެ ކަމަށާއި ހާއްސަކޮށް އަވަށްޓެރި ގައުމުތަކަށް މުހިންމުކަން ދޭން ޖެހޭނެ ކަމަށެވެ. އަދި ރާއްޖެއަށް ގެއްލުންވާ ގޮތަށް އެއްވެސް ގައުމަކާއެކު ހާރިޖީ ގުޅުންތައް ބާއްވައިގެން ނުވާނެ ކަަމަށް ވިދާޅުވިއެވެ.

"ހުރިހާ ގައުމަކަށްވެސް މުހިންމުކަން ދޭން ޖެހޭނެ، އަވަށްޓެރި ގައުމުތަކަށް އަމުދުން. އެގައުމުތަކާ މެދުގައި ދިވެހިރާއްޖެއާ މެދުގައި އޮންނަ ގުޅުން އެއީ ދެފަރާތުގެ މަސްލަހަތުގެ މައްޗަށް ބިނާވެފަ އޮންނަ ގުޅުމަކަށް ވާންޖެހޭނެ. އަޅުގަނޑުމެން ގުޅުން ބާއްވާއިރު، އަޅުގަނޑުމެންނަށް ގެއްލުންވާނެ ގޮތަކަށް އެފަދަ ގުޅުމެއް ބާއްވައިގެން ނުވާނެ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ބައެއް މީހުން ހަތިޔާރު މާނަ ކުރަނީ އެކި ގޮތަށް ކަމަށާއި ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ހަނގުރާމަކީ އިންޓެލިޖެންސްގެ ހަނގުރާމަ ކަމަށެވެ. އެހެން ކަމުން ދާއިމީ ގޮތެއްގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އޭނާ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ހަތިޔާރަކީ ކޮބައިތޯ ފުރަތަމަ ކަމަކަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ހަނގުރާމަކީ އިންޓެލިޖެންސްގެ ހަނގުރާމަ. އެއީ ފެންނަން އޮންނަ ހަތިޔާރުތަކާއެކު އުޅޭ ބައެއް ނޫން. ޖެހިގެން ހުންނަ މީހާއަކީ ވެސް ސިފައިންގެ މީހެއް ކަމެއް ނުވެސް އެނގޭނެ. ހަތިޔާރަކީ ވަރަށް ތަފާތު ގޮތަކަށް މާނަ ކުރެވޭނެ އެއްޗެއް. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގައި ދާއިމީ ގޮތެއްގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ އަޅުގަނޑު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގަބޫލުކުރާ ކަމެއް ނޫން،" ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމެއްގެ ތެރޭގައި އެހެން ގައުމަކުން އައިސް ބޭނުންހާ ގޮތަކަށް ހަރަކާތްތެރިވާކަށް އެއްވެސް ގައުމަކުން ފުރުސަތެއް ނުދޭނެ ކަމަށެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ދިވެހި ގައުމުގެ މިނިވަން ކަމަށްޓަކައި ދިވެހިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ގައުމުގެ ތެރެއަށް އެހެން ބަޔަކަށް ވަދެވޭނީ މިގައުމުން އެ ފުރުސަތު ދިން މިންވަރަކުން ކަމަށެވެ.