މިނިސްޓްރީގެ އާ ބިޑް ކޮމިޓީއެއް އެކުލަވާލާފައިވަނީ ކުރިން މަސައްކަތް ކުރަމުންދިޔަ ބިޑް ކޮމިޓީގެ ދައުރު ހަމަވެގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ބިޑް ކޮމެޓީގެ ދައުރު ހަމަވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި އެ މިނިސްޓްރީގެ އާ ބިޑް ކޮމިޓީ އެކުލަވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

އޮންލައިން ނޫހެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ބިޑް ކޮމިޓީ އުވާލާފައިވަނީ ހުޅުމާލެ ޕްރީ ސްކޫލާ ގުޅިގެން ކަމަށް ސުވާލު އުފައްދާފައިވާތީ އެކަން ދޮގުކުރައްވައި އެ މިނިސްޓްރީން ބުނީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ލިޔުމަކީ އެ މިނިސްޓްރީއާ ސީދާ ގުޅުންހުރި ލިޔުމަކަށްވީ ނަމަވެސް އެކަމުގެ މައުލޫމާތުގެ ތެދުދޮގު އޮޅުންފިލުވުމަށް އެ މިނިސްޓްރީއާ އެ ނޫހުން ގުޅާފައި ނުވާ ކަމަށެވެ.

"މި މިނިސްޓްރީގެ ބިޑް ކޮމިޓީ 2020 ފެބްރުއަރީ 18 ގައި އަލުން އެކުލަވާފައިވަނީ ކުރިން މަސައްކަތް ކުރަމުންދިޔަ ބިޑް ކޮމިޓީގެ ދައުރު ހަމަވެގެން. އަދި އާ ބިޑް ކޮމިޓީ އެކުލަވާލާފައިވާނީ އެކަމާ ގުޅިގެން ހެދިފައި ހުރި ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ވަނީ ހަބަރު ފެތުރުމުގައި ވީހާވެސް ޒިންމާދާރުކަން އިސްކޮށް، ރައްޔިތުންނަށް ހަގީގަތް ނޯޅޭ ގޮތަށް ތެދު މައުލޫމާތު ގެނެސްދިނުމަށް އެދިފައެވެ.