އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީގެ ދަތުރުތަކާއެކު ދެ ގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީ ދަތުރުތަކުގެ ތެރެއިން އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން ކުޅުދުއްފުށި ސިޓީއަށް އައި ފުރަތަމަ މުދާ ފެރީ މިއަދު ހެނދުނު 6:30 ގައި އެ ސިޓީއަށް ވަނީ ބަނދަރުކޮށްފައެވެ. މުދާ ބަރުކޮށްގެން ކޮޗިންއިން އެ ފެރީ ފުރާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

"ކާގޯ ފެރީ ދަތުރުތަކާއެކު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ،" ރައީސްގެ ޓުވީޓުގައި ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަށް ބަނދަރު ކުރި ކާގޯ ފެރީން މުދާ ބޭލުމުގެ މަސައްކަތް ކުރިއަށްގެންދަނީ ބޭރު ބަނދަރުގައި ފެރީ ބާއްވައިގެން މުދާ އުފުލާ ދޯނި ފަހަރުތައް ފެރީއާ ކައިރިކޮށްގެންނެވެ. އެ ފެރީން ކުޅުދުއްފުއްޓަށް 20 ފޫޓުގެ ދެ ކޮންޓެއިނަރާއި، 500 ޓަނުގެ ސިމެންތި ބޭލުމަށް ހަމަޖެހިފައިވެއެވެ.

ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު ދެން އެ ފެރީން މުދާ ބޭލުމަށް އަންނާނީ މާލެއަށެވެ.