މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޝްރަދާ ކަޕޫރު އިންކާރުކޮށްފި އެވެ.

މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައެއްގައި ނާކޮޓިސް ކޮންޓްރޯލު ބިއުރޯ އަށް ހާޒިރުކޮށް ޝްރަދާ އާއި ސުވާލުކުރުމުން އޭނާ ވަނީ މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ޝްރަދާ ވަނީ ސުޝާންތު ސިންގު ރާޖުޕުތުއާއި އެކު އޭނާގެ ފާމްހައުސްއަށް ޕާޓީއަށް ދިޔަ ކަމަށް އެއްބަސް ވެފައެވެ.

ޓައިމްސް ނައުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޝްރަދާ ވަނީ ސުޝާންތު އާއިއެކު އޭނާގެ ފާމުހައުސްއަށް ޕާޓީއަށް ގޮސް ޕާޓީ ދޫކޮށް އެންމެ ފުރަތަމަ ދިޔަ މީހަކީ އޭނާ ކަމަށްވެސް ބުނެފައެވެ. ޝްރަދާ ވަނީ އެ ޕާޓީއަށް އޭނާގެ އިތުރުން 6 ނުވަތަ 7 މީހުން ދިޔަ ކަމަށްވެސް ބުނެފައެވެ.

މަސްތުވާތަކެތީގެ މުއާމަލާތްތަކެއް ޝްރަދާ ހިންގައި، ސުޝާންތުއާ އެކު އޭނާގެ ފާމު ހައުސްގައި މަސްތުވާތަކެތި ބޭނުން ކުރިކަމަށް ޝައްކު ކުރެވޭތީ ޝްރަދާ އެންސީބީއަށް ހާޒިރު ކުރީ އިއްޔެ ހެނދުނު 11:45 ގައެވެ. ޝްރަދާގެ އިތުރުން އެންސީބީ އިން ވަނީ ސާރާ އަލީ ހާން އަދި ދިޕިކާ ޕަޑްކޯނުވެސް މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައެއްގައި އެންސީބީއަށް ހާޒިރުކޮށްފައެވެ.