ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑްކޯނު އަދި އޭނާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް އާއެކު ވަޓްސްއެޕް މެދުވެރިކޮށް މަސްތުވާތަކެތީގެ ވާހަކަތައް ދައްކާފައިވާނެ ކަމަށް ދިޕިކާ އެއްބަސްވެއްޖެއެވެ.

މިއަދު ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ) އަށް ހާޒިރުކޮށް ދިޕިކާއާ ސުވާލުކުރުމުން މަސްތުވާތަކެތީގެ މުއާމަލާތްތައް ކޮށްފައިވާ ވަޓްސްއެޕް ޗެޓްތަކަކީ ސައްހަ ޗެޓްތަކެއް ކަމަށް ދިޕިކާ ވަނީ އެއްބަސްވެފައެވެ. އެ މެސެޖުތަކުގައި ދިޕިކާ ވަނީ މަސްތުވާތަކެތި ހުރިތޯ ބަލައި އެ އެއްޗެހި ބަލައި މީހަކު ފޮނުވާ ވާހަކަވެސް ދައްކައިފައެވެ. އެއީ 2017 ވަނަ އަހަރުގެ މެސެޖުތަކެކެވެ.

"ޓައިމްސް ނައު"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދިޕިކާގެ ޖަވާބުތަކާ ދޭތެރޭ ތަހުގީގު ކުރިއަށްގެންދިޔަ އެންސީބީގެ އޮފިޝަލުން އެހާ ހިތްހަމައެއް ނުޖެހެއެވެ. އެންސީބީގެ އޮފިޝަލުން އިތުރަށް ތަހުގީގުކޮށް މަސްތުވާތަކެތި އުފުލި ގޮތާއި، އޭގެ ހުރިހާ މުއާމަލާތްތައް ކުރި ގޮތް އޮޅުން ފިލުވާނެ ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ތަހުގީގު ކުރާ ކޮޓަރިއަށް ވަނުމުގެ ކުރިން ދިޕިކާގެ މޯބައިލް ފޯނުވެސް ބޭރުގައި ބޭއްވުމަށް އެންސީބީން ވަނީ އަންގައިފައެވެ. ދިޕިކާއާ ސުވާލުކޮށް ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ އެންސީބީގެ ފަސް މެންބަރުންގެ ޓީމެކެވެ.